ސުލްތާން ގާބޫސް ގްރޭންޑް މިސްކިތަކީ އޮމާންގެ ވެރި ރަށް މަސްކަތުގައި ހުންނަ މިސްކިތެކެވެ. މިޒަމާނުގެ އިސްލާމީ ސްޓައިލެއްގައި ނިންމާލާފައިވާ މި މިސްކިތަކީ އެގައުމުގެ އެންމެ ބޮޑު މިސްކިތެވެ. މި މިސްކިތަކީ އެއްފަހަރާ 20،000 މީހުންނަށް އަޅުކަންކުރުމުގެ ޖާގަ ލިބޭ މިސްކިތެކެވެ.
1992 ވަނަ އަހަރު އޭރުގެ އޮމާންގެ ރަސްކަމުގައި ހުންނެވި ގާބޫސް ބިން ސައިދް އަލް ސައިދް ވަނީ އޭނާގެ ގައުމުގައި ބޮޑު މިސްކިތެއް ހުންނަން ޖެހޭކަން ހާމަކުރައްވާފައެވެ. މި މިސްކިތަކީ އޭނާގެ އަމިއްލަ ހަރަދުގައި ބިނާކޮށް، އޭނާގެ ގައުމަށް ދޭން ބޭނުންވި ހަދިޔާއެކެވެ. ގާބޫސް ބިން ސައިދް އަލް ސައިދް، ދުނިޔޭގެ އެންމެ ރީތި މިސްކިތް ބިނާކުރުުގެ އަޒުމާއެކު މި މަސައްކަތް ފެށިއިރު އޭނާގެ އަތުގައި މަސައްކަތްކުރުމަށް މާ ގިނަ ފައިސާއެއް ނެތް ނަމަވެސް އެ މިސްކިތް ބިނާކުރުމަށް އޭނާ ބޭނުންވީ ވަރަށް ފުރިހަމައަށެވެ.
މި މިސްކިތުގެ މަސައްކަތް ފެށުމުގެ ގޮތުން 1993 ވަނަ އަހަރު މިސްކިތުގެ ޑިޒައިން ކުރާނެ ގޮތް ބެލުމަށް މުބާރާތެއް ބޭއްވުމަށް ނިންމާ އެކަން އިއުލާންކުރެވުނެވެ. މިސްކިތުގެ މަސައްކަތް ފެށުމުގެ ގޮތުން ގާބޫސް ބިން ސައިދް އަލް ސައިދް ބޭނުންވީ އޮމާނީ އާއި އިސްލާމީ އާކިޓެކްޗަރަލް ސްޓައިލްތައް ވެސް ބަލާލުމަށެވެ. އިރާގުގެ އާކިޓެކްޓެއް ކަމަށްވާ މުހައްމަދު ސާލިހު މަކިޔާ އާއި ކުއަޑް ޑިޒައިންއާ ގުޅިގެން ޑިޒައިން ކުރި މި މިސްކިތުގެ އިންޓީރިއާ ޑިޒައިން ފުރިހަމަކޮށްފައިވަނީ އެޑްގާޑް ބާލީއެވެ.
މި އިމާރާތުގެ ކޮންޓްރެކްޓް ކެރިލިއަން އަލަވީ އެލްއެލްސީއަށް ލިބުނުއިރު މިސްކިތް އިމާރާތްކުރުމަށް ޑިސެމްބަރު 1994 ގައި ބައުޝަރުގައި ސައިޓެއްވަނީ ކަނޑައަޅާފައެވެ. 1994 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރާ ހަމައަށް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، 2001 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހު މިސްކިތް އިފްތިތާހުކޮށްފައިވަނީ ގާބޫސް ބިން ސައިސް ބިން ސައިދްގެ ވެރިކަމަށް 30 އަހަރު ފުރުން ފާހަގަކުރުމަށެވެ.
މި މިސްކިތް ބިނާކުރުމަށް ހަ އަހަރާއި ހަތް މަސް ދުވަސް ހޭދަވިއެވެ. މި މިސްކިތަކީ ތަފާތު ވައްތަރުގެ ހިލަތަކުން ހަދާފައިވާ މިސްކިތެކެވެ. މި މިސްކިތް ބިނާކުރުމަށް އިންޑިއާއިން 270,000 ޓަނަށްވުރެ ގިނަ ހެލާވަނީ އޮމާންއަށް އެތެރެކޮށްފައެވެ. މިސްކިތުގެ ދޮރާއި ކުޑަދޮރުތައް ޒީނަތްތެރިކުރުމަށް ލަކުޑި އާއި ބިއްލޫރި ބޭނުންކޮށް ގެންނެވެ. މި މިސްކިތުގައި އިސްލާމީ، މެދުއިރުމަތީ، އަދި އޮމާނީ އާކިޓެކްޗަރަލް ސްޓައިލްތައް ވަނީ އެކުލަވާލާފައެވެ.
މި މިސްކިތުގެ ނަމާދު ކުރާ މެއިން ހޯލުގައި އެއްފަހަރާ ޖުމްލަ 6،500 އަށް ވުރެ ގިނަ މީހުންނަށް އަޅުކަން ކުރެވޭއިރު، އަންހެނުންގެ ނަމާދު ހޯލުގައި 750 އަޅުކަންކުރާ މީހުންނަށް އެއްފަހަރާ ޖާގަ ލިބިގެން ދެއެވެ. މީގެ އިތުރުން މިސްކިތުގެ ބޭރުގައިވާ ސަރަހައްދުގައި ޖުމްލަ 8000 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭނެއެވެ. މި މިސްކިތް އާންމުންނަށް ހުޅުވާލިއިރު، މިއީ ދުނިޔޭގެ އެންމެ ބޮޑު ޗާދަލިޔާ އާއި އެންމެ ބޮޑު ސިންގަލް ޕީސް ކާޕެޓް އޮތް މިސްކިތެވެ. އަދި މިއީ މިހާރު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ސިންގަލް ޕިސް ކާޕެޓާއި ޗާދަލިޔާ އޮތް މިސްކިތެވެ.
މީގެ އިތުރުން މި މިސްކިތަކީ ނަމާދުކުރާ ސަރަހައްދަށް މުސްލިމުންނާ އަދި އެހެން ދީންތަކުގެ މީހުންނަށްވެސް ވަދެވޭގޮތަށް އޮމާންގައި ހުރި ހަމައެކަނި މިސްކިތެވެ. އެހެންނަމަވެސް ނަމާދުކުރާ ހޯލްތަކުގެ ތެރޭގައި ކެއުމާއި، ނިދުމާއި އަދި ފޯނު ބޭނުން ކުރުމަކީ މަނާ ކަމެކެވެ. މި މިސްކިތުގެ ބޭރުގައި ހައްދާފައިވާ ރީތި ބަގީޗާ ގަސްތަކާއެކު މިސްކިތުގެ ސަރަހައްދަށް އިތުރު ފުރިހަމަކަން ގެނެސްދީފައިވެއެވެ. މާ އަޅާފައިވާ ގަސްތަކާއެކު، މިސްކިތުގެ ބަގީޗާ ޒީނަތްތެރިކޮށް، ބަލަަހައްޓަމުންދަނި އެކަމަށް ހާއްސަ ތަޖުރިބާކާރުންނެވެ.
އިނގިރޭސިވިލާތުގެ ލީޑިން ނޫހެއް ކަމަށްވާ ދަ ޓެލެގްރާފް ގެ ލިސްޓުގައި 2015 ވަނަ އަހަރު ދުނިޔޭގެ އެންމެ ރީތި 25 މިސްކިތުގެ ތެރޭގައި ސުލްތާން ގާބޫސްގެ ގްރޭންޑް މިސްކިތް ވަނީ ހިމެނިފައެވެ.
