މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ. މިފްކޯ ތަރައްގީކޮށް ހަރުދަނާ ކުރުމަށް ޗައިނާ މެޝިނަރީ އިންޖީނިއަރިންގް ކޯޕަރޭޝަން (ސީއެމްއީސީ) އާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

އެގޮތުުން މިއަދު މިނިސްޓްރީއޮފް ފިޝަރީޒްގައި ބޭއްވި ހާއްސަ ރަސްމީޔާތުގައި މިފްކޯއިން ސީއެމްއީސީ އާއެކު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

މިފްކޯއިން ބުނީ ސޮއިކުރެވުނު އެއްބަސްވުންތަކުގެ މަގްސަދަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖް އަދި މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ގާބިލްކަން އިތުރުކުރުންކަމަށެވެ.

މި އެއްބަސްވުންތަކުގެ ދަށުން ތ. ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އަދި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްގީކުރުމާއި، ގދ. ތިނަދޫގައި މިފްކޯ އިން ކުރިއަށްގެންދާ މަސްގަނެ، ފިނިކޮށް ރައްކާ ކުރުމަށްޓަކައި ފަށާފައިވާ ޕްރޮޖެކްޓް އިތުރަށް ފުރިހަމަކޮށް ފުޅާކުރުމާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސައަށް މަސްގަނެ، ރައްކާކުރުމުގެ ގާބިލްކަން ފުޅާކުރުމުގެ އިތުރުން، ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ފެކްޓަރީއެއް އައްޑޫގައި ޤާއިމު ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

މިފްކޯއިން ބުނީ ޗައިނާގެ އެންމެ ބޮޑު އެއްކުންފުނި ކަމުގައިވާ ސީއެމްއީސީ އާއި މިފްކޯއާއި ދެމެދު ސޮއި ކުރެވުނު މި 3 އެއްބަސްވުމާ ގުޅިގެން ފެށިގެންދާ މަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކޮށް ފުޅާކުރުމަށާއި، ރާއްޖޭގައި ވެލިއުއެޑްކޮށް އެކްސްޕޯޓް ކުރުމަށް މަގުފަހި ކުރުމަށް ސަރުކާރުން މިފްކޯ މެދުވެރިކޮށް ކުރަމުންގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަމަށެވެ.