އަލިރަސްގެފާނުގެ ޖިހާދުން އަދުގެ ދިވެހީންނަށް ގޮވާލަނީ ބޭރުގެ ގައުމުތަކުގެ ފައިބުޑަށް ދިވެހީން ތިރިނުވެ، ދިވެހީންގެ އަމިއްލަ ސަލާމަތް ހޯދުމަށް ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވިއެވެ.
މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ޝަހީދުންގެ ދުވަސް ދިވެހީންނާ ބައްދަލުކުރަނީ މުހިންމު އެތައް ފިލާވަޅުތަކާ އެކު ކަމަށާއި، އެ ފިލާވަޅުތަކުން އިބުރަތް ހާސިލްކުރުމަށްޓަކައި ތާރީހީ ލިޔުންތަކަށް އަލިއަޅުވާލަން ޖެހޭ ކަމަށެވެ.
ޝަހީދުންގެ ދުވަހާ ގުޅިގެން ރައީސް ދެއްވި ފުރަތަމަ ހިތާބުގައި ވަނީ:
- ކަޅު މުހައްމަދު ރަސްގެފާނު ރާއްޖެ އަށް ވެވަޑައިގެންނެވި ހިޔާނާތުގެ ވާހަކަ ގެންނަވައިފަ
- އެގޮތުން ރާއްޖޭން ލިބެން ހުރި ބައެއް ވަސީލަތްތަކުގެ ދެބައިކުޅަ އެއްބައި ކަންނަންނޫރު އަލީ ރާޖާ އަށް ދޭ ގޮތަށް ނިންމެވި ނިންމެވުމުގެ ވާހަކަ ގެންނަވައިފަ
- ނ. ކެނދިކުޅުދު އާއި ރ. ކިނޮޅަސް ވެސް އަލީ ރާޖާ އަށް ދޫކޮށްލި ވާހަކަ ގެންނަވައިފަ
- ޕޯޗުގީޒުން ރާއްޖެ އަށް އަރަން ފުރުސަތު ލިބުނު ގޮތުގެ ވާހަކަ ހިއްސާކުރައްވައިފަ
އެހެންކަމުން ޝަހީދުންގެ ދުވަހަށް ބަލާލުމުން އެއް ފަރާތުން ފެނިވަޑައިގަތީ ބޮޑެތި ހިޔާނާތްތަކުގެ މަންޒަރު ކަމަށާއި، އަނެއް ފަރާތުން ފެނިވަޑައިގަތީ ރަސްކަމުގެ ދަހިވެތިކަމުގައި ގައުމު ހަލާކުގެ ތެރެއަށް އެއްލާލައި ދިވެހީންގެ މުދަލާއި މިނިވަންކަމާއި ދީން ގުރުބާންކޮށްލާ މަންޒަރު ކަމަށް، ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޝަހީދުންގެ ދުވަހުގެ ހާދިސާ އިން ލިބިދޭ ފިލާވަޅުތަކުން ދޭހަވަނީ އަލިރަސްގެފާނުގެ އީމާންތެރިކަމުގެ މަތިވެރިކަމާއި، އެ ރަދުން ދިވެހީންނާ މެދު ގެންގުޅުއްވި ކުލުނާއި، ރާއްޖެ އާ މެދު ހިތްޕުޅުގައި އޮތް ލޯބީގެ ފުންކަމާއި، އެ ރަދުންގެ ހިތްވަރުފުޅު ގަދަކަން ކަމަށެވެ.
"އަމިއްލަ ފުރާނަފުޅަށް ވުރެ އިސްކުރެއްވީ ދީން. ގައުމަށް ތެދުވެރިވުން. ދައުލަތަށް ވަފާތެރިވުން. ރައްޔިތުން ސަލާމަތްކުރެއްވުން،" އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ އޭރުގެ ރަސްރަސްކަލުން ދެއްކެވި ނަމޫނާކަން ފާހަގަކުރައްވައި ރައީސްގެ ހިތާބުގައި ވަނީ އެގޮތުން ތިން ކަމަކަށް އަލިރަސްގެފާނުގެ ޖިހާދު ގޮވާލާ ކަމަށް ވިދާޅުވެފައެވެ. އެއީ:
- "އަލިރަސްގެފާނުގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ އެބަ މުހާތަބުކުރޭ، ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެބަ ގޮވާލާ، ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލާ،"
- "އަލިރަސްގެފާނުގެ ޖިހާދު މީޑިޔާ އާ އެބަ މުހާތަބުކުރޭ. ހަބަރު ފަތުރާއިރު ގައުމާ އެއްކޮޅަށް ހަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ، ދޮގު ހަބަރުތައް ނުފަތުރަން އެބަ އިންޒާރުދޭ،"
- އަލިރަސްގެފާނުގެ ޖިހާދު ދިވެހި ޒުވާނުންނާ އެބަ މުހާތަބުކުރޭ، ޒުވާންކަމުގެ އޮއިވަރުގައި އަމިއްލަ ދީނާއި އަމިއްލަ ގައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ،"
އަލިރަސްގެފާނުގެ ޖިހާދުން އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ މާތް ﷲ ހައްގަށް ނަސްރު ދެއްވާނެ ކަން ކަމަށް، ރައީސް ވިދާޅުވިއެވެ.
ހިތާބު ނިންމަވާލެއްވުމުގެ ކުރިން ރައީސް ވިދާޅުވީ، ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު ސަރުކާރުން އަނބުރާ ހޯދައި، ބޭރުގެ އަސްކަރިއްޔާތަކަށް ޖާގަ ނެތް ބިމަކަށް ދިވެހި ފަސްގަނޑު ހައްދަވާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ މި ފަހުރުވެރި ޝަހީދުންގެ ދުވަހު އަޅުގަނޑުގެ އިހްލާސްތެރި އިލްތިމާސަކީ މިއީ، ގައުމަށް ތެދުވެރިވާށޭ! ދީނަށް ހުރުމަތްތެރިކޮށް ހިތާށޭ! ދައުލަތަށް ވަފާތެރިވާށޭ!"