ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެވޭނީ ރައްޔިތުންގެ ސިކުނޑިތަކުގައި ގައުމީ ލޯބި އާލާވެގެންކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީރު މިފަދައިން ވިދާޅުވެފައިވަނީ ރޭ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ނަސީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ގައުމީ ސިޔާސަތުގެ ދަށުން ދިވެހި ރައްޔިތުންގެ ސިކުނޑިތައް ގައުމީ ވިސްނުމާ އެއްކޮޅަށް ބިނާކުރެއްވުމަށް ބޮޑު އިސްކަމެއް ދެއްވަމުން އެބަގެންދަވާ ކަމަށާއި، މިއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށެވެ.
ނަސީރު ވިދާޅުވީ މި ސިޔާސަތުތަކުގެ މައިގަނޑު މަގުސަދަކީ ދިވެހި ގައުމުގެ ސަލާމަތް ފުރިހަމައަށް ކަށަވަރުކޮށް ބޭރުގެ ނުފޫޒެއް ނެތި ދިވެހީންގެ އަމިއްލަ ސިޔާސަތުތަކުގެ މަތީގައި ގައުމު ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ރައީސް މުއިއްޒުގެ މި ތަސައްވުރުގެ ދަށުން ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމާއި، ރައްޔިތުންގެ މެދުގައި ދީނީ އަދި ގައުމީ ވަލީވެރިކަން ދެމެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށްވެސް ނަސީރު ވަނީ ފާހަގަކުރައްވާފައެވެ.
ދުނިޔޭގައި އަބަދު ވެސް ތަފާތު އޮއިވަރުތައް ހިނގާނެ ކަމަށާއި އެ ކަންކަމަށް ހޭލުންތެރިވެ ދީނާއި ގައުމާއި ދައުލަތް ދިފާއުކުރުމުގެ މަސްއޫލިއްޔަތު އަބަދު ވެސް އުފުލަން ޖެހޭނީ އަމިއްލައަށްކަމަށް ނަސީރު ވަނީ ވިދާޅުވެފައެވެ.
ޝަހީދުންގެ ދުވަސް ރާއްޖޭގައި ފުރަތަމަ ފާހަގަކުރީ 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން ޖޫން 14، 1980 ގައެވެ. މި ދުވަސް ފާހަގަކުރަނީ އިސްލާމްދީނުގެ ހައްގުގައި ހަނގުރާމަކުރައްވާ ޝަހީދުވެވަޑައިގެންނެވި އަލިރަސްގެފާނުގެ އިތުރުން ޝަހީދުންގެ މާތް ދަރަޖަ ލިބިވަޑައިގެން، ރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީނުގެ ހައްގުގައި ޝަހީދުވި ބަތަލުންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
އަލިރަސްގެފާނު ޝަހީދުވެވަޑައިގެންފައިވަނީ ޕޯޗުގީޒުންނާއި ހަނގުރާމަ ކުރައްވަނިކޮށް ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާންމަހުގެ 1 ވަނަ ދުވަހުއެވެ.
