މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗަށް މިހާތަނަށް އެދިފައިވަނީ 1633 މީހުންކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މި ސްކީމްގެ ދަށުން މާލެ ސަރަހައްދުންނާ، ރަސްމާލެ އިން 7،900 ފްލެޓާ، 1،250 އަކަފޫޓުގެ 15,000 ގޯއްޗެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މާޗު 4 ވަނަ ދުވަހުގެ ރޭގަނޑު 11:59 އަށް ވަނީ ހުޅުވާލާފައެވެ. އަދި ފްލެޓަށް އެދުމުގެ ފުރުސަތު އޭޕްރީލް 17 އާ ހަމައަށްވަނީ ހުޅުވާލާފައެވެ.
ގޯއްޗަށް އެދުމުގެ ފުރުސަތު އަންނަ ހަފުތާގައި ހަމަވާއިރު ހައުސިން މިނިސްޓްރީން ބުނީ މިހާތަނަށް ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 1633 އެޕްލިކޭޝަން ކަމަށެވެ. އަދި ފްލެޓަށް އެދި 3434 ފޯމު ހުށަހަޅާފައިވާއިރު އެ ސްކީމަށް އެދި ހުށަހެޅުމުގެ މަރުހަލާގައި 11،304 ފޯމެއް އެބަ އޮތް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށްވާއިރު އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންކުރާނީ އީ-ފާސް ލޮގިންކަމަށާއި، ސްކީމްތަކަށް އެޕްލައިކުރުމަށްޓަކައި އީ-ފާސް އެކައުންޓަކީ ވެރިފައި ކޮށްފައިވާ އެކައުންޓަކަށް ވާންޖެހޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ. ވަޒީފާއަށް ނުދާ ފަރާތްތަކަށްވެސް އެޕްލިކޭޝަން ހުށަހެޅޭއިރު އާމްދަނީއެއް ހޯދުމަށް މަސައްކަތެއްކުރާ ފަރާތެއްނަމަ އެކަން ސާބިތުކޮށްދިނުމުގެ ލިޔުން ހުށަހެޅަން ޖެހެއެވެ.
