މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމާއާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން އައިސް، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ ބޮޑު ވެއްޖެއެވެ.

ތެލުގެ އަގު އުފުލެމުން އަންނަ މައިގަނޑު ސަބަބަކީ ހޮރުމޫޒު ކަނޑުއޮޅި އެކީ ކަހަލަ ގޮތަކަށް ބޭނުންކުރުން ހުއްޓާލުމެވެ. މި ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ތެލުގެ 20 ޕަސެންޓު ދަތުރުކުރާ ކަނޑުއޮޅިއެވެ. މިދިޔަ މަހުގެ 28 ގައި، އެމެރިކާއާ އިސްރާއީލުން އިސްވެ އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު މި ހަނގުރާމައާއި ގުޅިގެން ތެލުގެ އަގު އުފުލެމުންދާއިރު ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިއީ 2022 ވަނަ އަހަރު ރަޝިއާ ޔޫކްރޭން ހަނގުރާމައަށް ފަހު ތެލުގެ އަގު މިހާ މަތިވި ފުރަތަމަ ފަހަރެވެ.

އެގޮތުން އިއްޔެ ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 14 ޕަސެންޓަށް ވުރެ މައްޗަށް ގޮސްފައި ވެއެވެ. އަދި ހަނގުރާމަ ދެމިގެން ގޮސްފިނަމަ ތެލުގެ އަގު އިތުރަށް މައްޗަށް ދާން ފަށާނެ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ތެލުގެ އަގު އުފުލެން މެދުވެރިވެފައިވާ އަނެއް ސަބަބަކީ އިރާނުގެ ޑްރޯން އަދި މިސައިލް ހަމަލާތައް އަރަބި ގައުމުތަކުގެ ތެލާއި ގޭސް އުފައްދާ ތަންތަނަށް އަމާޒުކުރުމެވެ. މިއާ ގުޅިގެން ސައުދީ އަރަބިއާ އާއި ކުވެއިތު ފަދަ ގައުމުތަކުން ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކޮށްފަ އެވެ. އެ ހަމަލާތަކުގެ އަސަރު ތެހެރާނާއި އަލްބޯޒް ޕްރޮވިންސްގައި ހުންނަ ތެޔޮ ރައްކާކުރާ ހަތަރު ތަނަކާއި ތެޔޮ އުފެއްދުމުގެ ޓްރާންސްފާ ސެންޓަރަކަށް ކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މާހިރުން ބުނާ ގޮތުގައި ތެޔޮ އުފައްދާ މިންވަރު މަދުކޮށްފައި އޮންނަ މުއްދަތު ދިގުދެމިގެންދާ ނަމަ ފީފާއެއްގެ އަގު 200 ޑޮލަރަށް އެރުން ގާތް ކަމަށް ވެއެވެ.