ގަތަރުން ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް 'ގަތަރު ނޭޝަނަލް ވިޒަން 2030' އާއި 'ތާޑް ނޭޝަނަލް ޑިވެލޮޕްމަންޓް ސްޓްރެޓެޖީ 2024–2030' ގެ ދަށުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ތައުރީފު ކުރައްވައިފިއެވެ.
މިނިސްޓަރު ޝަރީފް މިކަމަށް ތައުރީފު ކުރެއްވީ ގަތަރުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓަރު ޑރ އަބްދުﷲ ބިން އަބްދުލްއަޒީޒް ބިން ތުރުކީ އަލް ސުބައިއީއާއެކު ބޭއްވެވި މުހިންމު ބައްދަލުކުރެއްވުމެއްގައެވެ.
މި ކަމާ ގުޅިގެން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ގަތަރުގެ ތިމާވެއްޓާ ބެހޭ ވަޒީރާ ބައްދަލުކުރެއްވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި، ފަންނީ އެހީތެރިކަމާއި ތަޖުރިބާ ބަދަލުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ޝަރީފް އިތުރަށް ވިދާޅުވީ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ދެގައުމުން ވެސް ކުރަމުންދާ މަސައްކަތްތަކުގައި ގަތަރުގެ މިނިސްޓަރާއި އެއިދާރާގެ ޓީމާއެކު ގާތުން މަސައްކަތްކޮށް ދެގައުމުގެ އެއްބާރުލުން އިތުރު ފުރިހަމަކަމާއެކު ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ގަތަރު ނޭޝަނަލް ވިޒަން 2030 އަކީ ގަތަރުގެ އިގްތިސާދާއި، އިޖުތިމާއީ އަދި ތިމާވެށީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް އެކުލަވާލާފައިވާ މާސްޓާ ޕްލޭނެކެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމާއި އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމެވެ.
1984 ވަނަ އަހަރު ރާއްޖެއާއި ގަތަރާ ސިޔާސީ ގުޅުން ގާއިމުކުރެވުނު ފަހުން، ދެގައުމުގެ މެދުގައި އިސްލާމީ އެއްބައިވަންތަކަމާއި ފަތުރުވެރިކަމުގެ ދާއިރާއިންނާއި ތަރައްގީގެ އެކި ދާއިރާތަކުން އަންނަނީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންނެވެ.
