ރޯދަ ހަދިޔާގެ ގޮތުގައި ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ގްރޭޓާ މާލެ ސަރަހައްދު ގެ ގޭބިސީތަކަށް ދޫކުރުން ކުރިއަށްދަނީ މި މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސްއިން ބުނެފިއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުން ދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ. މަސްދަޅު ކޭސް ދޫކުރާ ސުންގަޑިއަކީ ފެބުރުވަރީ 11 ވަނަ ދުވަހުގެ ރޭގަނޑު 11:00 އަށް ހަމަވާއިރު މިހާތަނަށް މާލެ ސަރަހައްދުގައި 43،923 މަސް ދަޅު ކޭސް ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 ކަމުގައިވާއިރު މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ.
މާލޭ ސަރަޙައްދުގައި 14 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރަމުން އަންނައިރު މަސްދަޅު ކޭސް ހޯދުމަށް ޕޯޓަލް މެދުވެރިކޮށް ފަސޭހައިން ޓޯކެން އެއް ނަގާލެވެއެވެ.
