ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށާއި، ނޮވެންބަރު 3 ގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މި އައްޑަނަތައް އެރުވުން އޮންނާނީ، މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

ރައީސް މިފަދައިން ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ހަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގައުމާ މުހާތަބު ކުރައްވާނެއެވެ. އަދި ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫންވެސް ވާހަކަފުޅު ދައްކަވާނެއެވެ.

ދިވެހިންގެ މަދުބަޔަކު، ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް ޖަމާއަތް) ގުޅިގެން 1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ތިންވަނަ ދުވަހު މާލެއަށް ދިން ހަމަލާގަ ދިވެހިންގެ ތެރެއިން 19 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގަ ހިތްވަރުގަދަ ސިފައިންގެ 8 ބޭކަލަކާ އާންމުންގެ 11 މީހަކު ހިމެނެއެވެ. އާންމުންގެތެރެއިން 7 މީހުން ޝަހީދުވީ ޓެރެރިސްޓުން ފިލަން ދަތުރުކުރި ޕްރޮގްރެސް ލައިޓް ބޯޓުގަ ރަހީނުކޮށްފަ ވަނިކޮށެވެ. އަނިޔާވެރި މިހަމަލާގައި 39 ދިވެހިން ވަނީ ޒަހަމްކޮށްލާފައެވެ.

މި ހަމަލާ ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އެވެ. އޭނާ އާއިއެކު ދިވެހިންގެ އިތުރު 6 މީހަކު އެކިގޮތްގޮތުން މިކަމުގައި އެހީތެރިވެދީފައިވެއެވެ.