ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހު 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ. މި އޮޕަރޭޝަންގައި، މަސްވެރިންގެ ޕާކު ސަރަހައްދުން އެ ހަތަރު މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު 23 ފުޅި ބަނގުރާ ވަނީ ފެނިފައެވެ.

ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ކޯޓުން ބަންދުގެ މުއްދަތު ދިނީ ދެ މީހުންނަށް ކަމަށް ވުމުން ފުލުހުން ވަނަވަރު އާންމުކޮށްފައި ވަނީ ދެ މީހުންގެ އެވެ. އެ ދެ މީހުންނަކީ މާލެ / ގ. ހެޕީސައިޑް، މުހައްމަދު ނާއިޝް (43އ) އާއި ޅ. ހިންނަވަރު / ހަނދާން، އިކްރާމް އަބްދުއްރަޙްމާން (31އ) އެވެ. މި ދެ މީހުން ވެސް 10 ދުވަހުގެ މުއްދަތަށް ބަންދުކޮށްފަފައިވާއިރު މި މައްސަލައިގައި ދެން ހައްޔަރުކުރި ދެ މީހުން ޝަރުތު ކުރުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

ދާދި ފަހުން ވަނީ މާލޭގައި ބަނގުރާ އުފައްދައި، ގެންގުޅެ ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކޮށް މާލޭ ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ވަނީ ފެނިފައެވެ. ފުލުހުންވަނީ އެ އެންމެން ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.