ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތަށް ހަމަޖައްސައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އާންމުކުރި އެ ކޮމިޝަންގެ ގަވާއިދުގެ އިސްލާހުގައި ބުނެފައި ވަނީ ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް އޮފީހަށް ހާޒިރުނުވެ، އޮފީހުގެ ރަސްމީ މަސައްކަތްތައް ކުރުމަށް އެދޭ ހާލަތުގައި އެގޮތަށް މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނެ ކަމަށެވެ. އެ ހުއްދަ ދޭންވާނީ، ނުކުޅެދުންތެރިކަން ހުންނަ ކުއްޖާގެ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާނެ މިންވަރު ބަޔާންކޮށް، ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ލިޔުމަށް ރިއާޔަތްކޮށް ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ދަރަޖަ ކުރެވޭ ގޮތްތައް:

  • ދަރަޖަ 1: އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން ކޮންމެހެން ވެސް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާގެ ބެލެނިވެރިން.
  • ދަރަޖަ 2: އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން މެދު މިންވަރަކަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން.
  • ދަރަޖަ 3: އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން ބޭނުން ނުވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން.

އެ އިސްލާހުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން 3 ދަރަޖައެއް ދީފައި ވެއެވެ އެ ތިން ދަރަޖައިގެ ތެެރެއިން 1 ވަނަ ދަރަޖައިގައި ބުނާ ބެލެނިވެރިންނަށް މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރު ނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނެ ކަމަށް ވެއެވެ. ދަރަޖަ 2 އާއި ދަރަޖަ 3 ގައިވާ ބެލެނިވެރިން އޮފީހަށް ހާޒިރު ނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނީ، ނުކުޅުދުންތެރިކަން ހުންނަ ކުއްޖާގެ ކައިރީގައި ކޮންމެހެން ވެސް ހުންނަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ކަމުގައި ވާނަމައެވެ.

ސިސވިލް ސާވިސް ގަވާއިދަށް ގެނައި މި އިސްލާހުގެ ލުއިތައް ދެވޭނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ކުއްޖަކަށް ވެގެންނެވެ. އަދި އެ ކުއްޖާގެ ބެލެނިވެރިންކަމުގައި ބަލާނީ އޭނާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ޝަރުއީ ބަލަދުވެރިޔާ ނަމައެވެ.

އޮފީހަށް ހާޒިރު ނުވެ މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރު ނުވެވޭ ދުވަސްތަކަށް، މަސައްކަތަށް ހާޒިރުވާން ކަނޑައަޅާފައިވާ ގަޑިން ފެށިގެން އެއް ގަޑިއިރުގެ ވަގުތެއް ބަފާ ޓައިމްގެ ގޮތުގައި ދެވޭނެ ަކަމށް ވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ. އަދި ބަފާ ޓައިމްގެ ތެރޭގައި، މުވައްޒަފު އޮފީހަށް ހާޒިރުވި ވަގުތަށް ބަލައި، އެ މިންވަރަށް އޮފީސް ނިމޭ ގަޑި ފަސްކުރެވޭނެ ކަމަށާއި އެ މުވައްޒަފުންނަށް ދެވޭ ހުސްވަގުތުކޮޅުގެ 30 ތިރީސް މިނިޓުގެ އިތުރަށް، ނުކުޅެދުންތެރިކަން ހުންނަ ކުއްޖާއާ ގުޅޭ ޒިންމާތަކުގެ ތެރެއިން އާދަވެގެން ކޮންމެ ދުވަހަކު އަދާކުރަން ޖެހޭ ޒިންމާއަކާ ގުޅިގެން އިތުރަށް ވަގުތު ބޭނުންވާ ހާލަތުގައި، ހުސްވަގުތުކޮޅާ އެކު އިތުރު ވަގުތު، އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖައްސައިދެވޭނެ ކަމަށް އެ އިސްލާހުގައި ބަޔާން ކޮށްފައި ވެއެވެ.