އެމެރިކާ އާއި އީރާނާ ދެމެދު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، އީރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކޮށް، ހުރްމޫޒް ކަނޑުއޮޅި ބަންދުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައި ވަނީ ހޯމަ ދުވަހު މި މަސައްކަތް ފަށާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ މަޝްވަރާތަކަށް އީރާނުން އެނބުރި އައުމާ މެދު އޭނާ ފަރުވާލެއް ނުބަހައްޓަވާ ކަމަށާއި، އެމެރިކާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ކަމަށެވެ. އެމެރިކާގެ ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، މަޝްވަރާތަކުގައި ގިނަ ކަންތައްތަކަކަށް އެއްބަސްވެވުނު ކަމަށެވެ. ނަމަވެސް އެންމެ މުހިންމު ކަންތައް ކަމަށްވާ ނިއުކްލިއާ މައްސަލައަށް ހައްލެއް ނުލިބުނު ކަމަށާއި، އީރާނުން ބޭނުންވަނީ ނިއުކްލިއާ ހަތިޔާރު އުފައްދަން ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެމެރިކާގެ ނައިބުރައީސް ޖޭޑީ ވޭންސް ވިދާޅުވެފައި ވަނީ، އެ މަޝްވަރާތަކުން އެއްވެސް އަލިމަގެއް ނުފެނުނު ކަމަށާއި އީރާނަށް ދެވޭނެ އެންމެ 'ބެސްޓް އޮފާ އަދި އެންމެ ފަހު ފުރުސަތު' ދެއްވާފައި ވާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވަނީ، ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރުން އީރާނަށް ޓޯލް ނެގުމަކީ ފޭރުމުގެ އަމަލެއް ކަމަށާއި، އީރާނަށް ފީ ދައްކާ އެއްވެސް އުޅަނދަކަށް ރައްކާތެރިކަމެއް ނޯންނާނެ ކަމަށެވެ. އަދި އީރާނުގެ ކަނޑުގެ ސިފައިންގެ ބާރު ކަނޑުވާލެވިފައިވާ ކަމަށާއި، އެ ގައުމުގެ 158 އުޅަނދެއް ނައްތާލެވިފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
މަޝްވަރާތައް ނާކާމިޔާބުވުމާއި އޭގެ ނަތީޖާ
އިސްލާމްއާބާދުގެ ސެރީނާ ހޮޓެލްގައި 21 ގަޑިއިރަށްވުރެ ދިގުދެމިގެންދިޔަ މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން އިސްކޮށް ހުންނެވީ ނައިބު ރައީސް ޖޭޑީ ވެންސްއެވެ. އީރާނުގެ ފަރާތުން އިސްކޮށް ހުންނެވީ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގަލިބާފްއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް މެދުވެރިއެއްގެ ދައުރު އަދާކުރެއްވި މި މަޝްވަރާތަކުގައި އެމެރިކާއިން ވަނީ 15 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް އީރާނަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޔުރޭނިއަމް ފައްކާކުރުން ހުއްޓާލުމާއި، ނިއުކްލިއާ މަރުކަޒުތައް ނައްތާލުމާއި، ހަމާސް އާއި ހިޒްބުﷲ އަދި ހޫތީންނަށް ފައިސާ ދިނުން ހުއްޓާލުމުގެ އިތުރުން ހިލޭ ދަތުރުކުރެވޭނެ ގޮތަށް ހުރްމޫޒް ކަނޑުއޮޅި ހުޅުވާލުން ހިމެނެއެވެ. ނަމަވެސް އީރާނުން ވަނީ މި ޝަރުތުތަކަށް ދެކޮޅު ހަދާފައެވެ.
މަޝްވަރާތައް ނާކާމިޔާބުވުމާއެކު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ހުރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމީހުންގެ އަތުގައި އޮތް ކަމަށާއި، އެމެރިކާގެ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ގަލިބާފް އެނބުރި ގައުމަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއިން ހަނގުރާމަ ކުރާނަމަ އީރާނުންވެސް ހަނގުރާމަ ކުރާނެ ކަމަށެވެ. އެ މައްސަލައިގައި ވާހަކަ ދައްކަވަމުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިޔާން ވިދާޅުވެފައި ވަނީ، އެމެރިކާއިން އެ ގައުމުގެ ހުދުމުހުތާރު ސިޔާސަތު ދޫކޮށްލައިފިނަމަ އަދިވެސް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ. ނަމަވެސް އެމެރިކާގެ ނައިބު ރައީސް ވެންސް ވިދާޅުވީ އީރާނުން އެމެރިކާގެ އެންމެ ފަހުގެ ހުށަހެޅުން ގަބޫލުނުކުރާހާ ހިނދަކު ދެން އިތުރު ދޫދިނުމެއް ނެތް ކަމަށެވެ.
ކަނޑުއޮޅި ބަންދުކުރުމުގެ އަސަރާއި ސަރަހައްދީ ހަމަނުޖެހުން
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އިއުލާނުކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހުގެ 14:00 (ޖީއެމްޓީ) އިން ފެށިގެން އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ ހުރިހާ ގައުމެއްގެ އުޅަނދުތައް ހުއްޓުވާނެއެވެ. މީގެ ތެރޭގައި އަރަބި ކަނޑާއި އޮމާން ކަނޑުގައިވާ އީރާނުގެ ހުރިހާ ބަނދަރުތަކެއް ހިމެނެއެވެ. ނަމަވެސް އީރާނުގެ ބަނދަރުތަކަށް ނުދާ އުޅަނދުތަކަށް ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމަށް ހުރަހެއް ނާޅާނެ ކަމަށް އެމެރިކާއިން ބުނެފައި ވެއެވެ. މި ފިޔަވަޅަކީ އީރާނުގެ އިގުތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް ގެނުވާނެ ކަމެއް ކަމަށް މާހިރުން ދެކެއެވެ.
މި ގޮތަށް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން މުޅި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ވެސް މާހިރުން ލަފާކުރެއެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 އިންސައްތަ ދަތުރުކުރަނީ ހުރްމޫޒް ކަނޑުއޮޅިން ކަމަށް ވާއިރު، މި ސަރަހައްދުގައި އުފެދޭ ކޮންމެ ހަމަނުޖެހުމަކީ ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމެކެވެ. މީގެ އިތުރުން، އެމެރިކާގެ މަނަވަރުތަކަށް އީރާނުގެ ކުދި އުޅަނދުތަކާއި ޑްރޯން އަދި މިސައިލް ހަމަލާތަކުގެ ނުރައްކާ ބޮޑުވެ، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވުމުގެ ބިރު ބޮޑުވެފައި ވާކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ. މި މައްސަލައިގައި ޗައިނާ ފަދަ ބޮޑެތި ބާރުތަކުން އަދި ކަންބޮޑުވުން ފާޅުކޮށްފައި ނުވިނަމަވެސް ޗައިނާއަކީ އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ގައުމު ކަމަށް ވުމުން މި މައްސަލައިގެ ތެރެއަށް ވަނުން ގާތްކަމަށް މާހިރުން ލަފާ ކުރެއެވެ.
އެމެރިކާ އާއި އިޒްރޭލް އަދި އީރާނާ ދެމެދު ފެށި ހަނގުރާމަ 6 ހަފްތާއަށް ފަހު 2 ހަފްތާގެ މުއްދަތަށް ވަގުތީ ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރީ މީގެ ފަސް ދުވަސް ކުރިންނެވެ. އޭޕްރީލް 22 އާ ހަމައަށް ދެމިއޮންނާނެ ކަމަށް ބެލެވުނު މި އެއްބަސްވުން، އެމެރިކާއިން ކަނޑުއޮޅި ބަންދު ކުރަން ނިންމުމާއެކު މިހާރު ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައެވެ.
