ވަކި ޝަރުތުތަކެއް ހަމަވާ ބިދޭސީންނަށް މާސް ލީގަލައިޒޭޝަން ޕްރޮގްރާމްގެ ދަށުން ލީގަލައިޒްވުމުގެ ފަހު ފުރުސަތު ހޯމް މިނިސްޓްރީން ދީފިއެވެ.

އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން އަދި ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

އެ ފުރުސަތު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަަލަށް މީގެ ކުރިން ހުޅުވާލާފައިވީ ނަމަވެސް މިއަދު ހޯމް މިނިސްޓްރީން ގެޒެޓު ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް ސަރުކާރުން ހިންގާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ މުއްދަތު، 2026 މެއި 02 ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

މުއްދަތު އިތުރުކުރުމަށް ނިންމީ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެކަމަށް އެދެމުންދާތީ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ހަމަ އެހެންމެ މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒްވުމަށްޓަކައި ވޯކް ޕާމިޓްގެ މުއްދަތު ހަމަވެފައިވުން، ބްލެކްލިސްޓްކޮށްފައިވާ ބިދޭސީއެއް ކަމުގައި ނުވުން، ރާއްޖޭގައި މިވަގުތު ހުރުން އަދި ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވުން ފަދަ ޝަރުތުތަކެއް ހަމަވާން ޖެހެއެވެ. އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީންނަށް މި ފުރުސަތު ނުލިބޭނެއެވެ.

ހޯމް މިނިސްޓްރީން ބުނީ ވަޒީފާ ދޭނެ ފަރާތެއް ހުރި، ޝަރުތުތައް ހަމަވާ ބިދޭސީން ލީގަލައިޒްކުރުމަށް ހުށަހަޅާނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަޒީފާދޭ ފަރާތުން ކަމަށެވެ. ހުށަހެޅުމުގެ ޔޫޒާ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓްކުރާނެ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށްޓަކައި 1485 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލްކޮށްގެން މައުލޫމާތު ލިބޭނެއެވެ.