މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވޯޓު ލައްވައިފިއެވެ.
ޝާހިދު ވޯޓުލައްވާފައިވަނީ މަޖީދިއްޔާ ސްކޫލްގެ ވޯޓު ފޮއްޓަށެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އަށެވެ. ގުދުރަތީ ގޮތުން ދިމާވާ ކާރިސާއެއްގައި ނޫނީ ވޯޓުގެ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މިއަދުގެ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މެޑަމް ސާޖިދާގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަަދު ސޯލިހް ވެސް ވަނީ ވޯޓު ލައްވާފައެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކައުންސިލްތަކުން ޖުމްލަ 626 ކެންޑިޑޭޓުން ކުރިމަތިލާފައި ވާއިރު، ސިޓީ ކައުންސިލްތަކަށް ވަނީ 52 ކެންޑިޑޭޓުން ކުރިމަތިލާފައެވެ. ހަމައެއާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 2961 ކެންޑިޑޭޓުން ކުރިމަތިލާފައި ވެއެވެ.
ޖުމްލަ 588 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވާ އިރު، އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައި ވަނީ މާލެ ސަރަހައްދުގައި ހެންވޭރު ދަނޑުގައެވެ. އެއީ 30 ވޯޓު ފޮއްޓެވެ. މާލެ ސަރަހައްދުގައި 241 ވޯޓު ފޮއްޓެއް ބަހައްޓާފައިވާ އިރު، މާލޭގައި 180 ފޮށި، ވިލިމާލޭގައި 9 ފޮށި، ހުޅުމާލޭގައި 51 ފޮށި ވަނީ ބަހައްޓާފައެވެ. އަދި އަތޮޅުތެރޭގައި 347 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
މި އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 294،876 މީހުން ތިބި އިރު އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،0370 ފިރިހެނުންނެވެ.
