މުސްލިމު އުއްމަތަށް ބާއްވާލެއްވި އިސްލާމް ދީނު ފުރިހަމަވަނީ މާތް ﷲ ތައާލާ ނޫރެއްގެ ކަމަށް ލައްވާ މުސްލިމުންނަށް ބާއްވާ ލެއްވި ކީރިތި ޤުރުއާނާ އިންސާނިއްޔަތާ ހަމައަށް އެ ނޫރު ގެނެސްދެއްވި މާތް ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމްގެ ސުންނަތާއެކުއެވެ. އާލްމަތަކުގެ ވެރި ރަސްކަލާނގެ ބާއްވާލެއްވި ހިދާޔަތު ސީދާ ލިބިވަޑައިގެންނެވި މާތް ސާހިބާއަކީ ރަސޫލުކަން ލިބިވަޑައިގެންވުމުގެ ކުރިން ވެސް ލާމަސީލް ދިރިއުޅުއްވުމެއް އުޅުއްވަމުން ގެންދެވި ބޭކަލެކެވެ. މިގޮތުން، މީހުންނާ މުހާތަބްކުރެއްވުމުގައާ ވިޔަފާރި ކުރުމުގައި އެކަލޭނގެފާނު ގެންގުޅުއްވި ރިވެތި އަދި އިހްލާސްތެރި އަދަބުތަކުގެ ސަބަބުން މައްކާގެ މުޝްރިކުން އެކަލޭނގެފާނަށް ހާއްސަ ލަގަބްފުޅެއް ވެސް ދެއްވިއެވެ. ޤުރައިޝުން އެކަލޭނގެފާނަށް 'އަލް-އާމިން' (އެންމެ އިތުބާރުހުރި) އަދި އަލް-ސާދިގް (އެންމެ ތެދުވެރި) އޭ ކިޔާ ގޮވާ ހެދީ އެކަލޭނގެފާނުގެ ހާއްސަ ޝަހުސިއްޔަތުގެ ސަބަބުންނެވެ.
ރަސޫލުކަން ލިބިވަޑައިގެންނެވި ފަހުން ދީނަށް ގޮވާލެއްވުމުގައާ، އަޅުކަން ކުރެއްވުމުގައި އަދި ހަނގުރާމަކުރުމާ މީސްތަކުންގެ މައްޗަށް ވެރިކަން ކުރެއްވުމުގައި އެކަލޭނގެފާނު ގެންގުޅުންވި އުސޫލުތަކަކީ އުއްމަތަށް ލިބިގެން ދިޔަ އަގުހުރި ފިލާވަޅުތަކެވެ. މި ފިލާވަޅުތަކަކީ އެކަލޭނގެފާނު ދުނިޔެ ދޫކުރައްވާ ވަޑައިގެންތާ އެތަށް ހާސް އަހަރެއް ފަހުން ވެސް ހާއްސަ އަހައްމިޔަތެއް ދޭން ޖެހޭ ފަދަ މުހިއްމު ފިލާވަޅުތަކެކެވެ.
މާތް ﷲގެ އެއްކައުވަންތަކަން ހަނދާންކުރުން (ތައުހީދު)
މާތް ﷲގެ އެއްކައުވަންތަކަން ގަބޫލުކޮށް އެކަން ތާއަބަދު ހަނދާން ކުރުމަކީ އިސްލާމްދީނުގެ އެންމެ މައިގަނޑު އެއް އަސާސެވެ. އެއީ، އެކަލާނގާ އެއްވެސް އެއްޗެއް ޝަރީކަ ނުކޮށް އެކަލާނގެއީ އާލަމްތަކުގެ ވެރިރަސްކަލާނގެ ކަމަށާ އެކަލާނގެއާ އެއް ފަދަ އެއްވެސް ބާރެއް މި ދުނިޔޭގައި ނުވާކަން އަދި ނުވާނެކަން ހިތުގެ އަޑިން ގަބޫލުކުރާ މުސްލިމް އަޅަކަށް ދީނުގައި އަންގަވާފައިވާ އަޅުކަންތައް އެއްވެސް އުނދަގުލެއް ނެތި ކުރެވޭނެ ކަމަށް އިލްމުވެރިން ބުނެއެވެ.
ތާއަބަދު މާތް ﷲ ހަނދުމަކޮށް އެކަލާނގެއަށް ހަމްދުކޮށް ހެދުމަށް މާތް ރަސޫލާ އުއްމަތަށް ދަސްކޮށްދެއްވިއެވެ. އަދި އެކަމުގައި ފައިދާ ހުރީ އެކަލާނގެއަށް ނޫން ކަމަށާ އެކަމުން ލިބޭ ދަރުމަ ހަމަ ލިބޭނީ އެކަން ކުރާ އަޅުތަކުންނަށް ކަން އެކަލާނގެފާނު ބަޔާންކޮށް ދެއްވީ އެކަމުގައި އެއްވެސް ޝައްކެއް ނުއުފެދޭނެ މިންވަރަށެވެ.
އުއްމަތަށް ބާއްވާލެއްވި ފޮތް ކީރިތި ގުރުއާނާ ގާތްވުން
މާތް ރަސޫލާގެ ހަދީޘެއްގައި ވެއެވެ.
"ރޭގަނޑުގެ ކަނު އަނދިރި ފަދައިން ކަން ކަން އުނދަގޫވާ ހިނދު ކީރިތި ގުރުއާނަށް އެނބުރޭށެވެ. އެހެނީ އެއީ މެދުވެރިވާ ޝަފާޢަތްތެރިޔާއާއި އިތުބާރުހުރި ރޭވުންތެރިޔާއެވެ. (ކީރިތި ގުރުއާން) ކުރިމައްޗަށް ލާ މީހެއްގެ ކުރިމަތީގައި އޮތީ ސުވަރުގެއެވެ. އަދި އެފޮތަށް ފުރަގަސްދޭ މީހަކަށް އޮތީ ނަރަކައެވެ"
ކަންޒުލް އުއްމަލް، ހަދީޘް: 4027
ކީރިތި ޤުރުއާނަކީ އިސްލާމްދީނުގައި އަޅުގަނޑުމެންގެ މައިގަނޑު އަދި ދެބަސްނުކުރެވޭ ޙަޤީޤަތާއި ޢިލްމުގެ މަސްދަރެވެ. އެއީ މިއުއްމަތުގެ ރަސޫލާއަށް ދެއްވި އެންމެ ބޮޑު މުއިޖިޒާތެވެ.
މާތް ރަސޫލާ އެކަލޭނގެފާނަށް ހަނދުމަކޮށް ދެއްވީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ އެކިއެކި އަނޑިގުނޑަންތަކަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކީރިތި ޤުރުއާން ކަމަށާ އެފޮތުން ހިދާޔަތް ހޯދުމަކީ އަޅުގަނޑުމެންނަށް އޭނގެން ފައިދާ ބޮޑުވާނެ ކަމެއް ކަމަށެވެ.
ދިރިއުޅުމުގައި މަޑުމައިތިރިކަން އިސްކުރުން
މިއުއްމަތުގެ ރަސޫލާ މުހައްމަދު ސައްލައްﷲ އަލަހިވަސައްލަމް އަކީ ރަސޫލު ބޭކަލުންގެ ތެރެއިން ވެސް އެންމެ މަތީ ދަރަޖަ ދެއްވާފައިވާ ބޭކަލާއަށް ވާ އިރު އެކަލޭނގެފާނަކީ މަޝްހަރުގެ ބިމުގައި އުއްމަތަށް ޝަފާއަތްތެރިކަމަށް އެދި ސީދާ މާތް ﷲއަށް މުހާތަބްކުރައްވާނެ ވެސް ހަމައެކަނި އިންސާނާއެވެ. އެއީ މި ބިންމަތީ ބޮޑާވެ ކިބުރުވެރިވާނެ މަގްބޫލު ސަބަބު ލިބިގެންވާ ބެކަލެކެވެ. އެހެން ނަމަވެސް، ރަސޫލާގެ މަޑުމައިތިރިކަމާ މީހުންނާ މުއާމަލާތް ކުރުމުގައި ގެންގުޅުއްވި ސާފު ސީދާކަން އެކަލޭނގެފާނުގެ ސަހާބީންގެ އިތުރުން އެކަލޭނގެފާނުގެ ހަތުރުން ވެސް ފާހަގަކުރެއްވިއެވެ. މިކަން ފާހަގަވާ އެތަށް ވާހަކައެއް ވެސް ސުންނަތުން ފެނިގެންދެއެވެ.
ނަގަންވީ ފިލާވަޅަކީ މީހުންގެ ކުރިމަތީގައި ބޮޑާވެ ކިބުރުވެރިވާ މީހަކަށް ދެދުނިޔޭގައި ވެސް އެއްވެސް ފައިދާއެއް ނެތް ކަމެވެ. އަދި މަޑުމައިތިރިކަން އިސްކުރުމަކީ ތިމާގެ އާއިލާއާ އެކުވެރިންގެ އިތުރުން ތިމާގެ ހަތުރުން ވެސް ބަލައިގަންނާނެ ފަދަ ސިފައެއް ކަމެވެ.
ސަދަގާތްކުރުން
ސަދަގާތްކުރުމަކީ ދީނުގައި ވާޖިބު ނުކުރާ އަމަލެއް ނަމަވެސް މިއީ މާތް ﷲގެ ރަސޫލާ އެންމެ ބާރު އެޅުއްވި އެއް ކަމެވެ. އެގޮތުން، މުދަލާ ފައިސާ ނުވަތަ ކާބޯތަކެއްޗާ އަންނައުނުން ވިޔަސް ނުވަތަ މީހުންނަށް ކޮށްދޭ އެކި އެކި ހެޔޮ އަމަލުތަކުން ވެސް ސަދަގާތްކޮށް ހެދުމަކީ އެކަލޭނގެފާނު ނުހަނު ބާރު އެޅުއްވި ކަމެކެވެ.
އެކަލޭނގެފާނު ހަދީޘްކުރެއްވިއެވެ.
ލަސްނުކޮށް ސަދަގާތްކުރާށެވެ. އެއީ މުސީބާތެއްގެ ކުރިމައްޗަށް އަރާނެ ފަދަ އަމަލެކެވެ
އަލް ތިރިމިޒީ، ހަދީޘް 589
ތިމާގެ އެދުންތައް ދޫކޮށްލާ އެކަމަށް ބޭނުން ޖެހިފައިވާ އެހެން މީހެއްގެ އެދުންތައް ފުއްދުމަށް ތިމާއަށް ވީ ވަރަކުން އެހީވުމަކީ އިސްލާމްކަމުގެ އެންމެ މަތިވެރި އެއް ސިފައެވެ. ރަސޫލާގެ ހަޔާފުޅުން މި އަގުހުރި ފިލާވަޅު އަޅުގަނޑުމެންނަށް ތަކުރާރުކޮށް ދަސްކޮށްދޭ އިރު ހަމަ ގައިމުވެސް ސަދަގާތް ލިބޭ ފަރާތަށް ވުރެ ސަދަގާތް ކުރާ ފަރާތަށް އާހިރުގައި ލިބޭ ފައިދާ ބޮޑެވެ.
އަވަށްޓެރިންނަށް ކަމޭ ހިތުން
މިއީ ހަމަގައިމު ވެސް މުސްލިމުންގެ ތެރެއިން ނެތެމުންދާ އާދައެވެ. މިހާރު މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ވޭތުވެދިޔަ އަހަރުތަކުގައި ހިނގާފައިވާ ހަނގުރާމަތަކުން ވެސް މިކަން ސާބިތުވެއެވެ. ދިވެހި މުޖްތަމައުގައި ވެސް ކުރިން އަވަށްޓެރިންގެ މެދުގައި އޮތް ބަދަހިގުޅުންތައް ގެއްލިގެން ގޮސްފައިވާ އިރު މިއީ އަލުން އިޔާދަކުރަން ޖެހޭ މުހިއްމު އާދައެކެވެ. އިރެއްގައި އެއްގައިން އަނެއް ގެޔަށް ތާއަބަދު ތަށިބަރި ބަދަލުކޮށް ހަދާ އެއްގޭގެ މީހުން އަނެއް ގެޔަށް ގޮސް ހަދާ އިރު މިހާރު ކައިރީގައި އެތަށް އަހަރެއް ވަންދެން އުޅޭ މީހުންގެ ނަން ވެސް ނޭނގޭ ހާލަށް ދިވެހި މުޖްތަމައު ބީރަށްޓެހި ވެއްޖެއެވެ.
އަވަށްޓެރިންނަށް ކަމޭ ހިތުމާ ބެހޭ ގޮތުން ރަސޫލާ ހަދީޘް ކުރެއްވީ:
"މާތްالله އާއި ޤިޔާމަތްދުވަހަށް އީމާންވާ މީހަކު އޭނާގެ އަވަށްޓެރިޔާއަށް ގެއްލުމެއް ނުދޭނެއެވެ. މާތްالله އާއި ޤިޔާމަތްދުވަހަށް އީމާންވާ ކޮންމެ މީހަކުވެސް އޭނާގެ މެހެމާނަށް ދީލަތިކަމާއެކު މެހެމާންދާރީ އަދާކޮށް ހެޔޮގޮތް ކިޔައިދޭންވާނެ، ނުވަތަ މަޑުން ހުންނަންވާނެއެވެ"
ސަހީހް ބުހާރީ، 73 ވަނަ ފޮތް، ހަދީޘް: 47
އެހެން ކަމުން، އަވަށްޓެރިންނަށް ކަމޭ ހިތުމަކީ ވެސް ފުރިހަމަ މުސްލިމަކަށް ވުމަށް ކުރާ ދަތުރުގައި މުހިއްމު މަންޒިލެކެވެ.
