ރާއްޖޭގައި ބޭސް ވިއްކުމުގެ ހުއްދަ ނެތި ބޭސް ވިއްކާ ފާމަސީތަކާއި ހުއްދަ ނެތް ފާމަސީ ޕްރޮފެޝަނަލުން ބައިތިއްބައިގެން ބޭސް ވިއްކާ ފާމަސީތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ، ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އިމްޕޯޓްކޮށް ވިއްކޭނެ ބޭހާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެ އޮތޯރިޓީގައި ބޭސް އިމްޕޯޓްކުރާ އަދި ވިއްކާ ފަރާތްތެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ ލިބިގެން ކަމަށެވެ. ހަމައެއާއެކު ބޭސް ވިއްކާ ފާމަސީތައް ވެސް ރަޖިސްޓާކޮށް ފާމަސީ ޕްރޮފެޝަނަލުން ފާމަސީތަކުގައި މަސައްކަތް ކުރެވޭނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށެވެ.

އެގޮތުން ފާމަސީތަކުގައި އެ އޮތޯރިޓީން ދޫކުރާ "ބޭސް ވިއްކުމުގެ ހުއްދަ" ނެތި ބޭސް ވިއްކުމަކީ މަނާ ކަމެއް ކަމަށާއި ފާމަސީ ޕްރޮފެޝަނަލުން ފާމަސީތަކުގައި މަސައްކަތްކުރާ އިރު ފާމަސިސްޓާ އައިޑީކާދު ނެތި މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އެމްއެފްޑީއޭއިން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.

ފާމަސީތަކުން ބޭސް ބަލައިގަންނަ އިރު ބަލަން ޖެހޭ ކަންކަން ވެސް އެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ. އެ ކަންކަމަކީ:

  • ބޭސްވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައި ހުރިތޯ ބަލައި ޔަގީންކުރުން
  • ބޭސް ދޫކުރަން ހުރީ ފާމަސިސްޓެއް ކަން އަންގައިދޭ އައިޑީ ކާދު އަލާފައިވާ ފަރާތެއްތޯ ބެލުން
  • ނަގާ ބޭހަކީ މުއްދަތު ހަމަަނުވާ ބޭސް ކަން ޔަގީން ކޮށް މުއްދަތު ހަމަވާ ތާރީހު ބެލުން
  • ބޭސް ބޭނުންކުރަންވީ ގޮތުގެ އިރުޗާދު ރަނގަޅަށް ލިޔެފައިވޭތޯ ޔަގީން ކުރުން
  • ބޭސް ޕެކްކޮށްފައި ހުރީ ރައްކާތެރި ގޮތަށް ތޯ ބެލުން (މިސާލަކަސް ފިނީގައި ބަހައްޓަން ޖެޙޭ ބޭސް ދޫކުރާ އިރު އައިސް ޕެކް ފަދަ ތަކެތި އަލައި ޕެކް ކޮށްފައިވޭތޯ ޔަގީން ކުރުން)

އެމްއެފްޑިއޭ އިން ބުނީ ބޭސް ވިއްކުމުގެ ހުއްދަ ނެތް ފާމަސީތަކާއި، ބޭސް ވިއްކާ ފަރާތުގެ ފާމަސީ ޕްރޮފެޝަނަލުންގެ ހުއްދަ ނެތި ހިންގާ ތަންތަނާ މެދު ފިޔަވަޅު އަލާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި މި ކަމާ ގުލޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ބުނެފައި ވެއެވެ.