މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ މުހައްމަދު އަލީ މިސްކިތަކީ 1832 އާއި 1857 އާ ދެމެދުގައި ބިނާކުރެވުނު މިސްކިތެކެވެ. މި މިސްކިތަކީ ކުރީގެ ސަގާފީ ކައިރެއިން އާކިޓެކްޗާއާ ހިލާފަށް، އުސްމާނީ އަދި ޔޫރަޕްގެ ނުފޫޒުގަދަ ސްޓައިލަށް ބިނާކޮށްފައިވާ މިސްކިތެއް ކަމުން، އެހެން އާސާރީ ބިނާތަކާ މި މިސްކިތް ތަފާތެވެ.

މި މިސްކިތް ބިނާކުރުމުގެ ފަށާފައިވާ ދުވަސްވަރަކީ ގާހިރާގެ ބާރުތައް މުހައްމަދު އަލީގެ އަތް ދަށަށް ދިއުމާއެކު އިސްލާހީ މަސައްކަތްތައް ފެށުނު ދުވަސްވަރެވެ. މި މިސްކިތް ބިނާކުރުމަށްޓަކައި މަމްލޫކް ޒަމާނުގެ ގަނޑުވަރުގެ ބައެއްވަނީ ތަޅާލާފައެވެ. މި މިސްކިތުގެ ފުރަތަމަ ކުރެހުންތައް އެކުލަވާލީ ފްރާންސްގެ އާކިޓެކްޓެއް އަދި މުހައްމަދު އަލީގެ ޗީފް އިންޖިނިއަރެއް ކަމަށްވާ ޕަސްކަލް ކޯސްޓެވެ.

1923 ވަނަ އަހަރުގެ ކުރިން، މުހައްމަދު އަލީ މިސްކިތް

މި މިސްކިތުގެ ކުރެހުންތައް ނިންމުމަށް 1818 އިން 1827 ވަނަ އަހަރާ ހަމައަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔައެވެ. އެގޮތުން 1827 ވަނަ އަހަރު ނިއޯ-މަމްލޫކް ސްޓައިލެއްގައި މި މިސްކިތް ބިނާކުރުމަށް ބޭނުންވާ ކުރެހުންތައް މުހައްމަދު އަލީއަށް ހުށަހެޅި ނަމަވެސް މިސްކިތުގެ ޑިޒައިން މުހައްމަދު އަލީއަށް ކަމު ނުދިއުމުން އަނެއްކާވެސް މުޅިން އާ ކޮންސެޕްޓަކަށް މި މަސައްކަތް ފެށިއެވެ.

މި ޑިޒެއިންގެ ބަދަލުގައި 1832 ވަނަ އަހަރު އުސްމާނީ ސްޓައިލަށް މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. މި މިސްކިތުގެ ކުރެހުން ތައްޔާރުކުރި ފަރާތަކީ ކޮބައިން ސީދާ ބުނަން ނޭގުނަސް ތާރީހީ ފަތްފޮތްތަކަށް ބަލާލުމުން މި މިސްކިތުގެ ޑިޒެއިންގެ ފަހަތުގައިވަނީ ގްރީކް ނޫނީ އަރްމާނީ އާކިޓެކްޓެއްކަން އެގިގެން ދެއެވެ. މި މިސްކިތުގެ ޑިޒައިންތައް ހެދުމަށް އެންމެ އެކަށީގެންވަނީ އަލަބާސްޓާ (މަޑު ހިލައެއް/ޕްލާސްޓާ ޕައުޑަރު)ކަމުގައި ނިންމާ މުހައްމަދު އަލީވަނީ މިސްކިތް އިމާރާތްކުރުމަށް މި މައުދަން ބޭނުންކުރުމަށް އަންގާފައެވެ.

މުހައްމަދު އަލީ މިސްކިތް

މުހައްމަދު އަލީއަށް ފަހު މި މިސްކިތަށް އެންމެ ބޮޑު ބަދަލެއް ގެންނެވީ ކިންގް ފުއާދުއެވެ. ޑިސެމްބަރު 29، 1931 ގައި ކިންގް ފުއާދު ވަނީ މިސްރުގެ އިސް އަދި ބޭރުގެ އިންޖިނިއަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް އަމުރުކޮށް، މިސްކިތް ބަލައި، ރިނޮވޭޝަން ޕްލޭނެއް އެކުލަވާލުމަށް އެދިވަޑައިގެންފައެވެ. އަދި މި މަސައްކަތުގެ ތެރެއިން މިސްކިތުގެ ބައެއް ގުއްބުތަށް ބަދަލުކޮށްފައިވާއިރު، މި މިސްކިތުގެ މަރާމާތުގެ ގިނަ މަސައްކަތަށް ފަހު އަލުން ހުޅުވާފައިވަނީ 1939 ވަނަ އަހަރު ފެބްރުއަރީ 24 ވަނަ ދުވަހުގެ ހުކުރު ނަމާދަށެވެ.

އޭގެ ފަހުންވެސް މި މިސްކިތުގެ އަސްލު ނުގެއްލޭ ގޮތަށް ގިނަ ބަދަލުތަކެއްވަނީ ގެނެސްފައެވެ. އެގޮތުން 2012 ވަނަ އަހަރު މިސްރުގެ އާސާރީ ތަކެތީގެ މިނިސްޓްރީން ވަނީ މިސްކިތުގެ ތާރީހީ ކާޕެޓްތައް އަލުން އާކޮށްފައެވެ. އޭގެ ދެ އަހަރު ފަހުން 2014 ވަނަ އަހަރު އެ މިނިސްޓްރީން ވަނީ ގަޑި ޓަވަރު އަލުން އާރާސްތު ކުރުމުގެ މަޝްރޫއެއް ފަށާފައެވެ.