ގާޒާ އާރާސްތު ކުރުމުގެ ނަމުގައި ޓްރަމްޕް ހައްދަވާފައި ވާ 'ގާޒާ ބޯޑު އޮފް ޕީސް' ގައި އިސްލާމީ ބޮޑެތި ގައުތަކުން ބައިވެރިވާނެ ކަމަށް ބުނެފިއެވެ.
ސައުދީ، ތުރުކީ، މިސްރު، ޔޫއޭއީ، އުރުދުން، އިންޑޮނީޝިއާ، ޕާކިސްތާން އަދި ގަތަރުފަދަ ގައުމުތައް ހިމެނެއެވެ. އަދި ބަހްރެއިން، އަލްބޭނިއާ، އަރްމީނީއާ، އަޒަރްބައިޖާން، ބެލަރޫސް، ހަންގޭރީ، ކަރަކިސްތާން، މޮރޮކޯ، ވިއެޓްނާމް ފަދަ ގައުމުތަކުން މިހާރު ވަނީ ބައިވެރިވެފައެވެ.
އިސްލާމީ ބޮޑެތި ގައުމުތަކުގެ އިތުރުން އެކި ދީންތަކުގެ މީހުން އުޅޭ ގައުމުތަކުންވެސް ބައިވެރިވަމުން އަންނަ އިރު، ގާޒާގެ ރައްޔިތުން މަރާ ހުސްކުރާ ޔަހޫދީ އިޒްރޭލުވެސް އެ ބޯޑުގައި ޓްރަމްޕް ވަނީ ހިމަނާފައެވެ.
ޓްރަމްޕް ވިދާޅުވަނީ، އެ ބޯޑުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންވެސް ބައިވެރިވަވަޑައިގަންނަވާނެ ކަމަށާއި އޭނާ އެއްބަސްވެވަޑައިގެންފައި ވާ ކަމަށެވެ.
ސްވިޒަލޭންޑްގައި އޮތް ވޯލްޑް އިކޮނޮމިކް ފޯރަމްގައި ޓްރަމްޕް އެވާހަކަ އިއުލާން ކުރެއްވިތާ އިރުކޮޅެއް ނުވެ ޕުޓިން ވަނީ، އަދި ގޮތް ނުނިންމާ ކަމަށާއި ނަމަވެސް މިވަގުތަށް 'ބޯޑް އޮފް ޕީސް' އަކީ މުހިންމު ގިނަވަނެއް ކަމަށް ވިދާޅުވި، އެ ޖަމާއަތުން ކުރަން ގަސްދުކުރާ ހަރަދުތަކަށް، އެމެރިކާ އާއި ހުޅަނގުން ހިފަހައްޓާފައިވާ ރަޝިއާގެ ފައިސާގެ ތެރެއިން 1 ބިލިއަން ޑޮލަރު ނަގަން ހުށަހަޅުއްވާ ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް އުފެއްދެވި މި ބޯޑުގައި ބައިވެރިވާ ގައުމުތަކުން ދާއިމީ މެންބަރުކަން ބޭނުންނަމަ 1 ބިލިއަން ޑޮލަރުގެ ކޮމިޓްމަންޓެއް، ނުވަތަ އެހީ ދޭނެ ކަމަށް އެއްބަސްވާން ޖެހޭނެ ކަމަށް ޓްރަމްޕް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މިބޯޑުގެ ސާފު މެންޑޭޓަކީ ކޮބައިކަން އަދި މުޅިން ތަފްސީލުވެފައި ނުވާއިރު ބޯޑުގައި ބައިވެރިވާން ޓްރަމްޕް ދައުވަތު ދެއްވީ ކިތައް ގައުމަށް ކަމެއްވެސް އަދި މުޅިން ސާފެއް ނުވެއެވެ.
ހުޅަނގުން، ކެނެޑާ، ޔޫކޭ ފަދަ ގައުމުތަކުން މިހާރު ބައިވެރިވެފައި ވާ އިރު، އިޓަލީވިލާތުގައި ހުންނަ އީސާއީންގެ އެންމެ ބޮޑު ފައްޅިން ވެސް ވަނީ ޓްރަމްޕްގެ ދައުވަތު ލިބުނުކަމަށް ބުނެފައެވެ.
މި ބޯޑުގައި ބައިވެރިވުމަށް ސްލޮވީނިއާ އަށް ދިން ދައުވަތު އެގައުމުން ވަނީ ދޫކޮށްލާފައެވެ. ބުނެފައި ވަނީ، އެ ބޯޑުގެ ސަބަބުން މިހާރު ގައިމުވެފައި އޮތް ބައިނަލްއަގުވާމީ ހަމަތަކާ ފުށޫއަރާފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ބޯޑުގެ ޗާޓަރު ނުވަތަ އަސާސީ ގަވައިދުކަމަށް ބުނެ ލީކްވެފައި ވާ ޑޮކިއުމަންޓަކުން އެނގޭގޮތުގައި ބޯޑުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން 3 ގައުމަކުން ޗާޓަރު އެންޑޯސް ކޮށްފި ނަމަ ނުވަތަ ބަލައިގެންފި ނަމަ އެއީ އަމަލު ކުރާނެ ސިޔާސަތަށް ވާނެއެވެ. އަދި ދާއިމީ މެންބަރުކަން ބޭނުން ނަމަ އެގައުމަކުން މަދުވެގެން 1 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ޖެހޭނެއެވެ.
ބޯޑުގެ ޗާޓަރު ބުނާގޮތުން އެ ޖަމާއަތް ވާނީ، ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް ސުލްހަ ގާއިމު ކުރުމުގެ ބާރު ލިބިދޭ ބޯޑަކަށެވެ. ޗެއާ ނުވަތަ ރިޔާސަތު ބަލަހައްޓަވާނީ ޓްރަމްޕެވެ. އެއީ އެމެރިކާއިން އެ ބޯޑަށް ކަނޑައަޅާ މެންބަރުން ނުހިމަނައެވެ. ބޯޑުގެ ޗެއާ އަށް ދޭ ބާރުތަކުގެ ތެރޭގައި އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އައްޔަން ކުރުމާއި އެ އޮނިގަނޑުގެ ތެރޭގައި އުފައްދާ ކުދި ކޮމިޓީތައް އުވާލުމާއި އާ ކޮމިޓީތައް ހެދުމުގެ ބާރު ހިމެނެއެވެ.
މިހާރުވެސް އެބޯޑުގައި އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ އާއި، ވައިޓްހައުސްގެ އެޑްވައިޒަރު އަދި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާ އާއި އެމެރިކާގެ ހާއްސާ މަންދޫބު ސްޓީވް ވިޓްކޮފް އާއި އިނިގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި އެޕޯލޯ ކުންފުނީގެ ސީއީއޯ މާކް ރޯވަން އާއި ވޯލްޑް ބޭންކްގެ ރައީސް އަޖޭ ބަންގާ ވަނީ އެމެރިކާއިން ކަނޑައަޅާފައިވާ މެންބަރުންގެ ގޮތުގައި ހިމަނާފައެވެ.
މިބޯޑުގެ ދަށުން މަސައްކަތް ކުރަން 'ގާޒާ އެގްޒެކެޓިވް ބޯޑު' ގެ ނަމުގައި ވެސް ބޯޑެއް އުފައްދާފައި ވާ އިރު އޭގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ، ވިޓްކޮފް އާއި ޖެރެޑް އާއި ބްލެއާ އާއި ރޯވަން އާއި، މިސްރުގެ އިންޓެލިޖެންސް ޗީފް ހަސަން ރަޝާދު އާއި ތުރުކީގެ ހާރިޖީ ވަޒީރު ހަކާން ފިދާން އާއި، ޔޫއޭއީގެ މިނިސްޓާ ސްޓޭޓް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަން ރީމް އަލް-ހަޝިމީ އާއި މެދުއިރުމައްޗަށް ކުރިން ކަނޑައަޅާފައި ހުންނެވި އދ ގެ މަންދޫބެއް ކަމަށް ވާ ބަލްގޭރިއާގެ ސިޔާސީ ލީޑަރެއް ކަމަށް ވާ ނިކޮލައި މްލަދެނޯވް އާއި މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތްތައް ހިންގުމަށް އދ އިން ކަނޑައަޅާފައި ހުންނަވާ ސިދިރިގް ކާގް އެވެ.
އިޒްރޭލުން ގާޒާގެ ރައްޔިތުން މަރާ، އެތައް ބަޔަކު ޝަހީދުކޮށް މުޅި ގާޒާ އެކީއެކަށް އަންދާ އަޅިއަށް ހަދާފައި ވާއިރު، ގާޒާ އާރާސްތު ކުރުމުގެ ނަމުގައި ޓްރަމްޕް މި އުފެއްދެވި ބޯޑުގައި ނަތަންޔާހޫ ހިމެނުމުން ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. މި ބޯޑުގެ މަސައްކަތްތައް ފެށުމާ ދިމާއަށް ދާއިރު އިއްޔެވެސް އިޒްރޭލުން ވަނީ ގާޒާއަށް ހަމަލާދީ 11 މީހަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 3 ނޫސްވެރިންވެސް ހިމެނެއެވެ.
