އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ހަމަލާއާއި ގުޅިގެން ފެށުނު ހަނގުރާމައަށް މިއަދު އެއް މަސްވެފައިވާއިރު، މި ހަނގުރާމައިގެ ސަބަބުން މެދުއިރުމައްޗަށް ވަނީ ބޮޑު ނުރައްކަލަކާ ކުރިމަތިވެފައެވެ. އަދި ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް ވެސް ކުރަމުން އަންނައިރު ހަކަތަގެ އަގުތައް އުފުލި، މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލި، ޑިޕްލޮމެޓިކް ގުޅުންތައް ހީނަރުވެފައިވާއިރު ސުލްހަވެރިކަމަށް ކުރަމުން އަންނަ މަސައްކަތް ދަނީ ނާކާމިޔާބު ވަމުންނެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ފާއިތުވި ދުވަސްތަކުގެ ތެރޭގައި ސިޔާސީ، ސަލާމަތީ އަދި އިގްތިސާދީ ހާދިސާއަކާ ދިމާލަށް ދުނިޔެ ވަނީ ދަތުރުކޮށްފައެވެ. އިރާނުން ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށް އިޒްރޭލާ އެމެރިކާ ކުޑަކަކޫ މައްޗަށް ތިރިކުރުމަށް ހިފާފައިވާއިރު އެމެރިކާއިން ވަނީ އެކުވެރި ގައުމުތަކުން މި ހަނގުރާމައަށް އެހީވުމަށް ގޮވާލާފައެވެ. އެހެންނަމަވެސް އެ އެގައުމުގެ ހުށަހެޅުންތަކަށް ގައުމުތަކުން މާ ބޮޑު އިޖާބައެއް ދީފައެއް ނުވެއެވެ.
ހަނގުރާމައިގެ ފުރަތަމަ ހަފްތާ:
- މި ހަނގުރާމަ ފެށިގެން އައީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ދިން ވަރުގަދަ ހަމަލާއާއި އެކުގައެވެ.އިޒްރޭލުގެ ފުރަތަމަ ހަމަލާތަކުގައި ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ ތާއިދު ލިބިފައިވާ އީރާނުގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ ވަނީ އަވަހާރަކޮށްލާފައިވާއިރު މި ހަމަލާގައި ޖެނެރަލް އަބްދުއްރަހީމް މޫސަވީ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކޮމާންޑަރު މުހައްމަދު ޕަކްޕޫރު އާއި ހާމަނާއީގެ އެޑްވައިޒަރެއް ކަމަށްވާ އަލީ ޝަމްހާނީވެސް ވަނީ އަވަހާރަވެފައެވެ.
- މި ހަމަލާގެ ބަދަލުގައި އީރާނުގެ ރައްދު އަވަހެވެ. އެތައް ސަތޭކަ މިސައިލާއި ޑްރޯންތަކެއް ވަނީ މުޅި ސަރަހައްދުގައި ހުރި އިޒްރޭލާއި އެމެރިކާގެ އެސެޓްތަކުގެ އިތުރުން ގަލްފުގައި ހުރި މަދަނީ އަދި ހަކަތައާ ބެހޭ އަމާޒުތަކަށް ފޮނުވާލާފައެވެ.
- ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް މުހިންމު މަގެއް ކަމަށްވާ ސްޓްރޭޓް އޮފް ހޮރްމޫޒް ހަލުވިކަމާއެކު ބަންދުކުރުމުގައި ވެސް ތެހެރާނަށް ކާމިޔާބު ހޯދިއެވެ.
- ހަމަނުޖެހުން ހިނގިތާ 48 ގަޑިއިރު ނުވަނީސް ހިޒްބުالله އިން އިޒްރޭލަށް ރޮކެޓް ހަމަލާތައް ފޮނުވާލިއެވެ. އަދި އެއީ ހާމަނާއީގެ މަރާއި، 2024 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ލުބުނާނަށް ދެމުން އަންނަ ހަމަލާގެ ބަދަލު ހިފުމެއްކަން އިއުލާންކުރިއެވެ.
- މި ހަމަލާއާއި އެކު އިޒްރޭލުންވެސް ވަނީ ލުބުނާނަށް ދެމުން ދިޔަ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. ގަލްފް ސަރަހައްދުގެ ބައެއް އެއާޕޯޓްތައް ބަންދުކުރުމުގެ ސަބަބުން ވައިގެ ދަތުރު ފަތުރަށް ހުރަސް އެޅި ގިނަ ބަޔަކު އެއާޕޯޓުތަކުގައި ތާށިވިއެވެ.
- ހަނގުރާމައިގެ ފުރަތަމަ ހަފްތާ ނިމުނުއިރު އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގައި އީރާނުގައި 1332 މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ދެކުނުގެ ސިޓީއެއް ކަމަށްވާ މިނާބުގެ އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާއަކީ އެންމެ ގިނަ ބަޔަކު މަރުވި އެއް ހަމަލާއެވެ.
ހަނގުރާމައިގެ ދެވަނަ ހަފްތާ
- ހަނގުރާމަ ދެވަނަ ހަފްތާގައި އިރާނުން އެ ގައުމުގެ ބާރު ދުނިޔެ އަށް ދައްކާލާފައިވާއިރު، މިއީ އެމެރިކާއިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ރަހީނުކުރުމަށް ހިންގި އެއް ދުވަހުގެ އޮޕަރޭޝަން ފަދަ ފަސޭހަ އޮޕަރޭޝަނެއް ނޫންކަން އިރާނުން ވަނީ ސާބިތުކޮށްދީފައެވެ.
- އެމެރިކާ އާއި އިޒްރޭލުނުން އީރާނަށް ހަމަލާދީ، ފުރަތަމަ ފަހަރަށް ތެހެރާނުގެ ތެޔޮ ރައްކާކުރާ ޑިޕޯތަކަށް ހަމަލާދިނެވެ.
- މި ހަމަލާތަކުގެ ސަބަބުން ބޮޑެތި ދުންތަކެއް އުފެދި ނުވަ މިލިއަން މީހުން ދިރިއުޅޭ އެ ސިޓީގެ މައްޗަށް ކަޅު ވާރޭ ވެހިފައިވެއެވެ.ހިޒްބުالله އާއި އީރާނުން އެއްބައިވެ އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިނެވެ.
- އިރާނުން ހޮރްމޫޒް ކަނޑު އޮޅި ބަންދުކޮށް، އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުގެ ބޯޓުތަކަށް ވަރުގަދަ ހަމަލާތައް ދިނެވެ.
- އީރާނުން ގަލްފް ހުރަސްކޮށް ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާއަށް ހަމަލާ ދިނެވެ. މި ހަމަލާގައި ދެ މީހަކު މަރުވިއެވެ.
- އެމެރިކާގެ ޑިމާންޑްތަކަށް ފުރައްސާރަ ކުރުމުގެ ގޮތުން އީރާނުން ހާމަނާއީގެ ދަރިކަލުން މޮޖްތާބާ ރޫހާނީ ލީޑަރެއްގެ ގޮތުގައި އިސްކުރިއިރު އޭނާ ދެއްވި މެސެޖެއްގައި އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކާ ދެކޮޅަށް އީރާނުން ހަނގުރާމަކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައެވެ.
- މި ހަނގުރާމަ އަވަހަށް ނިމޭނެކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އިއުލާން ކުރި ނަމަވެސް އިޒްރޭލުގެ ގެ އޮފިޝަލުން ވަނީ މި ހަނގުރާމައިގައި އެއްވެސް ހައްދެއް ނެތް ކަމަށް ބުނެފައެވެ. އަދި ހިޒްބުاللهގެ ލީޑަރު ނާއިމް ގާސިމް ވަނީ އިޒްރޭލާއެކު ދިގު ދެމިގެންދާ ކުރިމަތިލުމަކަށް ތައްޔާރަށް އޮތް ކަން ހާމަކޮށްފައެވެ.
- އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކުގައި ގާތްގަނޑަކަށް 10،000 އާންމު ތަންތަނަށް ގެއްލުން ލިބިފައިވާ ކަމަށް އީރާނުން ބުނެފައިވާ އިރު މި ހަނގުރާމައާއި އެކު ހަނގުރާމައިގެ ވިލާގަނޑުގެ ދަށުގައި އޮތް ލުބުނާނުގައި ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު 800،000 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.
- ހަނގުރާމައިގެ ދެވަނަ ހަފްތާ ނިމުނުއިރު އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުގައި 770 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.
- ދުނިޔޭގެ އިގްތިސާދަށް ހަނގުރާމައިގެ އަސަރުކޮށް މާޗް މަހުގެ އަށް ވަނަ ދުވަހު ތެޔޮ ފީފާއެއްގެ އަގު 110 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. އެހެންނަމަވެސް އެ ހަފްތާގެ ފަހުކޮޅު ވަނީ 90 ޑޮލަރާއި 100 ޑޮލަރާ ދެމެދަށް ތެލުގެ އަގު ވެއްޓިފައެވެ.
- ދުނިޔޭގެ ތެޔޮ ސަޕްލައިއަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ރެކޯޑް އަދަދަކަށް،400 މިލިއަން ފީފާ ސާފުނުކުރާ ތެޔޮ ދޫކުރުމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީން އެއްބަސްވީ ވެސް ހަނގުރާމައިގެ ދެވަނަ ހަފްތާގައެވެ.
- ކޮންސިއުމާ ކޮސްޓްސް އިތުރުވެ، އިންފްލޭޝަން މަތިވުމުގެ ނުރައްކާ އޮތް ނަމަވެސް، އެމެރިކާއަކީ ހަކަތަ އުފައްދާ ބޮޑު ގައުމަކަށް ވާތީ ތެލުގެ އަގު ބޮޑުވުމުން އެމެރިކާއަށް ފައިދާ ކުރާނެ ކަމަށް ޓްރަމްޕް ލަފާ ދިނެވެ.
ހަނގުރާމައިގެ ތިންވަނަ ހަފްތާ
- ހަނގުރާމައިގެ ތިންވަނަ ހަފްތާގައި ވައިގެ ހަމަލާތަކާއި ރޮކެޓް ހަމަލާތަކުގެ އިތުރަށް ވަރުގަދަ ވެގެން ދިޔައެވެ. އިޒްރޭލުން އީރާނުގެ އެތެރޭގައިވާ ބޮޑު ގޭސް ފީލްޑަކަށް ބޮން ގޮއްވާލުމުން މުޅި ސަރަހައްދުގައި ހުރިހާ ގޮތަކުން ވެސް ހަކަތައާ ބެހޭ ހަނގުރާމައެއްގެ ނުރައްކާ ކުރިމަތިވިއެވެ.
- އީރާނުން ރައްދުދީ ގަތަރުގެ ރާސްލަފާން ލިކުއިފައިޑް ނެޗުރަލް ގޭސް ފެސިލިޓީ އާއި އިޒްރޭލުގެ ތެޔޮ ރިފައިނަރީ ހިމެނޭ ގޮތަށް މުޅި ސަރަހައްދުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދީފައިވެއެވެ.އީރާނުން އައި ބޮޑެތި ދެ މިސައިލް އިޒްރޭލުގެ ސަލަމާތީ ގިނަ ފަށަލަތަކެއް އެކުލެވޭ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލާ ދެކުނުގެ ސިޓީތަކެއް ކަމަށްވާ ދިމޯނާ އާއި އަރާދަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
- މި ހަފްތާގައި އިޒްރޭލުގެ ހަމަލާއެއްގައި އީރާނުގެ ސަލާމަތީ ވެރިޔާ އަލީ ލާރިޖާނީ އާއި ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ވެރިޔާ އުލަމްރެޒާ ސުލައިމާނީ އަވަހާރަވިއެވެ. ލާރިޖާނީ އަވަހާރަވުމުގެ ކުރިން މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކަށް ހަ ނުކުތާގެ މެސެޖެއް ނެރެ، އީރާނަށް ތާއީދު ނުކުރާކަން ކުށްވެރިކޮށް، އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އޭނާގެ ގައުމުން ފަސްނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.
- އެމެރިކާގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖޯ ކެންޓް ވަނީ ހަނގުރާމައާ ދެކޮޅަށް މުޒާހަރާކޮށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.
- ސައުދީ އަރަބިއްޔާއިން ވަނީ އެގައުމުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާ އާއި އަސްކަރީ މަރުކަޒުތަކަށް އީރާނުގެ ހަމަލާތައް ދިނުމުން އީރާނަށް އޮތް ކުޑަކުޑަ އިތުބާރު މުޅިން ފުނޑުފުނޑުވެފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ސައުދީ އަށް ދިން ހަމަލާއަކީ އެމެރިކާގެ ބޭސްތަކަށް އަމާޒުކޮށް އިރާނުން ފޮނުވާލި ހަމަލާއެއްކަން ފާހަގަކުރެވެވެ.
- އީރާނުގެ ރެޑް ކްރެސެންޓުން ވަނީ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 1،444 އަށް ވުރެ މަތިކަމަށާއި މަދުވެގެން 204 ކުޑަކުދިން މަރުވެފައިވާކަން ހާމަކޮށްފައެވެ.އީރާނުގެ ހަމަލާތަކުގެ ސަބަބުން ގަތަރުގެ ލިކުއިފައިޑް ނެޗުރަލް ގޭސް އެކްސްޕޯޓް ކުރުމުގެ ކެޕޭސިޓީގެ 17 އިންސައްތަ ނޮކް އައުޓްވެ، އަހަރަކު 20 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ގެއްލިފައިވާ ކަމަށް ގަތަރު އެނާޖީން ވަނީ ބުނެފައެވެ.
- މި ގެއްލުންތަކުގެ ސަބަބުން ޔޫރަޕާއި އޭޝިއާގެ ހަކަތަ މާކެޓްތަކަށް އޭގެ އަސަރު ކުރާނެ ކަމަށް ބެލެވުނެވެ. އެމެރިކާގައި ޕެޓްރޯލްގެ އަގު 3.90 ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއީ ހަނގުރާމަ ފެށުމުގެ ކުރިން އަޅާބަލާއިރު ގާތްގަނޑަކަށް އެއް ޑޮލަރު އިތުރު އަދަދެކެވެ.
ހަނގުރާމައިގެ ހަތަރުވަނަ ހަފުތާ
- އެމެރިކާއިން ވަނީ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް އީރާނާ އެކު ސުލްހައިގެ ވާހަކަދެއްކުމަށް މަސައްކަތްކޮށްފައެވެ. އޭގެ ފަހުން ޓްރަމްޕް ވަނީ 48 ގަޑިއިރުގެ ތެރޭގައި އީރާނުން ސްޓްރޭޓް އޮފް ހޯރްމޫޒް ފުރިހަމައަށް ނުހުޅުވައިފިނަމަ އެގައުމުގެ އިންޖީނުގެތައް ނައްތާލާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. ނަމަވެސް ފަހުން އެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށް، އޭގެ ފަހުން އިތުރު 10 ދުވަހަށް އިތުރުކުރިއެވެ.
- އިޒްރޭލުން އީރާނުގެ ދަގަނޑު ފެކްޓްރީތަކާއި ނިއުކްލިއާ ރިއެކްޓަރަކަށް ބޮން ގޮއްވާލުމުން މުޅި ސަރަހައްދުގެ ސިނާއީ ތަންތަނަށް ނުރައްކާ ކުރިމަތިވިއެވެ.
- ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އީރާނުން “އާދޭސް” ކުރަމުންދާ ކަމަށް ޓްރަމްޕް ބުނަމުން ދިޔަ ނަމަވެސް އީރާނުގެ އޮފިޝަލުން ވަނީ ވޮޝިންޓަނާ ސީދާ ގުޅުމެއް އޮތް ކަމަށް ދޮގުކޮށްފައެވެ. އަދި އެމެރިކާއިން 15 ނުކުތާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނެއް އީރާނަށް ފޮނުވި ނަމަވެސް އިރާނުން ވަނީ އެ ހުށަހެޅުންތަކަށް ދެކޮޅު ހަދާފައެވެ.
- ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އީރާނާ ދެކޮޅަށް ނުކުންނާނެ ފަދަ އިޝާރާތެއް ދީފައިވާއިރު އެ ގައުމުގެ ފޮރިން މިނިސްޓަރު އަބްދުބިން ޒައިދު ވިދާޅުވީ އޭނާގެ ގައުމު ދުވަހަކުވެސް ޓެރަރިސްޓުންގެ ބްލެކްމެއިލް ކުރުމަށް ފަސް ނުޖެހޭނެ ކަމަށެވެ. މި ހަނގުރާމައިގެ އެއްފަރާތުގައި ތިބި ޔަމަނުގެ ހޫތީ ޖަމާއަތުން ބުނީ ރަތް ކަނޑު ބޭނުންކޮށްގެން އީރާނާ ދެކޮޅަށް ހަމަލާތައް ދޭނަމަ ނުވަތަ ހަމަނުޖެހުން އިތުރަށް ގޯސްވެއްޖެ ނަމަ ހަނގުރާމައާ ގުޅެން ތައްޔާރަށް އޮތް ކަމަށެވެ.
- މި ހަނގުރާމަ ފެށުނު ފަހުން އިރާނުގައި މަރުވި މީހުންގެ އަދަދު 2،000 އާއި ގާތްވެފައިވާއިރު، މުޅި ގަލްފުން 25 މީހަކު މަރުވެފައިވެ އެވެ. މީގެ އިތުރުން އިޒްރޭލުން ދިން ހަމަލާތަކުގައި ލުބުނާނުގައި 121 ކުޑަކުދިން މަރުވެފައިވާއިރު އެގައުމުގައި މަރުވި މީހުންގެ އަދަދު 1،116 އަށް އަރައެވެ.
- އިޒްރޭލުން ލުބުނާނަށް އަރައިގަނެ ބޮން ގޮއްވާލުމުގެ ސަބަބުން 1.2 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލުފައިވާއިރު އިންސާނީ ކާރިސާއެއް ކުރިމަތިވުމުގެ ނުރައްކާ އޮތް ކަމަށް އދ. އިން ވަނީ އިންޒާރު ދީފައިވެއެވެ.
- ސަޕްލައިގެ ބިރު އޮތް ދަނޑިވަޅެއްގައި ތެޔޮ ފީފާއެއްގެ އަގު 112 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ 2022 ވަނަ އަހަރަށް ފަހު އެންމެ މަތީ އަދަދެވެ.
- ހަނގުރާމައާ ގުޅިގެން އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރަމުން އަންނައިރު އެމެރިކާގެ ހިއްސާގެ ބާޒާރު ދަށަށް ގޮސް، އެސް އެންޑް ޕީ 500 އާއި ނަސްޑޭކް ހިމެނޭ ބޮޑެތި އިންޑެކްސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި އީރާނުގެ މަތީ ފެންވަރުގެ ގިނަ ލީޑަރުންތަކެއް މަރާލާފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާގެ މެންބަރުން ހިމެނޭ ގޮތަށް މެދުއިރުމަތީގެ ވަށައިގެން އިތުރު ގައުމުތަކުން މަރުވި މީހުންގެ ސީދާ އަދަދު އަދި ނޭގުނު ނަމަވެސް އެ ގައުމުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ. އަދި މި ހަނގުރާމަ ނިމޭނެ ކަމުގެ އެއްވެސް އަލިމަގެއް ފެނިފައި ނުވާއިރު ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް ކުރާނެކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. އަދި ދިގުދެމިގެންދާ ބޮޑު ހަނގުރާމައެއް ފެށިއްޖެނަމަ، ގައުމުތައް ފުޑިދާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުުކުރަމުން އަންނައިރި ގައުމުތަކުން ވަނީ ހަރަދުކުޑަކޮށް، ހަނގުރާމައިގެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ.
