މާތް ﷲގެ ރަސޫލާ ސުލައިމާނު އަލައިހިއްސަލާމްގެފާނަށް އެކަލާނގެ އާދިޔާ ހިލާފު ބާރުތަކެއް ދެއްވިއެވެ. މިގޮތުން ޖަނަވާރާ ދޫނި ސުއިއްޕާ ސޫފުއާ ވާހަކަ ދައްކަވާ ވަޔާ ވާރޭ ފަދަ ގުދުރަތީ ބާރުތައް ކޮންޓްރޯލް ކުރެއްވުމުގެ އިތުރުން ޖިންނި އަދި އިފްރީތުން އެކަލޭނގެފާނުގެ އަމުރަށް ކިޔަމަންތެރިކުރުމުގެ ބާރު ވެސް އެކަލޭނގެފާނަށް ދެއްވިއެވެ.

ސުލައިމާނުގެފާނަށް ދެއްވި މި ބާރުތަކަކީ މާތް ﷲގެ މަގަށް ގޮވާލެއްވުމަށް އެކަލޭނގެފާނު ކުރައްވަމުން ގެންދެވި މަސައްކަތުގައި ނުހަނު އެހީތެރިވެދިން ބާރުތަކެކެވެ. މިގޮތުން، މިބާރުތަކުގެ އެހީގައި ﷲގެ މަގުގައި ހަނގުރާމަކުރާނެ ބިޔަ ބޮޑު ލަޝްކަރެއް ސުލައިމާނުގެފާނު ބިނާކުރިއެވެ. މިލަޝްކަރުގައި އިންސާނުންގެ އިތުރުން ޖަނަވާރާ ޖިންނި ވެސް ހިމެނުނެވެ.

އެއް ދުވަހަކު ސުލައިމާނުގެފާނު އެކަލޭނގެފާނުގެ ލަޝްކަރުގެ ހާލަތު ބައްލަވުމުން ގެންދެވިއެވެ. އަދި ލަޝްކަރުގައި ހިމެނޭ ހުދުހުދު ދޫނި ނެތްކަން އެނގިވަޑައިގަތެވެ. ހުދުހުދު ދޫންޏަކީ ލަޝްކަރަށް ބޭނުންވާ ފެން ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާ ކުރާ ދޫންޏަކަށްވާތީ އެސޮރު ލަޝްކަރާއެކު ނެތުމުން ސުލައިމާނުގެފާނު ކަންބޮޑުވެވަޑައިގެންނެވިއެވެ.

ހުދުހުދު ދޫންޏަކީ ސުލައިމާނުގެފާނުގެ ލަޝްކަރުގައި މުހިއްމު ދައުރެއް އަދާކުރި ދޫންޏެއް/ފޮޓޯ: ގޫގަލް

އިސާ ހިތަކު ހުދުހުދު ދޫނި އަނބުރާ އަތުވެއްޖެއެވެ. އަދި އެސޮރު ދިޔަ ތަނާ އެތަނުން ފެނުނު ވާހަކަތައް ސުލައިމާނުގެފާނަށް ކިޔާ ދިނެވެ.

އެސޮރު އައި ސަބާ (މިހާރުގެ ޔަމަނު) ނަމަކަށް ކިޔާ ރަށަކުންނެވެ. އެސޮރު ބުންޏެވެ. އެރަށުގެ ވެރިކަން ކުރަނީ ބާރުގަދަ ރާނީއެކެވެ. މުއްސަނދިކަމާ އިއްޒަތާ ޝަރަފު ލިބިގެންވާ މި ރާނީގެ ގަނޑުވަރުގައި ހުރި ބިޔަ ތަހުތެއްގެ ވާހަކަ ހުދުހުދު ކިޔާ ދިނެވެ. އަދި އެސޮރު ބުންޏެވެ.

وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ فَهُمْ لَا يَهْتَدُونَ

މާނައީ: އެކަމަނާއާއި، އެކަމަނާގެ ގައުމުގެ މީހުން، ﷲ ފިޔަވާ އިރަށް ސަޖިދަކޮށް އުޅޭތީ ތިމަންދުށީމެވެ. އަދި ޝައިތާނާ އާ އެއުރެންނަށް އެއުރެންގެ އަމަލުތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން އެއްކިބާ ކުރިއެވެ. ފަހެ، އެއުރެންނަކަށް ތެދުމަގެއް ނުލިބެއެވެ. (ސޫރަތުލް އަލް ނަމްލު، 24).

ސަބާގެ ރާނީއާ އެކަމާނާގެ ގައުމުގެ މީހުންނަނީ އިރަށް އަޅުކަން ކުރާ ބައެއް/ފޮޓޯ: ގޫގަލް

މިއަޑު އައްސަވާ ސުލައިމާނުގެފާނުގެ ހިތާމަފުޅުކުރައްވާ ކަންބޮޑުވެވަޑައިގެންނެވިއެވެ. އާލަމްތަކުގެ ވެރި ރަސްކަލާނގެ ދޫކޮށް އެކަލާނގެ ހެއްދެވި އެއްޗަކަށް (އިރަށް) އަޅުކަން ކުރާ ބައެއްގެ ވާހަކަ އިވިވަޑައިގެން އެކަން ދެތުކުރައްވަން ބޭނުންފުޅުވިއެވެ. އަދި ހުދުހުދަށް ވިދާޅުވިއެވެ. ކަލޭ ތިޔަ ހަދަނީ ތެދު ނުވަތަ ދޮގުތޯ އެކަލޭނގެފާނު ބައްލަވާނަމެވެ. އަދި އެކަލޭނގެފާނު ދެއްވާ ސިޓީ ސަބާގެ ރަނީ ބަލްގިސްއަށް ގެންގޮސް ދިނުމަށް ހުދުހުދަށް އަމުރުކުރެއްވިއެވެ. އެއަށް ފަހު އެގައުމުގެ މީހުން ކަން ކުރާ ގޮތް ބެލުމަށް ދުރުގައި މަޑުކުރުމަށް ވެސް ހުދުހުދަށް މާތް ﷲ ގެ ރަސޫލާ އަމުރުކުރެއްވިއެވެ.

ކޮންމެ އަކަސް އެ ހުދުހުދު ސުލައިމާނުގެފާނުގެ ސިޓީފުޅާއެކު އަނބުރާ ސަބާއަށް ދިޔައެވެ. އަދި ސަބާގެރާނީ ބަލްގިސްއަށް ސިޓީ ލިބޭ ފަދަ ގޮތަކަށް އެ ސިޓީ އެރަށަށް ވައްޓާލިއެވެ.

ސަބާގެރާނީ ބަލްގިސްއަކީ ވިސްނުންފުޅު ތޫނު އަދި އަދުލުވެރި ރާނީއެކެވެ. އަދި އެކަމަނާގެ ރަސްކަމުގެ ބޮޑުންނާ އަރިސް ބޭފުޅުން ގާތު މި ސިޓީއަކީ ސުލައިމާނުގެފާނުގެ ފަރާތްޕުޅުން އައި ސިޓީއެއް ކަމަށާ އެކަލޭނގެފާނު އިސްލާމު ދީނަށް ގޮވާލައްވާފައިވާ ކަމަށް ދެންނެވިއެވެ. އަދި މިކަމުގައި ދެން ކަންކުރަންވީ ގޮތް އެމީހުންގެ ގާތުން އެއްސެވިއެވެ. އެބޮޑާވެގެންވާ ގައުމުގެ މީހުންގެ އެންމެ އިސްވެރިން ޖަވާބުގައި ބުންޏެވެ.

قَالُوا۟ نَحْنُ أُو۟لُوا۟ قُوَّةٍۢ وَأُو۟لُوا۟ بَأْسٍۢ شَدِيدٍۢ وَٱلْأَمْرُ إِلَيْكِ فَٱنظُرِى مَاذَا تَأْمُرِينَ

މާނައީ: އެއުރެން (އެކަމަނާއަށް) ދެންނެވޫއެވެ. ތިމަންމެންނީ، އާރާއި ބާރުހުރި ގަދަފަދަ ބަޔެކެވެ. ކަންތައް ކުރައްވާނެގޮތް އެނގިވަޑައިގަންނަވާނީ ކަމަނާއަށެވެ. ފަހެ، ކަމަނާ ކުރައްވާނެ އަމުރަކާ މެދު ވިސްނަވާށެވެ. (ސޫރަތުލް އަލް ނަމަލު، 33)

ރާނީ ބަލްގިސްއަށް ވިސްނިވަޑައިގެންނެވީ ސުލައިމާނުގެފާނު ފަދަ ބާރުގަދަ ރަސްގެފާނެއް އެކަމަނާގެ ގައުމަށް ހަނގުރާމަވެރިއެއްގެ ގޮތުގައި އަރާވަޑައިގެންފިނަމަ އެކަލާނގެފާނު އެގައުމު ސުންނާފަތިކުރައްވާފާނެ ކަމަށެވެ. އެހެން ކަމުން، މާތް ﷲގެ މަގަށް އައުމަށް އެކަލޭނގެފާނު ދެއްވި ދައުވަތުގެ ބަދަލުގައި ރާނީ ބަލްގިސް އެކަލޭނގެފާނަށް އަގުހުރިވެގެންވާ ހަދިޔާއާ މުދާ ފޮނުއްވުމަށް ނިންމެވިއެވެ. އަދި މިފަދަ ހަދިޔާއެއް ލިބިވަޑައިގަތުމުން ސުލައިމާނުގެފާނު ދެން ކަންތައް ކުރައްވާނީ ކިހިނެއްތޯ ބައްލަވަން ރާނީ ބަލްގިސް ކެތްމަދުވެވަޑައިގެން އިންނަވާ ހާލު އެކަމަނާގެ ވަރުގަދަ ވަފުދެއް ސުލައިމާނުގެފާނުގެ އަރިހަށް ފޮނުއްވިއެވެ.

ސަބާގެ ރާނީ ފޮނުއްވީ ހަދިޔާތައް ހިފައިގެން އެކަމަނާގެ ވަގުފު ސުލައިމާނުގެފާނަށް އަރުވަނީ/ފޮޓޯ: ގޫގަލް

ރާނީ ބަލްގިސްއާ އެކަމާނާގެ ބޮޑުން ހީކުރި ގޮތާ ހިލާފަށް ސަބާގެ މުއްސަނދިކަން ދައްކާދޭ އަގުހުރި ހަދިޔާ ފެނި މާތް ﷲގެ ރަސޫލާ ނުރުހުންވެވަޑައިގެންނެވިއެވެ. އަދި އެކަލާނގެ އެކަލާނގެފާނަށް ނުދެއްވާ މުއްސަނދިކަމަކާ މާތް ކަމެއް ސަބާގެ ރާނީއަށް ދެވޭނެތޯ ސުވާލުކުރެއްވިއެވެ. އަދި މި ހަދިޔާއާ މެދު ފަހުރުވެރިވަނީ ހަމައެކަނި އެގައުމުގެ ރާނީއާ އެކަމާނާގެ ބޮޑުން ކަމަށް ސުލައިމާނުގެފާނު ވިދާޅުވިއެވެ.

ސުލައިމާނުގެފާނުގެ މި ޖަވާބު އަޑު އިވި ސަބާއިން އައި ވަފުދު ހައިރާންވިއެވެ. އަދި އަނބުރާ އެބައިމީހުންގެ ރާނީގެ އަރިހަށް ގޮސް ކަންވީ ގޮތް ކިޔާ ދިނެވެ. މި އަޑު އައްސަވާ ރާނީ ބަލްގިސް ސުލައިމާނުގެފާނާ ވަރަށް ގަޔާވެއްޖެއެވެ. އަދި އެކަލޭނގެފާނު ދައްކަވަން ބޭނުންވާ ވާހަކައެއް އަޑުއެހުމަށް ޝައުގުވެރިވެވަޑައިގަންނަވާ ސުލައިމާނުގެފާނުގެ އަރިހަށް ވަޑައިގަތުމަށް ދަތުރު ފެއްޓެވިއެވެ.

ސަބާގެ ރާނީ އެކަލޭނގެފާނުގެ އަރިހަށް ވަޑައިގަންނަވާ ހަބަރު ސުލައިމާނުގެފާނަށް ލިބިވަޑައިގަތެވެ.

މާތް ﷲގެ ރަސޫލާ ބޭނުންފުޅުވީ ރާނީ ބަލްގިސް އެކަލޭނގެފާނުގެ އަރިހަށް އައުމުގެ ކުރިން އެކަމަނާގެ ތަހުތު އެކަލޭނގެފާނުގެ ގަނޑުވަރަށް ގެންނައުމަށެވެ. އަދި މިކަން ކުރެވޭނެ މީހެއް ނުވަތަ ޖިންނިއެއް ވެސް ވޭތީ އެކަލޭނގެފާނުގެ ބޮޑުން ކުރެ އެއްސެވިއެވެ.

އެތަނުގައި ހުރި އިފްރީތެއް ޖަވާބު ދިނެވެ.

"ކަލޭނގެފާނު ތި އިންނެވި ތަނުން ތެދުވެވަޑައިގެންނެވުމުގެ ކުރިން އަހުރެން އެބިޔަ ތަހުތު ކަލޭނގެފާނުގެ ކުރިފުޅު މައްޗަށް ގެންނަވާނަމެވެ."

ދެން އެތަނުގައި ހުރި ފޮތުގެ އިލްމުވެރިއަކު ވިދާޅުވިއެވެ.

"ކަލާނގެފާނު ކަޅި ހިންގާލެއްވުމުގެ ކުރިން އަހުރެން އެތަހުތު މިތަނަށް ގެންނާނަމެވެ."

ޝަބާގެ ރާނީގެ ތަހުތު މިހާރު ހުރި ތަން/ފޮޓޯ: ގޫގަލް

ކޮންމެއަކަސް ބަލްގިސްރާނީ ސުލައިމާނުގެފާނުގެ ގަނޑުވަރަށް ވަދަވަޑައިގެންނެވި އިރު އެކަމަނާގެ ތަހުތު އެތަނުގައި ހުއްޓެވެ. އެހެން ނަމަވެސް އެތަހުތު ހުރީ އެހެން ގޮތަކަށް ޒީނަތްތެރިކުރެވިފައެވެ. ތަހުތާ ބެހޭ ގޮތުން ސުލައިމާނުގެފާނު އެކަމަނާއަށް ސުވާލުކުރެއްވިއެވެ. އަދި މިއީ އެކަމަނާގެ ތަހުތުތޯ އެއްސެވިއެވެ. ޖަވާބުގައި އެކަމަނާ ދެންނެވިއެވެ. މިއާ އެއާ ހަމައެއްވެސް ތަފާތެއް ނެތެވެ.

ސުލައިމާނުގެފާނު އެކަމަނާއަށް ދެންނެވިއެވެ.

"އެކަމަނާގެ ކުރިން ތިމަކަލާނގެފާނަށް މިވަނީ މިއިލްމު ލިބިވަޑައިގެންފައެވެ. އަދި އެކަމަނާގެ ކުރިން ތިމަން ކަލާނގެފާނު ވަނީ މުސްލިމެއް ކަމުގައެވެ".

ސުލައިމާނުގެފާނު ގަނޑުވަރަށް ވަދެވަޑައިގަތުމަށް ރާނީ ބަލްގިސްއަށް ދައުވަތު އެރުއްވިއެވެ. އެތަނަށް ވަދެވަޑައިގެން އެއީ ފެންގަނޑެއް ކަމަށް އެކަމަނާއަށް ހީފުޅުވެ ފެންގަނޑަކަށް އެރޭ ގޮތަށް ހެދުން ކޮޅު މައްޗަށް ނަންގަވާ ދެފައި ކަޝްކުރެއްވިއެވެ.

ސަބާގެ ރާނީ ބިއްލޫރި ތަޅުންގަނޑު މަތީ ހިންގަވަނީ/ފޮޓޯ: ގޫގަލް

އެހިނދު މާތް ﷲގެ ރަސޫލާ ދެންނެވިއެވެ. އެއީ ހަމަކަށަވަރުން، އޮމާން ބިއްލޫރިއެވެ.

މިއަޑު އައްސަވާ އިރަށް އަޅުކަން ކުރައްވަމުން ދިޔަ ރާނީ ވަގުތުން އިސްލާމްވެއްޖެއެވެ. އަދި ސުލައިމާނުގެފާނާ އެކަލޭނގެފާނުގެ ރަސްކަލާނގެއަށް ހިތުގެ އެންމެ އަޑިން ކިޔަމަންވާ ކަން ބަޔާންކުރިއެވެ.