އަދުގެ ދުނިޔެ ހިނގަމުން އަންނަނީ ސޯޝަލް މީޑިއާ ނުވަތަ މީސް މީޑިއާއިންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މައުލޫމާތު ފޯރުކޮށް ދިނުމާ ލިބިގަތުމުގައި ގައުމުތަކުގެ ސަރުކާރުތަކާ ބޮޑެތި ކުންފުނިތަކުން ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތައް ބަލަމުންދާ އިރު އާއްމު މީހާ އެކުވެރިޔާގެ އުފަންދުވަސް ދެނެގަތުމަށް ވެސް ބޭނުން ކުރަނީ ސޯޝަލް މީޑިއާ އެޕްއެކެވެ. ސޯޝަލް މީޑިއާ އެޕްތަކުގެ ސަބަބުން އެތަށް ބަޔަކަށް އެމީހުންގެ ވިޔަފާރިތައް ކުރިއަރުވާނެ ގޮތްތައް މެދުވެރިވެގެން ދިޔަ އިރު އަމިއްލަ ހުނަރާ ފަންނު ކުރިއަރުވަން ގިނަ ބަޔަކަށް ފުރުސަތު ވެސް ލިބިގެން ހިނގައްޖެއެވެ.

ކޮންމެ އެއްޗެއް ބޭނުން ކުރުމުގައި ނުވަތަ ކޮންމެ ކަމެއް ވެސް ކުރުމުގައި އިސްލާމް ދީނުގައި ވަނީ ހައްދުތަކެއް ކަނޑައަޅާފައެވެ. ގިނަ ބައެއްގެ ވަގުތު އެކަމަކަށް އެންމެ ގިނައިން ދެވޭ ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި ވެސް ހައްދެއް ނެތި އެކަން ކުރުމުން އޭނގެން ފެންނަ ގެއްލުންތައް ލިބޭ ފައިދާއަށް ވުރެ ގިނައެވެ. އިސްލާމް ދީނުގައި ބާރު އަޅާ އަހްލާޤީ މިންގަނޑުތަކަށް ފަހަރަކު ފަރުދަކު ފުރަގަސްދެމުންދާތަން ފެންނަ އިރު އިސްލާމީ ރިވެތި ފޭރާނުން މުޅި މުޖްތަމު ދުރަށް ދިއުމަކީ ދުނިޔޭގެ ހަލާކުކަން ޔަގީނެވެ. ދެއްކުންތެރިކަމާ، އެކަކު އަނެކަކަށް ހަސަދަލުމާ، ދޮގު މައުލޫމާތު ފެތުރުން ފަދަ ނުރައްކާތެރި އާދަތަކަކީ މިހާރު މުޅި މުޖްތަމައުއަށް ޖެހިފައިވާ އިޖްތިމާއީ ވަބާއެކެވެ. އެހެން ކަމުން، މުސްލިމުންގެ ހައިސިއްޔަތުން ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި ވެސް ވަކި މިންގަނޑުތަކެއް ހިފެހެއްޓުން މުހިއްމެވެ.

ދެއްކުންތެރިކަން

ސޯޝަލް މީޑިއާގައި އެފެންނަ ޕޯސްޓްތަކާ އެއަންނަ ވީޑިއޯކޮޅުކޮޅު ނުވަތަ ކޮންޓެންޓް ހެދުމަކީ އަދުގެ ދުނިޔޭގައި ގިނަ ބަޔަކު އާމްދަނީ ހޯދާ މައިގަނޑު އެއްގޮތެވެ. ހުޅަނގުގައި މިފަދަ މީހުން މިލިއަނަރުންނަށް ވެފައިވާ އިރު ރާއްޖޭގައި ވެސް އެކަމަށް މަސައްކަތްކުރަމުންދާ މީހުން އެބަތިއްބެވެ. އެހެން ނަމަވެސް، މީގެ އަނދިރި ފަރާތަކީ މިފަދަ ވީޑިއޯ ހަދާ ޕޯސްޓްތައް ޖަހާ ހަދާ ފަރާތްތަކަކީ އެހެން މީހުންގެ ސަމާލުކަމާ ލޯތްބަށް ދަހިވެތިވާ މީހުންނަށް ވުމެވެ. ހެޔޮ ނިޔަތުގައި ކުރަން ފަށާ ކަމެއްކަށް ވެސް ލިބެމުންދާ 'ލައިކްސް' އަދ 'ކޮމެންޓްސް' ގެ އަވައިގައި ޖެހި ތިމާގެ ނިޔަތް ބަދަލުވެ އެކުރާ ކަމަކީ ދެއްކުންތެރިކަމުގެ ނިޔަތުގައި ކުރާ އަމަލުތަކަށް ބަދަލުވެގެންދަނީ އެ ޕޯސްޓްތައް ޖަހާ މީހާއަށް ނުވެސް އެނގި ހުއްޓައެވެ. ހަގީގަތަކީ އިންސާނީ ތަބިއްޔަތަށް އައިސްފައިވާ ކުރިއެރުން ދެނެގަނެ، އެކަމުން ނާޖާއިޒް ފައިދާ ނަގާ ފުރަތަމަ ފަރާތަކީ ޝައިތާނާއަށް ވުމެވެ.

ދެއްކުންތެރިކަމުގެ ނިޔަތުގައި ކުރާ ހެޔޮ އަމަލުތަކެއް މާތް ﷲ ގަބޫލެއް ނުކުރައްވާނެ/ފޮޓޯ: ފޭސްބުކް

ވިސްނަންވީ ކަމަކީ ހެޔޮ ނިޔަތެއް ނެތި ނުވަތަ މާތް ﷲގެ ހައްގުގައި ނޫން ގޮތަކަށް ކުރާ ހެޔޮ އަމަލަކުން ވެސް ސަވާބާ ފައިދާއެއް ނެތް ކަމެވެ. މާތް ރަސޫލާ ހަދީޘް ކުރެއްވިއެވެ.

"ތިބާގެ އަމަލުގެ ހިސާބު ބައްލަވާނީ ތިބާގެ ނިޔަތުގެ މައްޗަށެވެ. ކޮންމެ މީހެއް ކުރާ އަމަލަށް ޖަޒާ ދެއްވާނީ އެމީހެއްގެ ނިޔަތަށެވެ."

ސޯޝަލް މީޑިއާގައި ކޮންޓެންޓް ހަދާ މުސްލިމު އަޅުތަކުން އަބަދުވެސް އެމީހުންގެ އަމަލުތަކާ އެކަން ކަމުގެ ނިޔަތާ މެދު ވިސްނާ ފިކުރުކުރަންވާނެއެވެ. އަދި ތިމާ އުފައްދާ ކޮންޓެންޓަކީ ދުނިޔޭގެ އުފަލާ ލައްޒަތް ހޯދުމުގެ ނިޔަތުގައި އުފައްދާ ކޮންޓެންޓަށް ނުވާތޯ ގަދަ އަޅާ މަސައްކަތް ކުރަންވާނެއެވެ.

ސޯޝަލް މީޑީއާގައި ޕޯސްޓްކުރުމަކީ ބޮޑާ ކަމާ ކިބުރުވެރިކަން ވެސް އިތުރުވާ ކަމެއް

މީސް މީޑިއާ ޕްލެޓްފޯމްތަކުން އާމްދަނީ ހޯދާ ފަރާތްތަކުން ކުރާ އެންމެ މުހިއްމު އެއް ކަމަކީ ކޮންމެ ދުވަހަކު ގަވައިދުން އެމީހުންގެ ކޮންޓެންޓް އަޕްލޯޑްކުރުމެވެ. މީގެ މާނަކީ ކޮންމެ ދުވަހަކު ފޮޓޯއެއް ނުވަތަ ވީޑިއޯކޮޅެއް ނުވަތަ ލިޔެފައިވާ ޕޯސްޓެއް ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް އިންޓާނެޓަށް ދޫކޮށްލުމެވެ. އަދުގެ އިލްމުވެރިން ދެކޭ ގޮތުގައި މިކަމަކީ އެކަމާ މެދު ސަމާލުނުވާ ނަމަ ތިމާގެ ބޮޑާ ކަމާ ކިބުރުވެރިކަން އެތަށް ގުނައަކަށް އުފުލިގެންދާ ކަމެކެވެ.

ކޮންމެ އެއްޗެއް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމަކީ މިހާރު ގިނަ ބަޔަކު ކުރާ ކަމެއް/ފޮޓޯ: ގޫގަލް

އަދި ތިމާގެ އަމިއްލަ ނަފްސަށް ދޭން ޖެހޭ އިހްތިރާމާ ގަދަރު އެހެން މީހުންގެ ކިބައިން ހޯދަން މަސައްކަތް ކުރުމެވެ. އެއީ މާތް ﷲ އެކަމަކާ ދެކޮޅަށް ކީރިތި ގުރުއާނުގައި ދަލީލު ވެސް ފޮނުއްވާފައިވާ ކަމެކެވެ. ކީރިތި ގުރުއާނުގެ ސޫރަތުލް ނިސާގެ ތިރީސް ހަ ވަނަ އާޔަތުގައި އެކަލާނގެ ވަހީ ކުރައްވަނީ:

۞ وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًۭٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَـٰنًۭا وَبِذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَـٰنُكُمْ ۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًۭا فَخُورًا

"މާނައީ: ތިޔަބައި މީހުން، ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކަނުކުރާށެވެ. އަދި މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރުއަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ. ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާއަށް ފެނި، ބޮޑާ ވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، މާތް ﷲ ލޯބިވޮޑިގަނެއް ނުވެތެވެ"

ހަސަދަލުމާ ހަސަދަވެރިވުން

ސޯޝަލް މީޑިއާއަށް ކޮންޓެންޓް އަޕްލޯޑް ކުރާ މީހުންގެ ޕޯސްޓްތައް ބަލާ ފޮޓޯތަކާ ވީޑިއޯތަކަށް 'ލައިކް' ދީ ހަދާ މީހުން ވެސް ޕްލެޓްފޯމްތައް ބޭނުންކުރުމުގައި ވަކި ހަމަތަކެއް ގެންގުޅެން ޖެހެއެވެ. ކޮންޓެންޓް ކްރީއޭޓަރުން ސްކްރީނަށް ދައްކާ ދިރިއުޅުން ގަވައިދުން ބަލާ މީހުންނަށް އެމީހުންގެ ބޭނުން ކުރާ އަގުބޮޑު މުދަލާ އެމީހުން ދާ ހަރަދު ބޮޑު ޗުއްޓީތަކާ ކާ މީރު ކާ އެއްޗެހި ފެންނާނެއެވެ. އާހިރަތުގެ ފައިދާއާ ދަރުމަ ދޫކޮށްލާ ދުނިޔޭގެ އަރާމާ އުފާ ހޯދުމަށް އިންސާނާ އަނބުރާލަން ޝައިތާނާ ގެންގުޅޭ އެންމެ ދުވަސްވީ އުކުޅަކީ ހަސަދަވެރިކަމެވެ.

އެހެން މީހުންގެ ޕޯސްޓްތައް ބަހާ ހަސަދަވެރިވުމަކީ އާއްމުކަމެއް/ފޮޓޯ: ގޫގަލް

ހަސަދަވެރިކަމަކީ އިންސާނާގެ ހިތް ކަޅުކޮށްލާ މުސްލިމް އަޅާއާ މާތް ﷲއާ ދެމެދު އޮންނަ ގުޅުން ފަނޑުކޮށްލާ ފަދަ ގެއްލުން ބޮޑު ވަބާއެކެވެ. މީގެ އަހަރުތަކެއް ކުރިން އެހެން ގައުމުތަކުގައި މުއްސަނދި މީހުން އުޅެމުން އައި ދިރިއުޅުން އަމިއްލަ ލޮލަށް ނުފެނުނަސް މީހާރު އަތުގައި އޮންނަ ފޯނުން އެމީހުންގެ ދިރިއުޅުމުގެ ކޮންމެ ސަފްހާއެއް ހިތުން ދަސްކުރެވޭހާ ގާތުން ފެނެއެވެ. އަދި ބީރައްޓެހިންގެ އިތުރުން އަމިއްލަ ގާތް ތިމާގެ މީހުންނަށް ދިރިއުޅުމުގައި ލިބޭ އެކި އެކި ކާމިޔާބީއާ ޝަރަފު ސޯޝަލް މީޑީއާގައި ހިއްސާކުރުން ވެސް އިތުރުވެފައިވާ އިރު މިފަދަ ޕޯސްޓްތައް ފެނި އެކަން ކަމަށް ހަސަދަލާނެ އެމީހުންގެ އާއިލާ މީހުން ވެސް މަދެއް ނުވާނެއެވެ. އަނެކާއަށް ލިބޭ ކުރިއެރުމާ އުފަލަށް ހަސަދަވެރިވުމަކީ އިންސާނީ ތަބިއްޔަތަށްވާ އިރު އެކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އެތަށް ގުނައަކަށް އިތުރުވެގެން ދިއުމަކީ އަދުގެ ދުނިޔޭގެ ހަގީގަތެކެވެ. ހަސަދަވެރިވުމުން ލިބޭ ގެއްލުމާ ބެހޭ ގޮތުން މާތް ﷲގެ ރަސޫލާ ހަދީޘް ކުރައްވާފައިވަނީ:

"ތިޔަ ބައިމީހުން ހަސަދަވެރިވުމާ މެދު ސަމާލުވާށެވެ. އެއީ އަލިފާން ލަކުނޑިއާ ވިނަ ކާލާ ފަދައިން ހަސަދަވެރިކަން ހެޔޮ އަމަލުތައް ކާލާނެއެވެ" (ހަދީޘް ރިވާ ވެގެން އައިސްފައިވަނީ އަބޫ ހުރައިރާގެ ފާނުގެ އަރިހުން)

ގެއްލުން ދެނިވި ކޮންޓެންޓާ ދޮގު މައުލޫމާތު ފެތުރުން

ސޯޝަލް މީޑިއާގެ ސަބަބުން ދުނިޔެ ކިތަންމެ ކުރިއަރާ 'ކުޑަ'ވެފައިވާ ނަމަވެސް އޭނގެ ސަބަބުން ލިބޭ ފައިދާއަށް ވުރެ ގެއްލުން ގިނަ ކަމަށް އިލުމުވެރިން އިއްތިފާގުވެއެވެ. އަދި މިފަދަ ގެއްލުންތަކާ މެދު ސަމާލުކަން ނުދީ މި ފަދަ ޕްލެޓްފޯމްތައް ބޭނުން ކުރާ މީހުން އިތުރުވަމުންދާ އިރު މިފަދަ ގެއްލުންތަކަކީ ވަކި ވަކި ފަރުދުންނަށް ކޮންޓްރޯލް ކުރެވޭނެ ފަދަ ކަންކަމަށް ވެސް އެބޭފުޅުން ގަބޫލުކުރެވެއެވެ.

މިފަދަ އެއް ގެއްލުމަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެހެން މީހުންނަށް ގެއްލުން ދެނިވި ޕޯސްޓްތައް ނުވަތަ ދޮގު މައުލޫމާތު ފެތުރުމެވެ. ދޮގު ވާހަކަތައް ފެތުރުމާ ނުވަތަ ބަދުބަސް ބުނުމާއި ވާހަކަ ދެއްކުމުގައި ބައިވެރިވުމަކީ ކަނޑައެޅިގެން އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ކަމެކެވެ.

ކީރިތި ޤުރުއާނުގެ ސޫރަތުލް ހުޖުރަތުގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވަނީ:

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍۢ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍۢ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ

މާނައީ: އޭ އީމާންވެއްޖެ މީސްތަނުންނޭ! ތިޔަބައިމީހުންގެ ގާތަށް ފާސިގަކު ހަބަރަކައިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދު ބަލައި ހަގީގަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެން ވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތައްތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެއެވެ"

މީހުންނާ ބެހޭ ގޮތުން ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން އެމީހުންގެ އަނބުރާ އިއްޒަތް ގެއްލި އެމީހުންގެ ދިރިއުޅުމަށް އެތަށް ގެއްލުންތަކެއް ލިބިގެންދާ ފަހަރުވެސް އާދެއެވެ. ތިމާއަށް ލިބޭ މައުލޫމާތެއްގެ ދޮގު ދެތު ނުބަލާ އެމައުލޫމާތު ހިއްސާކުރުމަކީ ތިމާގެ ޒިންމާދާރުކަން ކުޑަވުމެވެ. އަދި އެ ހިއްސާކުރާ މައުލޫމާތަކުން ލިބޭ ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ވެސް ހަމަ ތިމާއެވެ. ރާއްޖެފަދަ ކުޑަ ކުޑަ އާބާދީއެއް އޮންނަ ގައުމެއްގައި މީހާކާ ބެހޭ ގޮތުން ހިއްސާ ކުރާ ދޮގު މައުލޫމާތަކުން ލިބިގެންދާ ގެއްލުން ހާސްގުނަ ގިނައެވެ.

ދޮގު މައުލޫމާތު ފަތުރަން އެންމެ ގިނައިން ބޭނުން ކުރާ ދެ އެޕް/ފޮޓޯ: ގޫގަލް

މިހާރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގައި ކޮންޓެންޓް އުފައްދާ އެންމެ ގިނަ މީހުން ކުރާ އެއް ކަމަކީ ގައުމުގައި ހިނގާ ހާދިސާއަކާ ބެހޭ ގޮތުން ވީޑިއޯ ކޮޅު ކޮޅު ހެދުމާ ޕޯސްޓްތައް ޖެހުމެވެ. ހާދިސާއާ ބެހޭ ގޮތުން އެންމެ ފުރަތަމަ ފެންނަ މަންޒަރު ނުވަތަ ފޮޓޯގަނޑުގެ މައްޗަށް ބިނާކޮށް އެކި އެކި ފަރާތްތަކަށް ތުހުމަތުތައްކޮށް ހަމަނުޖެހުމާ އަނިޔާ ކުރުމަށް ގޮވާލާ ބައެއް މީހުން ވީޑިއޯކޮޅުކޮޅު ދޫކޮށް ހަދާނީ ގިނަ ފަހަރަށް ކަމުގެ ހަގީގަތް ނޭނގިއެވެ. ކަމާ ބެހޭ ފަރާތްތަކުން ކަމުގެ ހަގީގަތް ބަލާ އެކަން އާއްމުކުރަންވާ އިރަށް އޮންނަނީ މައުސޫމު މީހެއްގެ އަނބުރު ގަތިލެވި ވެއްޔާ މޮޑެވިފައެވެ.

ކަމުގެ ހަގީގަތް ނުބަލާ ހިއްސާ ކުރާ މައުލޫމާތަކުން ކިތަންމެ ބޮޑު ދެރައެއް ވެސް ދެވިދާނެއެވެ. ދާދި ފަހުން ހިނގި ހާދިސާއެކެވެ. ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިއެއް އަދި ޑައިރެކްޓަރަކަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި އެޑްމިޓްކުރިއެވެ. އަވަސް ފަރުވާއަކަށް އެދި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދުއާތައް ހިމޭ ކޮމެންޓްތައް ހިއްސާކުރަމުންދިޔައެވެ. ދެން ފެނިގެން ދިޔައީ އެތަރި މިދުނިޔެ ދޫކޮށް ދިޔަ ކަމަށް ބުނެ ޖަހާފައި އޮތް ޕޯސްޓެކެވެ. އެތަށް ބަޔަކު އެޕޯސްޓް ވެސް ހިއްސާކުރިއެވެ. އެތަށް ހާސް ފޮލޯވާސް ތިބި ސޯޝަލް މީޑިއާ ޔޫސަރުން ވެސް އެ ފިލްމީ ތަރީގެ މަރުގެ ވާހަކަ ހިއްސާކުރިއެވެ. މި ހަބަރު އާއިލާއަށް ލިބުމުން އެ ފިލްމީ ތަރީގެ ދަރިއަށް މަޖްބޫރުވީ ބައްޕަ ދިރިހުއްޓާ މަރަމުން ދިޔަ ބައެއްގެ ވާހަކަތައް ދޮގުކުރާށެވެ.

މިއީ މިފަދަ އެންމެ ހާދިސާއެކެވެ. ރާއްޖޭގައި ނޫނަސް ދުނިޔޭގެ އެކި ތަންތަނުގައި ދޮގު މައުލޫމާތުގެ މައްޗަށް ބިނާވެގެން އުފައްދާ ޕޯސްޓްތައް ތެދު ޕޯސްޓްތަކަށް ވުރެ ބާރަށް ކުރިއަށްދެއެވެ.

އޮންލައިންކޮށް ގަނާ ކުރުމާ ފޮށުން

ސޯޝަލް މީޑިއާގައި ޖަހާ ޕޯސްޓްތަކުގައި އެޔޫސަރ ކިޔާ އެއްޗެއް ނުވަތަ ލިޔެފައިވާ އެއްޗެއް ބެލުމަށް ވުރެ އެޕޯސްޓަށް ދީފައިވާ ކޮމެންޓްތައް ގިނައިން ކިޔާ ފަރާތްތައް ވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނުވާނެއެވެ. އާނއެކެވެ. ކޮމެންޓް ސެކްޝަންގައި ފިސާރި މަޖާ އަދި ހެއްވާ ކަހަލަ ކޮމެންޓްތައް ވެސް ގިނައެވެ. އެހެން ނަމަވެސް، މަޖާ ވެގެން ގޮސް ފުރައްސާރަ އަދި ގަނާ ކުރުމާ ދިމާލަށް ދާ ކޮމެންޓްތައް ވެސް ހަމައެހާ ގިނައެވެ. ކޮމެންޓް ސެކްޝަންގައި ޕޯސްޓް ޖެހި މީހާއަށް އައުގުރާނަވެސް ގޮވަނީއެވެ. ކޮންޓެންޓް އުފެއްދި ފަރާތަށާއި އެމީހާގެ އާއިލާއަށް ބިރު ދައްކާ މަރުގެ އިންޒާރު ވެސް ދެނީއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ގަނާ ކުރުމާ ފުރައްސާރަކުރުމާ ކުރިމަތިލާ ގިނަ ފަރާތްތަކަށް ނަފްސާނީ އަސަރުކުރޭ/ފޮޓޯ: ގޫގަލް

ވިސްނަންވީ ކަމަކީ ތިބާގެ 'ޔޫސާ ނޭމް' އިން ނުވަތަ 'ޑީޕީ' އިން ތީ ކާކުކަން އެހެން މީހުންނަށް ނޭނގުނަސް، ސްކްރީނެއްގެ ފަހަތުން ވެސް ތިބާ ކުރަ އަމަލުތައް ބައްލަވާވޮޑިގެންވާ ފަރާތެއްވާކަމެވެ. އަދި ތިބާގެ އަމަލުތައް ތިބާގެ ފޮތުގައި ލިޔެވެމުންދާކަމެވެ. އެހެން މީހަކާ ދިމާލަށް ކޮމެންޓް ސެކްޝަންގައި ލިޔާ އެންމެ ކޮމެންޓަކީ ހިސާބު ބައްލަވާ ދުވަހުން ތިބާއަށް ހަވާލުކުރެވޭ ފޮތުގެ ނުބައި އަމަލުތަކުގެ ބާބަށް އިތުރުވެގެންދާ ބަރު ސަފްހާއަކަށް ވެސް ވެދާނެއެވެ.

ހަގީގަތަކީ ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ބޭއަދަބީކޮށް ކޮމެންޓް ކުރާ ގިނަ ފަރާތްތަކަކީ މަޖަލަށް ނުވަތަ ކަމުގެ ސީރިއަސްކަން ނޭނގި އެކަން ކުރާ މީހުންނެވެ. އެމީހުން އެކޮމެންޓް އަމާޒުކުރާ ފަރާތާ އަސްލު ދިރިއުޅުމުގައި ދިމާވެއްޖެނަމަ ހަމަ އެފަދަ ދަށުކޮށްލާ ބަހެއް ބުނާނެތޯ އަހައިފިނަމަ ވަގުތުން އިންކާރު ކުރާނެއެވެ. މީހަކާ ދިމާލަށް ބުނަން ނުކުރޭ އެއްޗެއް ސްކްރީނުގެ ފަހަތުން ބުނަން ޖެހޭ އެއްވެސް މަގްބޫލު ސަބަބެއް ނެތެވެ. ތިމާ ލިޔާ ކޮމެންޓެއްގެ ސަބަބުން އަނެކާއަށް ނަފްސާނީ ގެއްލުމަށް ޒިންމާ ނަގަން ޖެހޭނެއެވެ.

މިފަދަ ކޮމެންޓްތައް ކުރާ އެހެން މީހުން ދިފާއުގައި ބުނަނީ ސޯޝަލް މީޑިއާގައި ޕޯސްޓްތައް ޖަހާ ވީޑިއޯތައް ކުޅޭ މީހުން އެކަމުގެ ތެރެއަށް ވަނަންވާނީ މަލާމާތާ ފުރައްސާރައާ ކެރިގެން ކުރިމަތިލާން ތައްޔާރުވެގެން ކަމެވެ. އެއީވެސް ތެދަކަށް ވެދާނެއެވެ. އެހެން ނަމަވެސް މީހަކަށް މަލާމާތާ ފުރައްސާރަ ކުރާ އިރު ތިބާގެ އަމަލުތަކާ ބަސްތަކަށް ކޮންމެވެސް ދުވަހަކުން ޖަވާބުދާރީވާން ޖެހޭ ދުވަހެއް އަންނާނެކަން ހަނދާން ނެތެނީއެވެ.

ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި ވަކި ހައްދެއް ހިފެހެއްޓުން

ސޯޝަލް މީޑިއާއަށް ކޮންޓެންޓް އަޕްލޯޑް ކުރި ނަމަވެސް ނުވަތަ އެކޮންޓެންޓް ބަލާ ކޮމެންޓްކޮށް ހެދި ނަމަވެސް ކަމުގެ ހަގީގަތް އެނގި ތިބާގެ އަމަލުތައް ވަކި ހައްދެއްގެ ތެރޭގައި ހިފެހެއްޓުން މުހިއްމެވެ. ތިބާ އަކީ ކޮންޓެންޓް އުފައްދާ މީހެއް ނުވަތަ އެކޮންޓެންޓް ބަލާ ހަދާ މީހެއް ވިޔަސް، ތިބާގެ އަމަލުތައް ހުންނަން ވާނީ އިސްލާމްދީނުގައި އުނގަންނައިދޭ އަހްލާގީ މިންގަނޑުގެ ތެރޭގައެވެ. ތެދުވެރިކަމާ، އިހްލާސްތެރިކަމާ ހައްގު ބަސްބުނުމުގައި ތިބާ ދެމި ހުންނަންވާނެއެވެ. އަދި ކުރާ ކޮންމެ ކަމެއްގެ ނިޔަތް ދެތުކޮށް ތިބާ ޖަހާ ކޮންމެ ޕޯސްޓަކީ އަދި ލިޔޭ ކޮންމެ ކޮމެންޓަކީ ވެސް ތިބާ ޒިންމާ އުފުލަން ޖެހޭ ކަމެއް ކަމަށާއި އެކަމާ މެދު ތިބާއާ ސުވާލުކުރެވޭނެ ކަން އަބަދުވެސް ހަނދާން ކުރަންވާނެއެވެ.