ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރު ކުރި "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ ހުސައިން ސަނީ އުމަރުގެ ތަހުގީގަށް ހެކި ހޯދަން ހ. އަނދުންގެއަށް ވަނުމުން ހަމަނުޖެހުން ހިންގައިފިއެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެކި ހޯދަން ފުލުހުން މިއަދު ސަނީ އާ އެކު ވަނީ އޭނާގެ އަންހެނުން ދިރިއުޅޭ ގެއަށް ވަދެފައެވެ. އެގޭ މީހުން ބުނާ ގޮތުގައި ސަނީ ގޮވައިގެން އެގެއަށް ފުލުުން އައި ކުރިން ނާންގާ ކަމަށާއި އެގޭގައި އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނ ދެ ކުދިން އެވަގުތު ގޭގައި ތިބި ކަމަށެވެ.

ފުލުހުން އެގެއަށް ވަދެފައި ވަނީ ކޯޓު އަމުރަކާ އެކުގައެވެ. ކޯތު އަމުރު އެގޭގ ސެކިއުރިޓީ މީހާއަށް ދައްކާފައި ސަނީ ގޮވައިގެން އެގެއަށް ވަތް ކަމަށް މައުލުމާތު ލިބޭ އިރު އެއާއެކު އެގޭ ދަށަށް ވަނީ ބަޔަކު އެއްވެ ހަމަނުޖެހުން ހިންގާފައެވެ. އެގެއިން ސަނީ ގޮވައިގެން ފުލުހުން ނިކުމެގެން ދިޔަ ވަގުތު އާންމުންގެ މީހުން ސަނީގެ ގައިގައި އަޅާ ކޮއްޕާ ތަޅަން މަސައްކަތް ކޮށްފައި ވާތަން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެނެއެވެ.

ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" އެންމެ އިސް ހިއްސާދާރު ސަނީ އުމަރު އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ތިލަވެގެން އައި އިރު، އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އެއަށްފަހު އޭނާ އެނބުރި ރާއްޖެއަށް އައުމުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ސަނީ ހާޒިރުކޮށް ސުވާލު ވެސް ވަނީ ކޮށްފައެވެ. ނަމަވެސް އޭނާ ވަނީ އޭގެ ފަހުން އަނެއްކާ ރާއްޖެއިން ބޭރަށް ފުރަން އުޅެފައެވެ. އެގޮތުން ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށް ފަހު، ސަނީ އުމަރު ރާއްޖެއިން ބޭރަށް ފުރައިގެން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ދޫކޮށްލާފައެވެ. އެއަށްފަހު ފުލުހުން ވަނީ، ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. އެއަށްފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޝަރީއަތަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެ މުއްދަތު މި މަހުގެ 1 ވަނަ ދުވަހަށް ހަމަވެފައިވާ އިރު އެނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

އަނިޔާ ލިބުނު ކުދިންގެ އާއިލާއިން ބުނެފައިވާ ގޮތުގައި މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ސަނީ އުމަރު ވަނީ ފަށާފައި ކަމަށެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން ފުލުހުން މިހާތަނަށް އިތުރު ތަފްސީލެއް ހިއްސާކޮށްފައި ނުވެއެވެ.