ތެލުލި ފަތާއި ކޮށިމަހާއި ކުޅިކާޖާ އަދި ރިހާކުރު ފަދަ ބަންދުކުރި ކާބޯތަކެތި އުފައްދާ "ބިލެތްމާ ޓޭސްްޓީ" އިން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ގޮތަށް ތަކެތި ވިއްކަމުންދާތީ އެ ތަނުގައި ކުރަމުން އަންނަ މަސައްކަތް ހުއްޓާލުމަށް އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ބުނީ އެ އޮތޯރިޓީ އަށް ލިބުނު ޝަކުވާއަކާ ގުޅިގެން "ބިލެތްމާ ޓޭސްޓީ" ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އާންމު ސާފުތާހިރުކަން ދަށް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއް ކަމުގައި އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އެހެންވެ، އެ ތަނުގައި ކުރަމުން އައި މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އަންގާފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އިތުރަށް އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެތި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެފަދަ ހިދުމަތްދޭ ތަންތަނަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކުރަން ލާޒިމު ތަންތަން ކަމަށް ވިޔަސް ބިލެތްމާ ޓޭސްޓީއަކީ ރަޖިސްޓްރީ ކޮށްފައިވާ ތަނެއް ނޫން ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބިލެތްމާ ޓޭސްޓީން އުފައްދާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުން ނުކުރުމަށް އަދި ނުވިއްކުމަށް ވަނީ އަންގާފައެވެ.