އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ގުޅިގެން، ހުޅުމާލޭ ފޭސް 2 ގައި މިއަދު ހަވީރު "އަވައްޓެރި ރޯދަ ވީއްލުން" ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.

އެޗްޑީސީން ބުނީ މި ރޯދަ ވީއްލުން އޮންނާނީ، މިއަދު ހަވީރު 18:00 ގައި، ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކުގައި ކަމަށެވެ. މިއީ، މި އަހަރުގެ ރޯދަ މަހު އެޗްޑީސީން އިސްނަގައިގެން ބާއްވާ މިފަދަ ތިންވަނަ ރޯދަ ވީއްލުމެވެ.

އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން މިއަހަރުގެ ފުރަތަމަ ރޯދަ ވީއްލުން ބޭއްވީ، ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެންނެވެ. އަދި އެއަށްފަހު، ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލް ކުރިމަތީގައިވެސް ވަނީ މިފަދަ ރޯދަ ވީއްލުމެއް ބާއްވާފައެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ "އަވައްޓެރި ރޯދަ ވީއްލުން" ހަރަކާތުގެ މަގްސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުންކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެގޮތުން، އެޗްޑީސީއާއި ރައްޔިތުން ގުޅިގެން މިދިޔަ އަހަރުވެސް ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އަވައްޓެރި ރޯއްދަވީއްލުންތައް ބާއްވާފައެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުންކަން ފާހަގަކޮށް އެޗްޑީސީން ބުނީ އަމާޒަކީ ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށެވެ.