ދިވެހި ފައިސާގެ ތެރެއިން 100 ރުފިޔާ ނޫޓުގެ އާ ސްޓޮކެއް މިއަދު ގެނެސްފައިވާ ކަމަށް, މަރުކަޒީ ބޭންކުން ބުނެފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރި އިއުލާނެއްގައި ބުނީ، 100ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުން އާ ސްޓޮކެއް ޗާޕްކޮށްގެން ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ގެނައީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނުބުނެ އެވެ.

އެންމެފަހުން ސްޓޮކް މަދުވެގެން 100ރ. ގެ ނޫޓު އެމްއެމްއޭއަށް ގެނައީ ހުސްވި އަހަރުއެވެ.

ފައިސާގެ ސްޓޮކް ހުސްވާން ކައިރިވުމުން އެމްއެމްއޭއިން ސްޓޮކް ގިނަ ކުރުމަށް ދޭތެރެ ދޭތެރެއިން އެކި އަދަދުތަކުން ފައިސާ ޖަހައިގެން ގެނެ އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެމްއެމްއޭ އިން އާ ނޫޓެއް ތައާރަފް ކުރީ ޖެނުއަރީ 26، 2016 ގަ އެވެ. އެ ނޫޓު ހަދާފައިވަނޯ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ. އަދި އެ ނޫޓު ސީރީސް ނެރުމަށް ފަހު، ކުރީގެ ކަރުދާސް ނޫޓު ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.

ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.