ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރި އަހްމަދު ޝަމާހް ރަޝީދުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ސްޓެލްކޯގެ އެމްޑީގެ މަގާމަށް ޝަމާހު އައްޔަންކުރީ އޭރު ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސެއިން ފަހުމީ އެ މަގާމުން ވަކި ކުރުމަށްފަހު އެވެ. މަގާމުދިންތާ މާ ގިނަ ދުވަހެއް ނުވަނީސް އިއްޔެ ޝަމާހު ވަކި ކުރި ނަމަވެސް އޭނާ ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމަކޮށްފައި ނުވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނީ، ޝަމާހު އާއި ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭސީސީން ހިއްސާކޮށްފައި ނުވެއެވެ. ޝަމާހުއަކީ މި ސަރުކާރުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
މިފްކޯގެ އެމްޑީ ކަމުން ޝަމާހު ވަކިކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. އޭރު އޭނާއަށް ވަނީ ބޮޑެތި ތުހުމަތު ތަކެއް ވެސް ކޮށްފައެވެ. އެގޮތުން އެ އަހަރުގެ މާޗް މަހު ވަނީ ކޯޕަރެޓް ގަވަނަންސްގެ މައްސަލަަތަކަކާ ގުޅިގެން ދެ ހަފްތާއަށް ސަސްޕެންޑުވެސް ކޮށްފައެވެ.
އެ މައްސަލަތަކުގެ ތެރޭގައި އޭނާގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކާއި ރައްޓެހިންނަށް ކުންފުނީގެ ވަޒީފާ ދިނުން ފަދަ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ. މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރުމަށްފަހު ޝަމާހު ދެން ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.
