މާތް ﷲގެ ރަސޫލާ އިބްރާހިމް އަލައިހިއްސަލާމް ފޮނުއްވީ ބާބެލް ނަމަކަށް ކިޔާ ގައުމަކަށެވެ. އެގައުމަކީ ބުދަށް އަޅުކަން ކުރަން ލޯބިކުރާ ބަޔަކު އުޅުނު ގައުމެކެވެ. ހާއްސަކޮށް އެގައުމުގެ ރަސްގެފާނު ނަމްރޫދަކީ ބުދަށް އަޅުކަން ކުރުމުގައި އަރައި ހުރި ރަސްކަލެކެވެ. އެކި އެކި ނަމުން ބުދަތަކަށް ނަންދީ އެބުދުތަކަށް ބިޔަ ބޮޑު ފައްޅިއެއް ރަސްގެފާނު ނަމްރޫދު ބިނާކުރިއެވެ.
އެންމެ ޅަ އުމުރުން ފެށިގެންވެސް އިބްރާހިމްގެފާނަކީ ބުދަށް އަޅުކަން ކުރުމާ ކަނޑައެޅިގެން ދެކޮޅު ހެއްދެވި ބޭކަލެކެވެ. ބަޔަކު މީހުން ގަލުން ހަދައިގެން އުޅޭ އެއްޗެހިތަކަކަށް މި ބޮޑު ކައުނާއި، އޭގައި ވާހާ ތަކެތި ނެހެދޭނެކަން އެކަލޭނގެފާނު ގަބޫލުފުޅުކުރެއްވިއެވެ. އަދި ގައުމުގެ މީހުންނާ އަމިއްލަ އާއިލާއާ ދެކޮޅަށް ވެސް އެކަލޭނގެފާނު މިކަމުގައި ޖަދަލުކުރެއްވިއެވެ. ބުނެވޭ ގޮތުގައި އިބްރާހިމްގެފާނުގެ ބައްޕަ އާޒަރަކީ މިފަދަ ބުދު ހަދާ މީހެކެވެ. ބައްޕަ މިކަމުގައި ކިތަންމެ އަވަދިނެތި އުޅުނު ނަމަވެސް އިބްރާހިމްގެފާނު ތަކުރާރުކޮށް ނަސޭހަތްދެއްވީ މިކަން ދޫކޮށްލުމަށެވެ.
ގައުމަށް އައި އީދެއް ފަދަ ދުވަހެކެވެ. އެންމެން އުޅުނީ އެކި އެކި ކުޅިވަރާއި މަޖަލުގައި މައިދާނަށް އެއްވެއެވެ. އިބްރާހިމްގެފާނު ފިޔަވައެވެ. ބުދު ފައްޅި ހުރީ ހުހަށެވެ. މާތް ﷲގެ ރަސޫލާ ހެއްދެވި ގޮތަކީ ފައްޅިއަށް ވަޑައިގެން އެތަނުގައި ހުރި ހުރިހާ ބުދެއް ތަޅާ ސުންނާފަތިކުރެއްވީއެވެ. އެންމެ ބުދެއް ފިޔަވައެވެ. އެއީ އެތަނުގައި ހުރި އެންމެ ބޮޑު ބުދެވެ. ބުދުތައް ތަޅާލަން ބޭނުންކުރި ކޯރާޑި އެބުދުގެ އަތު ތެރޭގައި ބާއްވާ އިބްރާހިމްގެ ފާނު އެތަނުން ވަޑައިގެންނެވިއެވެ.
ގައުމުގެ މީހުން ކުޅިވަރުތައް ނިންމާލާ ފައްޅިއަށް އަޅުކަން ކުރަން ދިޔައެވެ. ކަމަކު ދާކަށް ނެތެވެ. އެމީހުން ތާއަބަދު އަޅުކަން ކުރަމުން ދިޔަ ބުދުތައް ހުރީ މުޅިން ހަލާކުވެ ސުންނާފަތިވެފައެވެ. އެތަން ފެނި ރަސްގެފާނު ނަމްރޫދު ރުޅިގަދަވެ އެކަން ކުރި މީހަކު ހޯދާ މީހަކަށް ބޮޑު އިނާމެއް ދޭނެ ކަމަށް ބުންޏެވެ.
އެކަން ކުރީ ކާކުތޯ އެންމެން އަހަން ފެށިއެވެ. އެންމެނަށް ވެސް އިއްތިފާގުވެވުނީ ކުޅިވަރުތަކަށް މައިދާނަށް ނުދިޔައީ ހަމައެކަނި އިބްރާހިމްގެފާނު ކަމަށްވީތީ މިކަން ކުރާނީ އެކަލޭނގެފާނު ކަމަށެވެ.
ރަސްގެފާނު ނަމްރޫދު އިބްރާހިމްގެފާނު އެތަށަށް ގެނުވިއެވެ. އަދި މިކަން އެކަލޭނގެފާނު ކުރީ ކީއްވެތޯ ރުޅިއައިސްގެން ސުވާލުކުރިއެވެ. ޖަވާބުގައި އެކަލޭނގެފާނު ހިނިތުންވެ ހުންނަވާ ދެންނެވިއެވެ.
"ތިކަން ކުރީ އެހެރަ ބޮޑު ބުދެވެ. އެހެން ބުދުތައް ތަޅާލި ކޯރާޑި އަދިވެސް އެބުދުގެ އަތުގައި އެއޮތީއެވެ"
މިއަޑު އަހަން އެތަނުގައި ހުރި ފާދަރީއެއް ބުންޏެވެ.
"އޭ އިބްރާހިމް. އަހަރުމެންގެ ބުދުތަކަށް ހަޖޫ ޖަހާ މަލާމާތް ކުރަނީ ކީއްވެ ހެއްޔެވެ. އެ އެއްޗެއްސަށް ގުނޑާ ނުލެވޭނެ ކަން އަދި އަމުދުން ވާހަކަ ނުދެއްކޭނެކަން ވެސް ކަލޭނގެފާނަށް އެނގިވަޑައިގަންނަވާނެއެވެ"
ޖަވާބުގައި މާތް ﷲ ގެ ރަސޫލާ ދެންނެވިއެވެ.
"އެހެންވިއްޔާ ތިޔަބައިމީހުން މި އެއްޗެއްސަށް އަޅުކަން ކުރަނީ ކީއްކުރަން ހެއްޔެވެ. ނުރައްކަލުން އަމިއްލައަށް ސަލާމަތް ނުވެވޭ އެއްޗެހިތަކަކަށް ތިޔަ ބައިމީހުން ރައްކާތެރިކޮށް ދިނުމަށް އެދި އަޅުކަން ކުރަނީ ކީއްވެ ހެއްޔެވެ"
މި ބަސްތައް އިވި ގައުމުގެ މީހުން ހަމަހިމޭންވެއްޖެއެވެ. އެމީހުންގެ މި ބޯދާ ވިސްނުމާ މެދު ސުވާލު ކުރަން ފެށިއެވެ. ގައުމުގެ މީހުން ބުދަށް އަޅުކަން ކުރުމާ މެދު ސުވާލުކުރަމުންދާތަން ބަލަން ކެތް ނުވި ރަސްގެފާނު ނަމްރޫދު ރުޅިގަދަވެއްޖެއެވެ.
"އަހަރެމެންގެ ކަލާނގެތަކަށް މަލާމާތް ކުރަން ކެރޭނީ ކިހިނެއް ހެއްޔެވެ؟! އަހަރެމެންގެ ކާބަފައިންވެސް ކުރިން މި ބުދުތައް ގަބޫލުކުރަމުން ދިޔައީ ހަމަ އަހަރެމެން ފަދައިން! މިހާރު ތިބާއަށް އަދަބު ލިބެންޖެހޭނެ، އަދި އަދަބަކީ ތިބާ އަނދާ ހުލިވެގެން މަރުވުން! އޭނާ ގެންދޭ"
އިސާހިތަކު ރަށުގެ ހަނަފަސް ސަރަހައްދެއްގައި ބިޔަ ބޮޑު އަލިފާންގަނޑެއް ޖެހިއެވެ. އަލިފާންގަނޑު ބިޔަ ކަމުން އެއްވެސް މީހަކަށް އޭނގެ ކައިރިއަށް ނުދެވެއެވެ. އަލިފާންގަނޑުގެ މަތިން އުދުހޭ ދޫނިތައް ވެސް މަރުވެގެން އަލިފާންގަނޑުގެ ތެރެއަށް ވެއްޓެމުން ދިޔައެވެ. ރަސްގެފާނު ނަމްރޫދު ނިންމީ އަލިފާންގަނޑުގެ ތެރެއަށް އިބްރާހިމްގެފާނު އެއްލާލާ ފަދަ ބިޔަ ހަތިޔާރެއް ހެދުމަށެވެ. އަދި މާލަސްތަކެއް ނުކޮށް އެހަތިޔާރު ހަދާ އެ ބޭނުންކޮށްގެން އިބްރާހިމްގެފާނު އަލިފާންގަނޑުގެ ތެރެއަށް އެއްލާލިއެވެ.
އެހިނދު މާތް ﷲ ވަހީކުރެއްވިއެވެ.
"قُلْنَا يَا نَارُ كُونِي بَرْداً وَسَلَاماً عَلَى إِبْرَاهِيمَ"
މާނައީ: (ދެން އެއުރެން އެކަލޭނގެފާނު އަލިފާނަށް އެއްލައިލިހިނދު) ތިމަންރަސްކަލާނގެ ވަހީކުރެއްވީމެވެ. އޭ އަލިފާނާއެވެ. އިބްރާހިމްގެފާނުގެ މައްޗަށް ފިނިކަމެއް ކަމުގައްޔާއި، އަމާން ކަމެއްކަމުގައި ވާށެވެ"
ގައުމުގެ މީހުން އެކަލޭނގެފާނު އެބިޔަ ބޮޑު އަލިފާންގަނޑުގެ ތެރެއަށް އެއްލާލުމުން ވެސް އެކަލޭނގެފާނަށް އެއްވެސް އަނިޔާއެއް ނުވެއެވެ. ބަދަލުގައި އެކަލޭނގެފާނު އެއަލިފާންގަނޑުގެ ތެރޭގައި ހިނުތުވުމަކާއެކު ހުންނަވާތަން ފެނުނެއެވެ. އިތުރަށް ދަރުއަޅާ އަލިފާންގަނޑު ބިޔަ ކުރި ނަމަވެސް އެކަލޭނގެފާނު ހުރީ ފިނިކަމެއްގެ ތެރޭގައި ރައްކާތެރިކަމާއެކު އެވެ.
މިތަން ފެނި ގައުމުގެ ގިނަ ބަޔަކު ވަގުތުން އިބްރާހިމްގެ ފާނަށް ތަބާވިއެވެ. އަދި ރަސްގެފާނު ނަމްރޫދު ވެސް ހައިރާންވިއެވެ. އިބްރާހިމްގެފާނުގެ ކަލާނގެއަށް އޭނާ ތަބާ ނުވި ނަމަވެސް ގައުމުގެ މީހުން އަޅުކަން ކުރަން ބޭނުންވާ ކަލާނގެއަކަށް އަޅުކަން ކުރަން އޭނާ ހުއްދަ ދިނެވެ.
