އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ގްރޭސްއަށްގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިން ކޯޓަށް ހާޒިރުކުރަން އެެންމެ ފަހު ފުރުސަތު މިއަދު ދީފިއެވެ.

މި މައްސަލާގައި ދައުވާ ލިބޭ، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ ބައިގައި ހެކިބަސް ނަގާ ވަނީ ނިމިފައެވެ. މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ މާވިންގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. މާވިންގެ ފަރާތުން މިއަދުގެ އަޑުއެހުމަށް ފަސް ހެކިވެރިއަކު ހާޒިރުކުރާ ގޮތަށް އޮތް ނަމަވެސް، ކޯޓަށް ހާޒިރުވީ އެންމެ ހެކިވެރިއެކެވެ. ދެން ތިބި މީހުންނަށް ޗިޓު ފޮނުވާފައި ވިޔަސް، ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ.

އެ އެންމެންނަކީ ވެސް ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސް މީހުން ކަމަށާއި ބާކީ ތިބި ހަތަރު ހެކިވެރިންނަށް ގުޅުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށް މާވިންގެ ވަކީލު ބުނެފައި ވެއެވެ. މާވިންގެ މަންމަ އާއި އެކުވެރިން ލައްވާ ވެސް އެ ހެކިވެރިންނާ ގުޅޭތޯ ބަލާފައިވާ ކަމަށާއި އެ މީހުންގެ ފަރާތުން ޖަވާބެއް ލިބިފައި ނުވާ ކަމަށް މާވިންގެ ވަކީލް ބުނެފައި ވެއެވެ.

އެހެންކަމުން މިއަދުގެ އަޑުއެހުމުގައި ނިންމީ އެ ހެކިވެރިން ހާޒިރުކުރުމަށް މި ހަފްތާގައި އިތުރު އަޑުއެހުމެއް ބޭއްވުމަށާއި އެ ދުވަހު އެ މީހުން ކޯޓަށް ހާޒިރުނުވެއްޖެ ނަމަ، އެ މީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދާ ގޮތަށެވެ.

މިއަދު ހެކިބަސް ދިން މީހާ ބުނި ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސް ރައްޔިތެއްގެ ހައިސިއްޔަތުން، މާވިން ދަންނަ ކަމަށާއި އެއީ އެންމެންނާ ވެސް ގުޅޭ، ހެޔޮ މީހެއް ކަމަށެވެ. އެކަމަކު މާވިންގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން އެއްޗެއް ބުނަން ނޭނގޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. އޭނާގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ލަމްހާ ހައްޔަރު ކުރީ އެ އަހަރުގެ ޑިސެމްބަރު 16 ގައެވެ. މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.