މުދާ އުފުލާ ދޯންނެއް ބަންޑުން ޖަހާލުމުން ގެއްލުނު ދެމީހުންގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
މި މީހާ އަކީ މުދާ އުފުލާ ބޯޓެއް ކަމަށްވާ "ބަލްމާ -6" މިއަދު ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ ދެމީހުންގެ ތެރޭގައި ހިމެނޭ ދިވެއްސެކެވެ.
ފުލުހުން ބުނީ މި ބޯޓު ކ. ވާދޫ ކައިރިއަށް ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު 7:27 އެހާކަންހާއިރު ކަމަށެވެ. ފުލުހުން ބުނީ މި އުޅަނދުން 4 މީހުން ދަތުރުކުރި ކަމަށާއި އެތަނުން ދެ މީހުން އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައި ވާކަމަށެވެ.
ގެއްލުނު ދެމީހުންގެ ތެރެއިން ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވާއިރު ދެން ގެއްލިގެން ހޯދަމުންދަނީ ބިދޭސީ މީހެކެވެ. އޭނާ މިހާތަނަށް ފެނިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ސަރަހައްދުގައި ފުލުހުންގެ އިތުރުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
