މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން އަވަށްޓެރި ލަންކާގައި ތާށިވި ގިނަ އަދަދެއްގެ ކޮންޓެއިނަރު ކްލިއާކޮށްފައިވާ ކަމަށް އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ، ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ވަޒީރުންގެ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިދިޔަ ހަފްތާަގައި އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލަންކާގައި ގިނަ އަދަދެއްގެ ކޮންޓެއިނަރު ތާށިވެފައިވާ މައްސަލަކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ، ހުސްވި ހަފްތާގައި ލަންކާގައި 4241 ތާށިވެފައިވާ ކަމަށެވެ.

އެއާއެކު ކަމާ ގުޅުންހުރި އިދާރާތަކާއެކު ކުރެވުނު މަސައްކަތުން 2500 ކޮންޓެއިނަރު ކްލިއާކޮށް ބާކީ މިހާރު އެ ގައުމުގައި ހުރީ 1741 ކޮންޓެއިނަރު ކަމަށް ސައީދު ވިދާޅުވިއެވެ.

ހަމަ އެހެންމެ މާލޭ ބަނދަރުގައި އޮތް ބޯޓުގައި 1200 ކޮންޓެއިނަރުގެ މުދާ އެބަހުރި ކަމަށާއި މި ހަފްތާގެ ތެރޭގައި 2500 ކޮންޓޭނަރު މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެގޮތުން ކޮންޓެއިނަރުތައް ރާއްޖެ ލިބޭނެ ދުވަސްތަކަކީ:

  • 12 އޭޕްރީލްގައި 500 ކޮންޓެއިނަރު
  • 13 އޭޕްރީލްގައި 500 ކޮންޓެއިނަރު
  • 14 އޭޕްރީލްގައި 1000 ކޮންޓެއިނަރުގެ އިތުރުން 500 ޓީއީޔޫގެ އުޅަނދު އަންނާނެ ކަމަށްވޭ

ބާޒާރުގައި މުދާ ހުސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި ސަރުކާރުން މިހާރު އިސްކަންދެމުންދަނީ އެންމެ ބޭނުންތެރި މުދާ ހުރި ކޮންޓެއިނަރުތައް އަވަހަށް ގެނައުމަށެވެ. އެގޮތުން، ބާޒާރުގެ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު މައުލޫމާތަށް ބިނާކޮށް، ސަންފްލާވާ ތެލާއި ކިރު ހިމެނޭހެން 80 ކޮންޓެއިނަރެއް އަވަސްކޮށްދިނުމަށް ލަންކާގެ ކަމާގުޅުންހުރި އިދާރާތަކުގައި މިދިޔަ ހަފްތާ އެދިފައިވެއެވެ.

މީގެ އިތުރުން ވެސް އިގްތިސާދީ ވުޒާރާގެ އަމާޒަކީ އެފަދަ މުދާ ހުސްވުމުގެ ކުރިން ރާއްޖެއަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި، ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ކަންކަން ތަރުތީބު ކުރުން ކަމަށް ސައީދު ވިދާޅުވިއެވެ.