އއ. ރަސްދޫ ކައުންސިލަށް 2024 ވަނަ އަހަރު ލިބުނު ޖުމްލަ އާމްދަނީގެ ގޮތުގައި ރެކޯޑްކޮށްފައިވާ 11.87 މިލިއަން ރުފިޔާ އަކީ ސައްހަ އަދަދެއް ނޫން ކަން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކުރި ރަސްދޫ ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުގައި، އެ އަހަރު ލިބުނު އާމްދަނީގެ ގޮތުގައި ރިކޯޑްކޮށްފައި ވަނީ 11،867،167 ރުފިޔާ ކަަމށެވެ. ނަމަަވެސް އެ އިދާރާއިން ބަލައިގެންފައިވާ ހުރިހާ ފައިސާއަކަށް ރަސީދު ހަދާފައި ނުވާތީ އާއި އެހެނިހެން މާލީ އަހަރުތަކުގައި ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައިވާ ފައިސާ އަށް އެ އަހަރު ރަސީދު ހަދާފައިވާތީ އެ އަދަދަކީ އެ އަހަރު ލިބުނު އާމްދަނީގެ އަދަދު ކަމުގައި ބެލެވެން ނެތް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.
ރަސްދޫ ކައުންސިލް އިދާރާގެ ބޭންކް އެކައުންތްތަކަށް އެކި ފަރާތްތަކުން ޖަމާކުރާ ފައިސާއަށް ގަވާއިދަށް ރަސީދު ތައްޔާރުކޮށްފައި ނުވާ މައްސަލައަށް ބަލާއިރު، އެކި ފަރާތްތަކުން އެ އިދާރާގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ 673،643 ރުފިޔާއަށް ވިޔަ މޮޑިއުލް އިން ރަސީދު ތައްޔާރުކޮށްފައެއް ނުވެއެވެ. ހަމައެއާއެކު 2،248،552 ރުފިޔާއަށް ރަސީދު ތައްޔާރުކޮށްފައި ވަނީ ޖަމާކުރި ތާރީހުގެ ފަހުގެ ތާރީހެއްގައެވެ.
އެގޮތުން މީގެ ތެރެއިން 514،905 ރުފިޔާ އަކީ 2024 ވަނަ އަހަރު ޖަމާ ކުރި ފައިސާ ކަމުގައި ވިޔަސް ރަސީދު ހެދުމުގައި 4 ދުވަހާއި 17 ދުވަހުގެ މުއްދަތެއް ހިނގާފައި ވެއެވެ. ހަމައެއާއެކު 1،733،647 ރުފިޔާއަކީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ތެރޭގައި ޖަމާކޮށްފައިވާ ފައިސާ ކަމަށް ވެސް އޮޑިޓާ ޖެނެރަލް އިން ނެރުނު ރިޕޯތްގައި ބުނެފައި ވެއެވެ.
ރަސްދޫ ކައުންސިލް އިދާރާގެ ތިޖޫރީން 9274 ރުފިޔާ މަދުވުން
އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އޮޑިޓަރުންގެ ހާޒިރުގައި ރަސްދޫ ކައުންސިލް އިދާރާގެ ތިޖޫރީގައި ހުރި ފައިސާ ގުި އިރު ހުރީ 525 ރުފިޔާ ކަމަށެވެ. އެ ރިޕޯޓުގައި ފާހަގަކޯށްފައިވާ ގޮތުގައި ތިޖޫރީ ރިޕޯޓުތައް ގަވާއިދުން ތައްޔާރުކޮށް އަދާހަމަކޮށްފައި ނުވާ ކަމަށާއި އެ ތާރީހުގައި ތިޖޫރީގައި ހުންނަން ޖެހޭ ފައިސާގެ ސައްހަ އަދަދު ކަށަވަރުވެފައި ނުވާ ކަމަށެވެ.
ނަމަވެސް އެ އިދާރާއިން ފެންނަން ހުރި ލިޔެކިޔުންތަކަށް ބަލާއިރު، އެ ދުވަހާ ހަމައަށް ތިޖޫރީގައި 9799 ރުފިޔާ ހުންނަން ޖެހޭ ކަމަށް އޮޑޓުގައި ފާހަގަކޮށްފައި ވެއެވެ. އެހެންކމުން އެ ކައުންސިލްގެ އިދާރާގެ ތިޖޫރީން 9274 ރުފިޔާ މަދުވާ ކަމަށާއި ފައިސާ އާއި ފައިސާގެ ހިސާބު ބެލެހެއްޓުމުގައި ހަރުދަނާ ކޮންޓްރޯލްތަކެއް ގާއިމްކޮށްފައި ނުވާ ކަމަށް އޮޑިޓުން ބުނެއެވެ.
މީގެ އިތުރުން ރަސްދޫ ކައުންސިލް އިދާރާއިން 2024 ވަނަ އަހަރު ތިޖޫރީގެ މަސްދުވަހުގެ ރިޕޯތްތައް ތައްޔާރުކޯށްފައި ނުވާ ކަމަށް ވެސް އޮޑީޓުން ފާހަގަކޯށްފައި ވެއެވެ. އަދި އެ އިދާރާއިން ދުވަހުން ދުވަހަށް ބަލައިގަންނަމުން ދާ ފައިސާ އާއި ތިޖޫރީން ބޭންކަށް ޖަމާކުރުމަށް ނެގި ފައިސާގެ ތަފްސީލް އަދާ ހަމަކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓުގައި ބުނެފައި ވެއެވެ.
