އީރާނަށް ހަމަލާ ދިނުމަށް އީރާނުގެ ވައިގެ ތެރެއަށް ވަން އިޒްރޭލުގެ އެފް16 މަރުކާގެ ބޯޓަކަށް ހަމަލާދީފައި ވާކަމަށް އީރާނާއި އިޒްރޭލުން ބުނެފިއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ, އިޒްރެޅުގެ އެފް16 އަށް ހަމަލާ ދިނީ އީރާނުން އަމިއްލައަށް ތަރައްގީކޮށްގެން ބޭނުން ކުރަމުން ގެންދާ, މިސައިލުން ދިފާއުވާ ނިޒާމުގެ އެހީގައި ކަމަށެވެ.

އިޒްރޭލުން ބުނެފައި ވަނީ, އީރާނަށް ހަމަލާދޭން އުފުހުނު ބޯޓަކަށް އީރާނުގެ ހަމަލާއެއް އަމާޒުވެ ބޯޓަށް ގެއްލުންތަކެއް ލިބުނު ކަމަށާއި ނަމަވެސް ޕައިލެޓް ސަލާމަތުން ފުންމާލާފައި ވާ ކަމަށެވެ.

އީރާނުން ބުނެފައިވަނީ އެގައުމަށް ހަމަލާ ދިނުމަށްޓަކައި ބޮން އަޅާ ބޯޓުގެ 200 އަށްވުރެ ގިނަ ބޯޓަށާއި ޑްރޯން އަދި ކްރޫޒް މިސައިލާއި ދުޝްމަނުން ދުއްވާ އެންމެ އެޑްވާންސް ފައިޓާ ޖެޓުތަކަށް ވެސް ހަމަލާ ދީ ނައްތާލައިފައި ވާ ކަމަށެވެ. މިއީ ބައިނަލްއަގުވާމީ އެއްވެސް އިދާރާއަކުން ހާމަ ކޮށްފައިވާ މައުލޫމާތަކަށް ނުވާތީ, ދަ ޕްރެސް އަށް ވެސް ވެރިފައި ކުރެވިފައިވާ މައުލޫމާތެއް ނޫނެވެ.

ދާދި ފަހުން އީރާނުން ވަނީ, އެމެރިކާ ފަހުރެއް ކަމަށް ދެކޭ, ރާޑަރަށް ނާރާ އެފް35 މަރުކާގެ ބޮން އަޅާ ބޯޓަކަށް ވެސް ހަމަލާ ދީފައެވެ. މިއީ މިފަދަ ބޯޓަކަށް ހަމަލާ ދިނުމަށް މީގެ ކުރިން އެއްވެސް ގައުމަކަށް ކުރެވިފައިވާ ކަމެއް ނޫނެވެ.

އެމެރިކާ ނޫން އެހެން ބައެއްގެ އަތުގައި އަދި ނެތް ޓެކްނޮލޮޖީގައި އުފައްދާ ކާމިޔާބު ކަމާއެކު ބޭނުން ކުރާ އެފް35 އަށް އީރާނުން ހަމަލާ ދިނީ އަމިއްލައަށް ތަރައްގީ ކުރި މިސައިލުން ދިފާއުވާ ނިޒާމާކުން ކަމަށް އީރާނުން ބުނެއެވެ.

'މާޖިދް އިންފްރާރެޑް ސިސްޓަމް' ގެ ނަމުން ނަންދީފައިވާ އެ ނިޒާމުގެ އެހީގައި އެފް35 އަށް ހަމަލާ ދެވުން ފަހުރުވެރިކަމާއެކު އީރާނުން ގެންދަނީ ފާހަގަ ކުރަމުންނެވެ.

މި ހަމަލާއަށް ފަހު އީރާނުގެ ކޮމާންޑަރުން ބުނެފައި ވަނީ 'ޓްރަމްޕަށް ސަޕްރައިޒް ހުރިކަން މިހާރު އިނގެންވާނެ' ކަމަށެވެ.

އީރާނުން ބުނެފައިވަނީ އީރާނު އަތުގައި އަދިވެސް އެޑްވާންސް ހަތިޔާރު ހުރި ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ފެނިގެންދާނެ ކަމަށް ބުނެފައި ވާ އީރާނުން މިއަދު ވަނީ, ރާއްޖޭގެ ދެކުނުގައި އޮންނަ ފޯޅަވައްސަށް ވެސް މިސައިލް ހަމަލާއެއް އަމާޒު ކޮށްފައެވެ. ފޯޅަވައްސަކީ އިނގިރޭސީންނާއި އެމެރިކާ ގުޅިގެން ހިންގާ އަސްކަރީ ބޭހެކެވެ. އެތަނަކީ އީރާނާ 4000 ކިލޯމީޓަރު ދުރުގައި އޮންނަ ތަނަކަށް ވާއިރު އެތަނަށް ފޯރާވަރުގެ މިސައިލް އީރާނުގައި ހުރުމަކީ އެމެރިކާ އާއި ހުޅަނގު ހައިރާން ކޮށްލި ކަމެކެވެ.