މާލޭގައި ބަނގުރާ އުފައްދައި، ގެންގުޅެ ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކޮށް މާލޭ ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
- ޑިއު ކުމަރް މެޔޮންގްބަ، ނޭޕާލް (30އ)
- ސުމަން އަދިކަރި ، ނޭޕާލް (26އ)
- މޮޒައްމެލް، ބަންގްލަދޭޝް (43އ)
- ރާމްޖި ޕަރިޔަރް. ނޭޕާލް (38އ)
- ބިކްރަމް ނެޕަލި، ނޭޕާލް (27އ)
ފުލުހުން ބުނި ގޮތުގައި މި އެންމެން ވެސް މިހާރު ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.
އިއްޔެ ވެސް ފުލުހުން ވަނީ ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބަންގްލަދޭޝްގެ ރައްޔިތަކު ހައްޔަރުކޮށްފައެވެ. އެމްޑީ ޖެވެލް ހޮސެން (31އ) ހައްޔަރުކޮށްފައިވަނީ އިއްޔެ ހެނދުނު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމަށްފަހުއެވެ.
ހުޅުމާލޭ ބަނދަރު ސަރަހައްދުން އޭނާ ދުއްވި ވޭން، ހުއްޓުވައި ބަލައިފާސްކުރިއިރު 134 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
