މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ އެންމެ ޕްރޮގްރާމަރަކަށް ނުވަތަ އެންމެ އުސޫލަކަށް ނޫން ކަމަށާއި މުޖުތަމައުގެ އެކި ގިންތިތަކަށް ހޯދައިދޭން ޖެހެނީ އެކި ހައްލުތައްކަން މި ސަރުކާރުން ގަބޫލުކުރާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވެއްޖެއެވެ.
ބީއެމްއެލް އިން ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ ތެރެއިން 1،190 ފްލެޓުގެ ބިންގާ އަޅަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދާއިމީ ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިފައިވާ އަސާސީ ރައްކާތެރިކަމަކަށް ހެދުމަށް ސަރުކާރުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި ސަރުކާރަށް ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫންކަމަށާއި، އެއީ އިންސާނިއްޔަތަށްޓަަކައި ކޮށްދޭންޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހިކަމަކީ މުޖުތަމައުގެ އެކި ހާލަތުގައި ތިބި މީހުންނަށް ހާއްސަކޮށް އެކި ގިންތިއަށް ހޯދައިދޭން ޖެހޭ ކަމެއް ކަމަށެވެ.
އެގޮތުން ބޭންކު ލޯނު މެދުވެރިކޮށް ފުރަތަމަ ބޯހިޔާވަހިކަން ގަތުމުގެ ފުރުސަތާއި ކުޑަ އާމްދަނީ ލިބޭ ބަޔަކަށް ލީޒް-ޓު އޯންގެ ދަށުން ސޯޝަލް ހައުސިންގެ ތެރެއިން ފްލެޓު އަޅަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނިކަމެތި، ދަތި ހާލުގައި ދިރިއުޅޭ މީހުންނަށް އިސްކަންދެވޭ ގޮތަށް މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރެވޭ އެންމެ ބޮޑު، އަދި އެންމެ ބޭނުންތެރި މަސައްކަތް ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ އާއިލާތަކަކީ ބޯހިޔާވަހިކަމުގެ އާންމު ސްކީމްތަކުން ފުލެޓް ނުލިބޭ ފަރާތްތައް ކަމަށެވެ. އަދި ވަރަށް ގިނަ ފަހަރަށް އެފަދަ މީހުންނަކީ ބާކީވެ ހަވާސާކޮށްފައިވާ މީހުންނަށްވާ އިރު ސަރުކާރުގެ މަސްއޫލިއްޔަތަކީ އެންމެ ފަގީރު އަދި އެންމެ ނިކަމެތި ފަރާތްތައް ހޯދައި ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.
އެގޮތުން ބޯހިޔާވަހިކަން އެންމެ ބޭނުންވާ މީހުންނަށް ދައުލަތުން ލުއިތަކާއެކު ފޯރުކޮށްދޭ ގެދޮރު ނުވަތަ ސޯޝަލް ހައުސިން ހަމަޖައްސައިދިނުމުގައި އެންމެ ނިކަމެތި ފަގީރު މީހުންނަށް އިސްކަން ދިނުމުގެ ގޮތުން، ހާއްސަ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
