ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އުފުލުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވިދާޅުވީ، ދުނިޔޭގެ ތެލުގެ އަގު ވަރަށް ބޮޑުތަނުން ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ގަންނަ ތެލުގެ ފީފާއެއްގެ އަގު 160 ޑޮލަރާ ހަމައަށް އަރާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ. ނަމަވެސް، ރާއްޖޭގައި ތެލުގެ އަގުބޮޑުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޒަމީރު ވިދާޅުވިއެވެ.

އެކަށީގެންވާ މިންވަރަށް ތެލުގެ ސްޓޮކު އެބަހުރި ކަމަށާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދެ ޓޭންކަރަކުން ރާއްޖެއަށް ތެޔޮ ގެނެސްފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި އެކަށީގެންވާ ވަރަށް ތެލުގެ ސްޓޮކް ރާއްޖޭގައި އެބަ ހުރިކަން ފާހަގަކޮށް މިނިސްޓަރު ވަނީ ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އަނެއްކާވެސް އިތުރަށް ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

" އޭޕްރިލް ދޭއް ތިނެއް ހިސާބުގައި އަަންނާނެ ސިންގަޕޫރުން ބަރުކޮށްގެން އަންނަ އުޅަނދެއް، އޭގައިވެސް ޑީސަލް އާއި ޕެޓެރޯލް ހުންނާނެ، އަދި އޭޕްރިލް ހަތަރެއް ނޫނީ ފަހެއް ހިސާބުގައި އޮމާންގެ ސޮހާރުން ބަރުކޮށްގެން އަންނަ، އަޅުގަނޑުމެންގެ ސްޕޮޓުން ހަޔާކޮށްގެން އަންނަ ވެސަލް އެބަ އާދޭ، އެހެންވީމަ ދުވަހުން، ދުވަހަށް ބޭނުންވާނެ ތެޔޮ އިރާދަކުރެއްވިއްްޔާ އެބަހުރި"
ޒަމީރު

އެސްޓީއޯ އިން މިވަގުތު ޕެޓްރޯލް ލިޓަރެއް ވިއްކަނީ 16.01ރ. އަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 17.54ރ. އެވެ.

މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރުން ތެޔޮ ސަޕްލައި ކުރުމަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ހާލަތުގެ އަސަރު ރާއްޖެ އާއި ދިވެހިންނަށް ކުރާވަރު ވީހާ ވެސް ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާ އެކު، ވަރަށް ހަލުވިކޮށް، ރޭވުންތެރިކަމާ އެކު ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ދާދިފަހުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

އެ ފިޔަވަޅުތަކުގެ ދަށުން އެސްޓީއޯ އިން އަންނަނީ ރާއްޖެ އަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނެ ގޮތުގެ މަތީން ދަމަހައްޓަމުން ކަމަށް މިނިސްޓަރު އޭރުވެސް ވިދާޅުވިއެވެ.