މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް އާންމު ޓެސްޓުތައް އެތަންތަނުގައި ހެދޭނެ ގޮތް ހަމަޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
"ތަރުޖަމާނާ އެކު" ޕޮޑްކާސްޓުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ޑައިގްނޯސްޓިކް ހިދުމަތް ވަރުގަދަކުރުމަށް ކަމަށާއި އެ ގޮތުން ރަށުގައި ތިބެގެން ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބޭސް ފަރުވާ ފެށޭ ހިސާބަކީ ރަނގަޅު ޑައިގްނޯސްޓިކް ސިސްޓަމެއް އޮތުން ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމަށް ބަލިމީހާއަށް ފުރިހަމައަށް އިތުބާރުކުރެވޭ ގޮތެއް އޮންނަންޖެހޭނެ ކަމަށެވެ.
މި ސަރުކާރު ފެށުނުއިރު އަތޮޅުތެރޭގައި 76 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ނުލިބި އޮތްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެހެންވެ، ޕޮއިންޓް އޮފް ކެއާގެ ދަށުން އެތަންތަނުގައި ބޭސިކް ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖެއްސިފައިވާ ކަމަށެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ އަތޮޅުތެރެ އަށް ސިއްހީ ނިޒާމު ފުޅާކުރުމުން މާލެއަށް ބަރޯސާވާ މިންވަރު ކުޑަވެ، މާލޭގެ ހޮސްޕިޓަލުގެ ކިޔޫ ކުޑަވުމަށް މަގުފަހިވާނެކަމަށެވެ.
މި ސަރުކާރުގެ ދެވަނަ އަމާޒަކީ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކުރުންކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް، ލެބްޓެކްނީޝަނުން އެތަންތަނަށް ލެވި، މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވަނީ މިދިޔަ 2025 ވަނަ އަހަރު ހަތަރު ތަނެއްގައި ލެބޯޓްރީ ގާއިމުކުރެވިފައިވާކަން ފާހަގަކޮށްފައެވެ.
