ރައީސް ޑރ.މުހައްމަދު މުއިއްޒު އިއްވެވީ އަވާމެންދުރެއް ފަދަ ރިޔާސީ ބަޔާނެއްކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝާހިދު ވިދާޅުވީ ކުރީގެ ވައުދުތައް މަތިން ހަނދާން ނައްތައިލެއްވުމަށްފަހު އަނެއްކާ ވެސް އާ ކަންކަމުގެ ވާހަކަ ދެއްކުމުގެ މާނައަކީ ރައްޔިތުންނަކީ އެއްވެސް އަގެއް ނެތް ބަޔަކަށް ހެއްދެވުން ކަމަށެވެ.

ފާއިތުވެދިޔަ ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ވައުދު ވެވަޑައިގެންނެވި އެއްވެސް ކަމެއް ކުރެވިފައި ނެތް އިރު، އެ ވައުދުތައް ވަޅުލައި ކަފުންކޮށްފައި އިތުރު ދޮގުތަކެއް ރައްޔިތުންގެ ކުރިމަތީ ހާމަކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައީސް މުއިއްޒުގެ މި ހިނގާ ރިޔާސީ ދައުރުގައި މިއަދު އިއްވެވި ތިން ވަނަ ރިޔާސީ ބަޔާން ވެސް ފާހަގަވެގެން މިދިޔައީ، ފާއިތުވެދިޔަ ދެ ރިޔާސީ ބަޔާނެކޭ އެއްފަދަ، އަވާމެންދުރެއް ފަދަ ރިޔާސީ ބަޔާނެއްގެ ގޮތުގައިކަމަށެވެ. އަދި މިއަދުގެ ބަޔާނަކީ ކުރިއަށް އޮތް އިންތިހާބަށް އަމާޒުކޮށް ރައްޔިތުންނަށް ދެއްކެވި ނަނާ ހުވަފެނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގައުމުގެ ހަގީގީ ހާލަތު ރައީސް މުއިއްޒު ސިއްރު ކުރެއްވި ކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ. ގައުމަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކަށް ކުރިމަގުގައި ހައްލެއް ފެނުމުގެ އުއްމީދު ކުޑަކަމަށް ވިދާޅުވެ، މިހާރުގެ އިގްތިސާދީ ހާލަތާމެދު ޝާހިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ގައުމުގެ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި، ރައްޔިތުންނަށް މިހާރު ފެންނަމުންދަނީ އެއްވެސް ހައްލެއް ނެތް މަންޒަރެއް ކަމަށެވެ.