ސިވިލް ސާވިސް މުވައްޒަފުންނަށް މަސައްކަތުގައި އިތުރު ލުއިފަސޭހަތަކެއް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖްތާޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސް އަށް ދިން އިންޓަވިއުއެއްގައި މުޖްތާޒު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް އިތުރު ލުއިފަސޭހަތަކެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ބައެއް މުވައްޒަފުންނަށް ދިމާވާ ބައެއް ހާލަތްތަކުގެ ސަބަބުން އޮފީހަށް ސީދާ ގަޑިއަށް އައުމުގައި ތަކުލީފުތަކެއް ދިމާވަމުންދާ ކަން ފާހަގަކޮށް މުޖްތާޒު ވިދާޅުވީ ބައެއް މުވައްޒަފުންނަށް ދިމާވާ އެކި ހާލަތްތަކުގައި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ފަދަ އިންތިޒާމުތަކެއް ހަމަޖެހިގެން ދިޔުމަކީ ގިނަ މުވައްޒަފުންގެ އެދުމެއްކަމަށެވެ
މީގެ އިތުރުން މުޖްތާޒު ވިދާޅުވީ އެކި ހާލަތްތަކާ ގުޅިގެން މުވައްޒަފުން ގޭގައި ތިބެގެން އަދާކުރެވޭނެ ބައެއް މަސައްކަތް ހުރި ނަމަވެސް އޮފީހަށް ހާޒިރުވާން ޖެހުމަކީ ތަކުލީފަކަށްވެ އެކަމުގެ ސަބަބުން އުފެއްދުންތެރި ކަމަށް އަސަރު ކުރާ ކަމަށެވެ.
އެހެންކަމުން މުވައްޒަފުންނަށް މެދުވެރިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު މި ލުއިތައް ދިނުމުގެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި މިބަދަލު ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދީ އެކަށީގެންވާ ވަޒީފާގެ މާހައުލެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
