ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ދީނާއި ގައުމަށް ހިދުމަތްކުރުމަކީ ކޮންމެ ދިވެހި ދަރިއަކަށް ވެސް ލިބޭ އުފަލެއްކަމުގައި ހަދަންޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޝަހީދުންގެ ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެެވެ.

ނައިބު ރައީސް ވިދާޅުވީ ދިވެހި ފަސްގަނޑުގެ ދިފާއުގައި ޖިހާދުކުރެއްވި އެންމެހާ އަބުތާލުންގެ ޖިހާދުން މުހިންމު ދަރުސްތަކެއް ލިބިގެންދާކަމަށެވެ. އެގޮތުން ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ދީނާއި ގައުމުގެ މަސްލަހަތު އިސްކުރުމާއި ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުޑަކޮށްވެސް ފަހަތަށް ނުޖެހުން ފަދަ ދަރުސްތައް ލިބިގެންދާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އަލިރަސްގެފާނުގެ ޖިހާދުގެ އިބުރަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ޝަހީދުންގެ ދުވަހު ދެއްވި ހިތާބަކީ ކިޔަވާކުދިންގެ ހިތްތަކުގައި ބިންވަޅު ނެގޭނެ ފަދައިން އުގަންނައި ދޭންޖެހޭ ފިލާވަޅުތަކެއް ހިމެނޭ ގައުމީ ހިތާބެއް ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ދިވެހި ތާރީހުގައި ރަން އަކުރުން ފެވިފައިވާ އަލިރަސްގެފާނުގެ ގުރުބާނީއަކީ ތާއަބަދަށް ހަނދާން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ދިވެހި ގައުމާއި، އިސްލާމީ ވަހުދަތު ހިމާޔަތްކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި ކޮންމެހެން ބޭނުންތެރި ކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ނައިބު ރައީސްގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދުގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންނާއި ރާއްޖެއިން ބޭރުގެ ބައެއް ސަފީރުން ވަނީ ބައިވެރިވެވަޑަގެންފައެވެ.