އައްޑޫ ސިޓި ފޭދޫ އިން ގެއްލިގެން ހޯދަމުން ދިޔަ 19 އަހަރުގެ އަންހެން މީހާ ފެނިއްޖެއެވެ.

އައްޑޫ ސިޓީީ ފޭދޫ، ހަމްދަރުދީގެ، ހައްވާ ރާއިދާ މުނީރު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 2:52 ހާއިރުއެވެ. މިއަދު މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެން އެ ރަށުގެ ރައްޔިތުންނާއި، ފުލުހުން ދިޔައީ ރާއިދާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ދަ ޕްރެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުން ރާއިދާ ފެނިފައިވަނީ އޭނާ އެންމެ ފަހުން ފެނުނު ސަރަހައްދުކަމުގައިވާ ފޭދޫ ދިގިހެރައިންނެވެ. ރާއިދާ ފެނިފައިވަނީ އޭނާ ގެއްލިގެން އެ ސަރަހައްދުގެ ވަލުތެރެ ހޯދަމުން ދަނިކޮށް އޭނާގެ ބޭބެއަށްކަމަށް މައުލޫމާތު ލިބެއެވެ.

ރާއިދާ މިހާރު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާއިރު، ކަމާ ގުޅޭ އިދާރާތަކުން އަދި މި ހާދިސާގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.