އެމެރިކާ އާއި އިޒްރޭލުން އިސްވެ، އިރާނަށް ދިން ހަމަލާއާއި ގުޅިގެން ފެށުނު ހަނގުރާމަ ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލަން އެއްބަސްވުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާން ފަށައިފިއެވެ.

އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި ބްރިޖްތަކާއި ހަކަތައިގެ ވިއުގަ އެކީއެކަށް ފުނޑުފުނޑު ކޮށްލައި، މުޅި ހަޟާރަތް އެކަށް ނެތިކޮށްލައްވާނެ ކަމަށް ވިދާޅުވުމަށް ފަހު 2 ހަފްތާއަށް ހަމަލާތައް ހުއްޓާލަން ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. މި އެއްބަސްވުމާއެކު އިރާނުން ވަނީ ހުރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ވަނީ ނިންމާފައެވެ. އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އާރާގްޗީ ވަނީ އެ މުއްދަތުގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން، ރައްކާތެރިކަމާއެކު އުޅަނދުފަހަރަށް ދަތުރުކުރެވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިއާއެކު،ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް މިވަނީ ބަދަލު އަންނަން ފަށާފައެވެ. ބޭރުގެ ހަބަރުތައް ގެނެސްދޭ މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މިވަގުތު މިހާތަނަށް ތެލުގެ އަގު 8 ޕަސެންޓަށް ވަނި ދަށަށް ގޮސްފައެވެ.

އެގޮތުން އެމެރިކާގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ގާތްގަނޑަކަށް 14.7 އިންސައްތައަށް ވަނީ ވެއްޓިފައެވެ. އެ ގައުމުގައި އިއްޔެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 117 ޑޮލަރަށް ހުރިއިރު މިވަގުތު ވަނީ 96.27 ޑޮލަރަށް ވެއްޓިފައެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ބްރެންޓް ކްރޫޑް ތެލުގެ އަގު 14.4 އިންސައްތަ ދަށްވެ 93.48 ޑޮލަރަށް ވެއްޓިފައެވެ.

ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށް އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށް ގެންދިޔަ ނުރަސްމީ މަޝްވަރާތަކަށް ފަހު 2 ހަފްތާގެ މުއްދަތަށް ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވާއިރު އިޒްރޭލުންވެސް ވަނީ ލުބުނާނަށްދޭ ހަމަލާތައް ހުއްޓާލައިފައެވެ. ނަމަވެސް ލުބުނާނުގެ ލިޓާނީ ކޯރާ ހަމައަށް ވަދެ އިޒްރޭލާއި ލުބުނާނު ގުޅޭ އިމުން 30 ކިލޯމީޓަރުގެ ސަރަހައްދު ހިފައިގެން ތިބި އިޒްރޭލު ސިފައިން ފައިބައިގެނެއް ނުދެއެވެ.