މި ވަތަނަށް އުޖާލާ މާދާމާއެއް ހޯދައި ދިނުމަށް ހިންމަތް ކުރުމަކީ އެންމެންގެ އެންމެ އިސް ގައުމީ ވާޖިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި މި ވަނީ ޝަހީދުންގެ ދުވަހާ ގުޅިގެން އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހީންގެ މިނިވަންކަމުގެ ހައްގުގައި ޖިހާދުު ކުރި ބަތަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށެވެ. މި ވަތަނަށް އުޖާލާ މާދާމާއެއް ހޯދައި ދިނުމަށް ހިންމަތް ކުރުމަކީ ހުރިހާ ދިވެހިން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެއީ އެންމެ އިސް ގައުމީ ވާޖިބު ކަމަށް ރައީސް ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަހާއި ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ ހާއްސަ މެސެޖެއް ދެއްވާފައެވެ. ނައިބު ރައިސް ވިދާޅުވީ، ޝަހީދުންގެ ދުވަސް ފާހަގަ ކުރަނީ ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްތާލުންގެ ހިދުމަތްތަކުގެ ހަނދާންކޮށް އެ އަބްތާލުންގެ ޒިކުރާ އާލާ ކުރުމަށް ކަމަށެވެ.

ކޮންމެ އަހަރަކުވެސް ޝައުބާން މަހުގެ އެއްވަނަ ދުވަސް ފާހަގަ ކުރަމުން ދަނީ، ދިވެހިރާއްގެ ޝަހީދުންގެ ދުވަހުގެ ގޮތުގައެވެ.

މި ދުވަސް ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއް ވަނަ ދުވަހު، އޭރު ރާއްޖޭގެ ތަހުތުގައި އިންނެވި އައްސުލްޠާން ޢަލީ (6ވަނަ) ސިރީ އައުދަ ސިޔާސަ ކައްތިރި ބަވަނަ މަހާރަދުން (އަލިރަސްގެފާނު) ރާއްޖޭގެ މިނިވަން ކަމުގެ ހައްގުގައި ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވާ ޝަހީދު ވެވަޑައިގެންފައި ވާތީއެވެ.

ދިވެހި ތާރީހުން އެނގޭ ގޮތުގައި އަލިރަސްގެފާނު ޝަހީދު ވުމާ އެކު އެދުވަހު ދިވެހިންގެ ކޯއްޓޭއަށް ޕޯޗުގީޒުގެ ދިދަ ނަގާފައިވެއެވެ. ޕޯޗިގީޒުންގެ ވެރިއަކަށް އޭރު ހުރީ އަނދިރި އަނދިރީންނެވެ. ޕޯޗުގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކޮށްދެއްވީ، އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނެވެ.