މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ކުޅުނު އެފްރިކަން ކަޕް އޮފް ނޭޝަންސް 2025 ގެ ފައިނަލް މެޗުގައި މުބާރަތް ބޭއްވި ގައުމު މޮރޮކޯ 1-0 އިން ބަލިކޮށް ޗެމްޕިއަންކަން ނެގި ސެނެގާލް އަތުން އެޝަރަފު އަތުލައިފިއެވެ.

މިކަމާ ބެހޭ ގޮތުން ނެރުނު ބަޔާނެއްގައ އެފްރިކާ ފުޓްބޯޅައާ ބެހޭ ފެޑެރޭޝަނުން ބުނީ ފައިނަލް މެޗުގެ ތެރޭގައި ސެނެގާލްގެ ޓީމުގެ ކުޅުންތެރިން ދަނޑު ފައިބައިގެން ދިއުމާ ގުޅިގެން އެޓީމުން މެޗު ދޫކޮށްލީ ކަމަށް ނިންމާ 3-0ގެ ނަތީޖާއަކުން ފައިނަލް މޮރޮކޯ ކާމިޔާބުކުރި ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އެފްކޯން 2026ގެ ޗެމްޕިއަންއަކީ މޮރޮކޯ ކަމަށް ވެސް އެފްރިކަން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އިއުލާނުކޮށްފައެވެ.

އެފްރިކަން ފެޑެރޭޝަނުން ބުނީ ފައިނަލް މެޗުގެ ނަތީޖާ ބަދަލުކުރަން ނިންމީ މޮރޮކޯއިން ނަތީޖާއާ ބެހޭ ގޮތުން މައްސަލައެއް ހުށައެޅުމުން ކަމަށާ މި މައްސަލަ ބެލޭ އިޖުރާތުތައް ފުރިހަމަވާ ކަމަށެވެ. މިގޮތުން، ފައިނަލް މެޗުގައި ސެނެގާލްގެ ޓީމުން ވަނީ ފެޑެރޭޝަންގެ ގަވައިދުގެ 82 ވަނަ މާއްދާއާ 84 ވަނަ މާއްދާއާ ހިލާފުވެފައި ކަމަށް ފެޑެރޭޝަނުން ބުނެއެވެ.

ފެޑެރޭޝަންގެ ގަވައިދުގެ 82 ވަނަ މާއްދާ ބުނާ ގޮތުން، މެޗުގެ ވަގުތު ހަމަ ނުވަނީސް ރެފްރީގެ ހުއްދައާ ނުލާ ދަނޑުދޫކޮށްދާ ޓީމެއް ނުވަތަ ކުޅެން ދެކޮޅު ހަދާ ޓީމެއް، މުބާރާތުން ކަޓާނެއެވެ. މި މާއްދާއަށް ބާރުގެދޭ 84 ވަނަ މާއްދާގައި ބުނަނީ 82 ވަނަ މާއްދާއާ ހިލާފުވާ ޓީމެއް މުބާރާތުން ކަޓާ އެންމެ ފަހުން ކުޅުނު މެޗުން 3-0 އިން ބަލިވާނެ ކަމަށެވެ.

ޖެނުއަރީ މަހުގެ ކުރިއަށް ދިޔަ ފައިނަލްގައި ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފައިބައިގެން ދިޔައީ މެޗުގެ ނަތީޖާ 0-0 ގައި އޮއްވާ އިތުރު ވަގުތުގައި މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމުންނެވެ. އޭނގެ ކުޑަ އިރު ކޮޅެއް ކުރިން ސެނެގާލްއިން ޖެހި ގޯލެއް ކެންސަލް ކުރި އިރު މޮރޮކޯއަށް ދިން ޕެނަލްޓީއަށް ފަހު ދަނޑުން ފޭބުމަށް ސެނެގާލްގެ ކޯޗުން ކުޅުންތެރިންނަށް އެނގިއެވެ.

ޖުމްލަ 17 މިނެޓަށް މެޗުގެ ކުޅުން ހުއްޓިފައި އޮތް އިރު ދަނޑުން ފައިބެން ދިޔަ ކުޅުންތެރިން އަލުން ދަނޑަށް ގެނައި ސެނެގާލްގެ ކެޕްޓަން އަދި ލިވަޕޫލަށް ކުރިން ކުޅުނު ފޯވަޑް ސާޑީއޯ މާނޭއެވެ.

މޮރޮކޯއަށް ލިބުނު ޕެނަލްޓީއާއެކު މެޗު ފެށި އިރު ރިއާލް މެޑްރިޑްގެ ބްރާހިމް ޑިއޭޒް ޖެހި މި ޕެނަލްޓީ ކާމިޔާބެއެ ނުވެއެވެ. އެހެން ނަމަވެސް މެޗުގެ އިތުރު ވަގުތުގެ 4 ވަނަ މިނެޓްގައި ސެނެގާލްއިން ޖެހި ޕެނަލްޓީއާއެކު އެ ޓީމަށް ޗެމްޕިއަންކަން ލިބުނެވެ.