މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާން، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 27، 2021 ގައެވެ. އަދި މާވިންގެ ލޯބިވެރިޔާ ލަމްހާ ހައްޔަރުކޮށްފައި ވަނީ އެ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. ލަމްހާގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ

މި މައްސަލައިގެ ޝަރީއަތް ލަސްވުމާ ގުޅިގެން ބަންދުން ދޫކޮށްލައިދިނުމަށް ލަމްހާގެ ފަރާތުން އެދުމުން ނޮވެމްބަރު 23، 2023 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލައިފައެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުގެ އަމުރަށް އަލުން ލަމްހާ ބަންދުކުރިއެވެ.

އެއަށްފަހު ޝަރީއަތް ލަސްވަމުން ދާތީ ލަމްހާގެ ފަރާތުން ބަންދުން ދޫކޮށްލުމަށް އެދުމުން މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ލަމްހާ ރާއްޖެއިން ފުރައިގެން ނުދިއުމަށާއި ކޯޓުން އަންގާ ކޮންމެ ވަގުތެއްގައި ކޯޓަށް ގަޑިއަށް ހާޒިރުވުމަށާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށް ޝަރުތު ކުރުމަށް ފަހު ދޫކޮށްލައިފައެވެ.

މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ގާޒީ އިބްރާހިމް ޒިހުނީ ވިދާޅުވީ ބަންދުން ދޫކޮށްލަންޖެހޭ ހާލަތު ބަދަލުވެފަ ނުވާ ކަމަށާއި، ނުރައްކާ ވަޒަންކުރަން އެސެސްމަންޓެއް ހަދަން ވެސް އަދި މައްސަލަ ތަހުގީގުކުރި އޮފިސަރުގެ ބަހެއް ހޯދަން ޖެހޭ ހާލަތެއް ވެސް ނެތް ކަމަށެވެ. ލަމްހާގެ މައްސަލަ ބައްލަވާ ގާޒީ ފާއިޒް ރަޝާދު ސަސްޕެންޑުކޮށްފައި ހުރުމުން މިއަދު ލަމްހާގެ ބަންދާމެދު ގޮތެއް ނިންމަވާފައިވަނީ ގާޒީ ޒިހުނީއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އަހުމަދު ނައުފަލު ވިދާޅުވީ ޖަލުގައި ލަމްހާ ހުރިއިރު އެތަނުގައި ތިބި ގައިދީންތަކަކަށް މަރުގެ އިންޒާރު ދީފައި ވާކަމަށާއި، އެފަދަ އަމަލުތަކަށް ބަލާއިރު ވެސް ލަމްހާ ބަންދުން ދޫކޮށްލާފައި ހުރުމަކީ މުޖުތަމައަށް އޮތް ނުރައްކަލެއް ކަމަށް ނައުފަލު ވަނީ ވިދާޅުވެފައެވެ.

މިވާހަކަތަކަށް ލަމްހާގެ ދިފާއީ ވަކީލު ވިދާޅުވީ ޖަލުގައި މިފަދަ ހާދިސާތަކެއް ހިނގިކަން އެނގޭ އެއްވެސް ހެއްކެތް ނެތް ކަމަށެވެ. މި ވާހަކަތައް އަޑުއައްސަވާ ގާޒީ ޒިހުނީ ނިންމެވީ ޝަރީއަތް ނިމެންދެން ރިމާންޑު ޖަލެއްގައި ލަމްހާ ބަންދުކުރުމަށެވެ.