ކާބޯތަކެތި ބަންދުކުރަން ބޯ ފެނާއި ލުއި ބުއިން ހުސްކުރި ޕެޓްފުޅިތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.

މިނަރަލް ވޯޓާ ބަންދުކޮށްފައި ހުންނަ ހުސް ފުޅިތަކުގައި ރުކުރާ، ކުރުނބާ ފަދަ ބާވަތްތަކުގެ ބުއިންތައް ބަންދުކޮށްގެން ބާޒާރުމަތީގައި ހުންނަ ގޮޅިތަކުގައި އަދި ރީޓެއިލް ބައެއް ފިހާރަތަކުގައި ވެސް ވިއްކަން ހުންނަތަން ފެނެއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުން ކުރަމުންދާ ކަން ފާހަގވެފައިވާ ކަމަށެވެ. މި ފުޅިތަކަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ގޮތަށް ވަކި ވައްތަރެއްގެ ޕްލާސްޓިކް (ޕޮލިއެތިލީން ޓެރަތަޔަރޭޓް ނުވަތަ ޕެޓް) އިން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

މިއީ ހަމައެކަނި ވަކި ކަހަލަ އެފެއްދުންތަކަކަށް ބޭނުންކުރެވޭ ޕްލާސްޓިކްގެ ބާވަތްތަކަށް ވާއިރު، ބާޒާރުގައި ތަފާތު އެކި ބާވަތްތަކުގެ ބުއިންތައް މި ފުޅީގައި ބަންދުކުރާ ކަން ވަނީ ފާހަގަވެފައި ކަމަށް އެ އޮތޯރިޓީން ބުނެއެވެ. މީގެ ސަބަބުން ފުޅިން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ކުރުވައި، އޭގެ ޒަރިއްޔާއިން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

އެހެންކަމުން ބޯފެނާއި ލުއިބުއިންތައް ހުސްކުރާ ޕެޓް ފުޅިތައް ކާބޯތަކެތި ބަންދުކުރަން ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ. މި ކަމާ ގުލޭ ގޮތުން އިތުރު މައުލޫމާތި ހޯދަން ބޭނުންވާ ނަަމަ އެ އޮތޯރިޓީގެ ނަންބަރު 3034213 ނުވަތަ 7603204 އަށް ގުޅަިއގެން ކުރިއަށް ގެންދިއުމަށް އެމްއެފްޑީއޭ އިން ބުނެއެވެ.