އިސްލާމް ދީނުގައި ވަރިއަކީ މާތް ﷲ ސުބަހާނަހޫވަތައާލާ ހުއްދަކުރައްވާފައިވާ ކަންކަމުގެ ތެރެއިން އެކަލާނގެ އެންމެ ނުރުހުންވެވޮޑިގަންނަވާ ކަންތަކެވެ. މިކަން މާތް ރަސޫލާގެ ހަދީޘުން ވެސް އެނގެން އެބައޮތެވެ. ކައިވެނިކޮށްގެން އުޅޭ ދެމަފިރިއަކު އެ ކައިވެނި ނިންމާލާ ވަރިއާ ހިސާބަށް ދިއުމުގެ ކުރިން ދެމީހުންގެ ދެމެދުގައި ސުލްހަ ގާއިމުކުރެވޭތޯ އެކި އެކި ގޮތްގޮތުން މަސައްކަތް ކުރުމަކީ އިސްލާމް އެކަންކަމަށް ބާރު އަޅާ ކަންކަމެވެ. އެހެން ނަމަވެސް ވަރިއާ ހިސާބަށް ގޮސް ކައިވެނި ރޫޅުމުން ދެން ދީނުގައި އެންމެ ބޮޑަށް އިސްކަމެއް ދޭނީ އެކައިވެންޏަކަށް ލިބިފައިވާ ދަރިންގެ ހައްގުތަކާ ރައްކާތެރިކުރުމަށެވެ.
ކައިވެންޏެއް ރޫޅުމުން އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދަރިންނަށް
ދަރިންނަކީ މާތް ﷲ މައިންބަފައިންނަށް ދެއްވާ އަމާނާތަކެވެ. އަދި އެކުދިން އިސްލާމް ދީނުގެ ހިދާޔަތާ އެކު ރަނގަޅު ސިއްހަތެއްގައި ބޮޑުކުރުމަކީ މައިންބަފައިންގެ މައްޗަށް އެކަލާނގެ ދެއްވާފައިވާ ޒިންމާއެކެވެ. ޖިސްމާނީ ގޮތުންނާ ނަފްސާނީ ގޮތުން އެކުދިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ މައިންބަފައިން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ދީނުގެ ކަންކަމަށް އަހުލުވެރިކުރުމާ ރަނގަޅު މާހައުލެއްގައި ކުއްޖާ ބޮޑުވާން ފުރުސަތު ހޯދައި ދިނުމަކީ ވެސް މައިންބަފައިންގެ މައްޗަށް ވާޖިބުކޮށްފައިވާ ކަމެކެވެ.
ކައިވެނި ރޫޅި ދެމަފަރިން ވަކިވެގެން ދިއުމުން އެކަމުގެ އެންމެ ބޮޑު އަސަރެއް ގިނަ ފަހަރު ކުރާނީ އެކައިވެންޏަކަށް ލިބިފައިވާ ދަރިންނަށެވެ. މިގޮތުން، ކައިވެނި ރޫޅުމުން ކުދިންގެ ހިތުގައި ރުޅިވެރިކަމާ، ހިތާމައާ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުންފަދަ އިހްސާސްތައް އާލާވެއެވެ. ދިރާސާތަކުން ދައްކާ ގޮތުން، މިފަދަ ކުދިންނަށް ޑިޕްރެޝަން ފަދަ ނަފްސާނީ ބޮޑެތި ބަލި މަޑު ކަމާ ކުރިމަތިލާން ޖެހެއެވެ. އަދި މަންމައާ ބައްޕައާ އެކު ބޮޑުވަމުން އަންނަ ކުދިންނާއި ހިލާފަށް އެކަނިވެރި މަޔަކު ނުވަތަ ބަފަޔަކު ބަލާ ކުދިންގެ އަހްލާގީ މައްސަލަތައް ގިނައިން ޖެހޭ ކަން ވެސް ދިރާސާތަކުން ދައްކައެވެ. އުޅޭ ތަން ބަދަލުވުމާ މަންމަ ނުވަތަ ބައްޕަ ކޮންމެ ދުވަހަކު ނުފެނުން ފަދަ ކަންކަމުގެ ސަބަބުން ކުއްޖާއަށް ކުރާ އަސަރަކީ މުޅި އުމަރަށް ވެސް އޭނގެ ހިތިކަން ހުންނަ ފަދަ އަސަރުތަކެކެވެ.
މާތްވެގެންވާ އިސްލާމް ދީނު ބާރު އަޅަނީ މިފަދަ ނޭދެވޭ އަސަރުތަކުން ކުއްޖާ ސަލާމަތްކޮށް އެފަދަ ކަމެއްގައި ވެސް ބޮޑުވެގެން އަންނަ ކުއްޖާއަށް ވެސް ފުރިހަމަ ލޯތްބާއި އޯގާތެރިކަން މަންމަ އަދި ބައްޕަގެ ފަރާތުން ވެސް ކަށަވަރުކުރުމަށެވެ.
ދެމެފިރިންގެ ކައިވެނި ރޫޅުނު ވާހަކަ ކުދިންނަށް ކިޔާ ދިނުން
ކުއްޖެއްގެ މަންމައާ ބައްޕަގެ ކައިވެނި ރޫޅި ވަކިވާން ޖެހުމަކީ އެކުއްޖެއްގެ ހަޔާތަށް އަންނާނެ ވަރަށް ބޮޑު ބަދަލެކެވެ. އަދި މި ބަދަލާ އެކުއްޖާއާ އެކުއްޖާގެ މައިންބަފައިން ކުރިމަތިލާ ގޮތަކީ އެކުއްޖާގެ މުޅި ހަޔާތަށް ވެސް އެކަމުން އަސަރުކޮށްފާނެ ކަމެކެވެ.
މިކަމުގެ ފެށުމަކީ ދެމެފިރިންގެ ވަރިންގެ ވާހަކަ ލިބިފައިވާ ކުދިންނަށް ރީތިކޮށް ކިޔާ ދިނުމެވެ. އެންމެ ރަނގަޅު ގޮތް ކަމަށް އިލްމުވެރިން ބުނަނީ ދެމަފިރިން އެކުގައި ކުދިންނާ ވާހަކަ ދެއްކުމެވެ. އަދި ދެމަފިރިން ވަކިވެގެން ދަނީ އެކުދިންގެ އެއްވެސް މައްސަލައަކާ ހެދި ނޫން ކަން ވިސްނާދީ ކައިވެނި ރޫޅުނު ނަމަވެސް ދެމަފިރިން ވެސް ކުދިންނަށް އެންމެ ފުރިހަމަ ލޯބި ދޭނެ ކަމުގެ ޔަގީން ކަން ދޭންވާނެއެވެ. އަދި އެކުދިންގެ ސުވާލެއް އޮތް ނަމަ އެކުދިންނަށް ވިސްނޭނެ ގޮތަކަށް ސާފުކޮށް ތެދު ބަހުން ޖަވާބު ދިނުމަކީ ވެސް މުހިއްމު ކަމެކެވެ. ކުއްޖާއަށް ވިސްނާ ދޭންވީ އެއްޗަކީ ދިރިއުޅުމަށް މިފަދަ ބޮޑު ބަދަލެއް އައި ނަމަވެސް މިކަމުގެ ސަބަބުން ކުއްޖާ އެކަނިވެ ބިކަ ވެގެން ނުދާނެ ކަމެވެ.
ކުދިން ބެލެހެއްޓުމާ ހަރަދުކުރުން
ކައިވެންޏެއް ރޫޅުމުން އެކައިވެންޏަކަށް ލިބިފައިވާ ކުދިން ގިނަ ފަހަރަށް ދެން ބަލަހައްޓާނީ އެކުދިންގެ މަންމައެވެ. މަދަ ފަހަރަކު ބައްޕަ ކައިރީ ކުދިންގެ ބަހައްޓަން ކޯޓުން ނިންމާ އިރު ކުއްޖާއަށް ހަރަދުކުރުމުގެ ޒިންމާ އުފުލަން ޖެހޭނީ ހަމައެކަނި ކުއްޖާ ބަލަހައްޓާ ބެލެނިވެރިޔާއެއް ނޫނެވެ.
އިސްލާމީ ޝަރީއަތުގެ ހަމަތަކުގެ މަތިން ވަރިވުމަށް ފަހު ވެސް ކުދިންނަށް ހަރަދުކުރުމަކީ ބައްޕަގެ ޒިންމާއެކެވެ. ކީރިތި ޤުރުއާނުގެ ސޫރަތުލް އަލް ތަލާގް ސޫރަތުގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވަނީ:
لِيُنفِقْ ذُو سَعَةٍۢ مِّن سَعَتِهِۦ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُۥ فَلْيُنفِقْ مِمَّآ ءَاتَىٰهُ ٱللَّهُ ۚ لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا مَآ ءَاتَىٰهَا ۚ سَيَجْعَلُ ٱللَّهُ بَعْدَ عُسْرٍۢ يُسْرًۭا
މާނައީ: ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަންހުރި މިންވަރަކުން ހޭދަކުރާހުށިކަމެވެ. އަދި އެމީހެއްގެ ރިޒްގު ދަތިކުރައްވާފައިވާ މީހާ، ފަހެ، އެމީހާއަށް ﷲ ދެއްވި އެއްޗަކުން ހޭދަކުރައްވާ ހުށިކަމެވެ. އެއްވެސް ނަފްސަކަށް އެނަފްސަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރުން މެނުވީ ﷲ ތަކުލީފެއް ނުޖައްސަވަތެވެ. ދަތިކަމަކަށް ފަހު ފަސޭހަކަމެއް ﷲ ލައްވާހުށްޓެވެ.
އަދުގެ މުޖްތަމައުގައި ވަރަށް ގިނަ ފަހަރު ހިނގާ ކަމެކެވެ. ދެމެފިރިއަކަށް ކުދިން ލިބުނު ފަހުން ދެ މީހުން ވަރިވެގެން ގޮސް ކުދިންގެ ބައްޕަ ވަރިފަހު ހަރަދު ކުރަމުން ދެއެވެ. އެހެން ނަމަވެސް އެމީހާ އަނެއްކާ އެހެން ކައިވެންޏެއް ކުރުމާއެކު ކުރީގެ ކައިވެންޏަށް ހަރަދުކުރުން ހުއްޓާލައެވެ.
އަނެއް ހާލަތުގައި ކުދިން ބަލަހައްޓަމުންދާ މަންމަ އެހެން ކައިވެންޏެއް ކުރުމުން ވެސް ކުދިންގެ ބައްޕަ ދެމުންދާ ހަރަދުތައް ހުއްޓާލައެވެ. ދަރިންނަށް ހަރަދުނުކުރާ ބައްޕައިންނާއި ބައެއް ހާލަތްތަކުގައި މަންމައިންނާ ދެމެދު ދައުލަތުން އަޅާ ފިޔަވަޅުތައް ފަހަކަށް އައިސް ވަނީ ހަރުކަށިކޮށްފައެވެ. އެއީ މިކަމުގައި ކަން ހިނގަން ޖެހޭ ގޮތެއް ނޫނެވެ. ކިތަންމެ ބައިވަރު ފިޔަވަޅެއް އެޅި ނަމަވެސް ތިމާގެ ދަރިންނަށް ހަރަދުކުރުމަކީ ތިމާގެ އެކަނި ޒިންމާއެއް ކަމަށް ނުވިސްނޭހާ ހިނދު އެކުދިންގެ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރި ނުކުރެވޭނެއެވެ.
ކުދިންގެ ކުރިމަތީގައި ހަރަދުގެ ވާހަކަ ދެއްކުން
ކުޑަ ކުދިން ބޮޑުވަމުންދާން ޖެހޭނީ އެކުދިންގެ އުމުރާ ގުޅޭ މަސްއޫލިއްޔަތުތަކާ އެކުކަން މުޖްތަމައު ގަބޫލުކުރެއެވެ. އެހެން ނަމަވެސް ވަރިވެފައިވާ ދެމެފިރިއެއްގެ ދެމެދު ހިނގާ ހަރަދުގެ މައްސަލައިގެ ތެރެއަށް ކުދިން ވެއްދުމަކީ އެއްވެސް އުމުރެއްގެ ކުޑަކުއްޖެއްގެ މަސްއޫލިއްޔަތެއް ނުވަތަ އެކުއްޖަކަށް ވިސްނެންޖެހޭ ކަމެއް ވެސް ނޫނެވެ. ކުއްޖާ އެއްޗަކަށް ބޭނުންވާ ފަހަރަކު މަންމަ ނުވަތަ ބައްޕަ ކައިރީ އެވާހަކަ ބުނުމުން ތި ކަންކަން ކުރާކަށް އެކުއްޖާގެ ބައްޕަ ނުވަތަ މަންމަ ހަރަދެއް ނުދެއޭ، މިފަދަ ގޮތަކަށް ވާހަކަ ދެއްކޭ ބެލެނިވެރިން ވެސް މަދެއް ނޫނެވެ.
އަދުގެ އިގްތިސާދުގައި އެކަނިވެރި ހާލަތުގައި ކުދިން ބަލާ ބޮޑުކުރުމަކީ ބުރަ ކަމެކެވެ. އެހެން ނަމަވެސް އެކަމުގެ ބުރަ ކަމުގެ އިހްސާސް ކުދިންނަށް ވިޔަ ނުދިނުމަކީ މައިންބަފައިންގެ ހައިސިއްޔަތުން ކުދިންނަށް ދެވޭ ރަހްމަތެކެވެ. މީގެ މާނައަކީ ތިމާއަށް ނުވާ ވަރުން ކުދިންގެ އުފަލަށްޓަކައި އަގު ބޮޑު އެއްޗެއް ގަތްދީ ހެދުމެއް ނޫނެވެ. އަދި އެކުދިން އެއްޗަކަށް ބުނާ އިރަކު ހަރަދު ނުދެއޭ ކިޔާ އޮއްބާލުމެއްވެސް ނޫނެވެ. ބަދަލުގައި ރީތި ސާފު ބަހުން ކަންކަން ވިސްނައި ދިނުމެވެ.
ވަރިވެފައިވާ ފިރިމީހާ އަތުން ހަރަދު ހޯދާ އިތުރު ފައިސާ ހޯދަން ކުދިން ބޭނުން ކުރާ އަންހެނުން ވެސް އުޅެދާނެއެވެ. މިއީ އިސްލާމީ ރިވެތި އުސޫލުތަކާ މުޅިން ހިލާފު ކަމެކެވެ. ވަރިވެފައިވާ ދެ މީހުންގެ މެދުގައި ހިނގާ މިފަދަ ފައިސާގެ މުއާމަލާތްތައް ކުދިން މެދުވެރިކޮށް ހިންގުމަށް އިސްލާމް ދީނު ދެކޮޅު ހަދައެވެ. އެއީ މަންމައާ ބައްޕަގެ ކޯޅުން ގަނޑުގެ ތެރެއަށް އެކުދިން ވަނުމުން އުމުރަށް ވުރެ އަވަހަށް ބޮޑުވާން އެކުދިންނަށް މަޖްބޫރުވާނެތީއެވެ.
ވަރިވުމަށް ފަހު ކުދިންނަށް ވަގުތު ދިނުން އަދި އެފުރުސަތު ފަހިކޮށް ދިނުން
ކައިވެނި ރޫޅި އާއިލާ ވަކިވެގެން ދިޔަ ނަމަވެސް މަންމަ ނުވަތަ ބައްޕަ އެކުއްޖަކު ދެކޭ ލޯބިވާ ކަން އެންމެ ބޮޑަށް އިހްސާސް ކުރެވޭނީ ވަރިއަށް ފަހު އެކުއްޖާއަށް ވަގުތު ދޭނަމައެވެ. އިސްލާމީ އުސޫލުގެ މަތިން ކައިވެންޏާ އާއިލާއެއް ގެންގުޅުމުގައި ވެސް އެކަކު އަނެކަކަށް ވަގުތު ހުސްކުރުމުގެ މުހިއްމުކަން އިލްމުވެރިން ފާހަގަކުރާ އިރު އެބޭފުޅުން ކިޔާ ދޭ ގޮތުގައި ވަރިވުމަށް ފަހު ކުދިންނަށް ވަގުތު ހުސްކުރުން ދެގުނަ މުހިއްމެވެ. އަދި ވަގުތު ހުސްކުރުމަކީ ސްކޫލަށް ގެންގޮސް ބަލާ ދިނުން ކަހަލަ ކަން ކުރުން ނޫން ކަމަށާ ކުއްޖާ ލޯބިވާ އެކި އެކި ކަންކަން ކުރުމުގައި އެކުއްޖާއާއެކު ވަގުތު ހޭދަކުރުން ކަން ވެސް ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ. ކުދިންނަށް ބޭނުންވާ ވަގުތު ނުދެވޭ ބައްޕައިން ނުވަތަ މަންމައިންނާ ކުދިން ދުރުވަމުންދާނެ ކަމަށާ ވަކި ހިސާބަކުން އެ ބެލެނިވެރިޔާއަކީ އެކުއްޖާ އިތުބާރު ކުރާ ނުވަތަ ބަރޯސާވާ ބެލެނިވެރިއަކަށް ނުވާނެ ކަމަށް ވެސް ދާއިރާގެ މާހިރުން ބުނެވެ.
ވަރިއަށް ފަހު ކުއްޖާއާ ދުރުވާ ބެލެނިވެރިޔާ އެކުއްޖާއާ އެކު ވަގުތު ހޭދަ ކުރާނެ ފުރުސަތު ފަހިކޮށް ދިނުމަކީ ކުއްޖާ ބަހައްޓާ ބެލެނިވެރިޔާގެ ޒިންމާއެކެވެ. ދެމީހުންގެ ދެމެދު އޮތް ގުޅުން ނިނުމުގައި ކަމުގައި ވެސް ކައިވެންޏަށް ލިބިފައިވާ ކުދިންގެ ލޯބި އެކަކު އަނެކަކަށް ހައްގުވާ ކަން ވިސްނެން ޖެހޭނެއެވެ. އަދި އެލޯތްބަށް ހަނގުރާމަ ކުރަން ނުޖައްސާ، ކުއްޖާގެ ބައްޕަ ނުވަތަ މަންމަ އެކުއްޖާއާއެކު ވަގުތު ހޭދަކުރަން އެދޭ ނަމަ އެކަމަށް ހުރަސް އެޅުމަކީ އިސްލާމް ދީނު ދެކޮޅު ހަދާ ކަމަކެވެ.
ވަރިއަށްފަހު ދެވަނަ ކައިވެންޏެއް ކުރުމާ ކުދިންގެ ހައްގުތައް
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ވަރި ގިނަ އެއް ގައުމަށްވާ އިރު އެކައިވެނި ރޫޅި ދެވަނަ ނުވަތަ ތިން ވަނަ ކައިވެންޏެއް ކުރުމަކީ ވެސް ދިވެހި މުޖްތަމައުގައި މިހާރު އާއްމު ކަމެކެވެ. ދެވަނަ ކައިވެންޏެއް ކުރުމަކީ އިސްލާމް ދީނު ވެސް ބާރު އަޅާ ކަމެއް ނަމަވެސް ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ކުދިންގެ ހައްޤުތައް ކަށަވަރުކުރުމަށް ވެސް ދީނުގައި އިސްކަންދެއެވެ. އަދި ދެވަނަ ކައިވެންޏެއްގެ ސަބަބުން އެކުދިންގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންކޮށް އަލަށް ފަށާ ދިރިއުޅުމުގައި ވެސް އެކުދިންނަށް ޖާގަ ދިނުމަށް ވެސް ދީނުގައި ބާރުއަޅައެވެ.
މަންމައާ ބައްޕަގެ އެހެން މީހުންނާ ކައިވެނިކޮށް އެކައިވެނިތަކަށް ދަރިން ހޯދިނަމަވެސް ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ދަރިން އެކަނިވެރިވިޔަ ނުދީ އެކުދިންނަށް އެ އިހްސާސް ވެސް ވިޔަ ނުދީ ބަލާ ބޮޑުކުރުމަށް ވެސް އިސްލާމްދީނު ގޮވާލައެވެ. އަދި އެކުދިންގެ މަންމައާ ބައްޕަގެ ކައިވެނި ރޫޅުމަކީ އެކުދިންގެ މުސްތަގްބަލު ނުރަނގަޅު ގޮތުގައި ބައްޓަން ވެގެންދާ ސަބަބަކަށް ވިޔަ ނުދިނުމަށް މަންމައާ ބައްޕަ ވެސް މަސައްކަތް ކުރަންވާނެއެވެ.
