އަންހެން ސިވިލް ސާވަންޓުންގެ ހެދުން އެޅުމުގެ ގަވައިދަށް ބަދަލު ގެނައީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސް އަޅައި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކަމަށް އެމްޑީޕީން ބުނެފިއެވެ.

ދައުލަތުގެ އޮފީސްތަކުގައި ސިވިލް ސާވަންޓުން ހެދުން އެޅުމުގައި އަމަލު ކުރަން ޖެހޭ ގަވައިދު އިސްލާހުކޮށް، މިދިޔަ ބުދަ ދުވަހު ގެޒެޓުކޮށްފައިވާއިރު މިކަމާއި ގުޅިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ ހެދުން އެޅުމުގެ ގަވައިދު ބަދަލުކުރީ، ގައުމު ހިންގުމުގެ ދާއިރާއިން އަންހެނުން ބޭރުކުރަން ކުރާ ނިޒާމީ މަސައްކަތެއްގެ ތެރެއިން ކަމަށެވެ.

މި ގަވައިދަށް ގެނައި އުސޫލުތަކުން ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭ ހަމަހަމަކަމާ ތަފާތުނުކުރުމާ ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް ސީދާ ހުރަސްއެޅޭކަން ފާހަަކޮށް އެމްޑީޕީން ބުނީ ދައުލަތުގެ މުއައްސަސާތަކަކީ މިފަދަ ހައްގުތައް ހިމާޔަތްކުރަންޖެހޭ ތަންތަން ކަމުގައިވީ ނަމަވެސް، މިހާރު ހާމަވަނީ، ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ "އެޕިއަރެންސް" މޮނިޓާ ކުރުމަށް މަސައްކަތްކުރާ ތަން ކަމަށެވެ.

ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ އަންހެން މުވައްޒަފުންނަށް އެ ފަދަ އުސޫލެއް ނުހިނގާތީ ކަންބޮޑުވުންފާޅުކޮށް އެމްޑީޕީން ބުނީ ހަމައެކަނި އަންހެން ސިވިލް ސާވަންޓުންނަށް މި ފަދަ އުސޫލެއް ތަންފީޒުކުރުމަކީ، މުވައްޒަފުންގެ އަހްލާގާ ގުޅޭ އުސޫލެއް ނޫން ކަމަށެެވެ. އަދި މިއީ ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން އެނގޭކަން އެ ޕާޓީން ވަނީ ބުނެފައެވެ.

މަސައްކަތުގެ ފެންވަރާ ޕްރޮފެޝަނަލިޒަމް ބިނާވާންޖެހޭނީ މުވައްޒަފުގެ ގާބިލުކަމާ ނެރެދޭ ނަތީޖާ އަދި ދޭ ހިދުމަތުގެ ފެންވަރުގެ މައްޗަށްކަން ފާހަގަކޮށް އެމްޑިޕީން ބުނީ އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ނޫން ކަމަށެވެ، އެހެންކަމުން، މިއީ ޕްރޮފެޝަނަލިޒަމްގެނަމުގައި، އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުމެއް ކަމަށް އެމްޑީޕީން ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ އަހްލާގު ނެގެހެއްޓުމުގެ ޒިންމާ އަންހެނުންގެ ބޮލުގައި އަޅުވައި، މުޖުތަމައުގެ އަހްލާގީ މިންގަނޑު ހިފެހެއްޓުމަކީ ހަމައެކަނި އަންހެނުންގެ ހެދުން އެޅުމާ ގުޅިފައިވާ ކަމެއްގެގޮތުގައި ދެއްކުމަކީ، އަންހެނުންނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެއް ކަމަށެވެ. މި ފަދަސިޔާސަތުތަކުގެ ސަބަބުން، މުއައްސަސާތަކުގެ ހިންގުމާ ހިދުމަތްތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ނުތަނަވަސްކަން އޮންނަތަނަކަށް ބަދަލުވެގެންދިއުމުގެ ބިރު އެބައޮތް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މި ފަދަ ހަރުކަށި އުސޫލުތަކުގެ ބޭނުމަކީ، އަންހެނުންގެ ހެދުން އެޅުމާއި ސިފައަށް ބަލައި، ވަޒީފާގެ ކުރިއެރުން ނުދިނުމާ ނުވަތަ އަދަބު ދިނުން ފަދަ ކަންކަން ކުރަން ފެށުންކަމަށް ދެކޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައވެެ. އަދި މިއީ، އަންހެނުން ވަޒީފާގެ މާހައުލުން އެކަހެރިކޮށް، ގައުމު ހިންގުމުގެ ދާއިރާއިން ބޭރުކޮށްލުމަށް ޓަކައި ނިޒާމީ ގޮތެއްގައި ފަށައިފައިވާ ނުރައްކާތެރި މަސައްކަތެއްކަން ތުހުމަތުކޮށް އެމްޑީޕީން ވަނީ މި ފަދަ އުސޫލުތަށް އުވައިލުމަށް ސިވިލް ސާވިސް ކޮމިޝަނަށް ގޮވާލާފައެވެ. އަދި އަންހެނުންގެ ކަރާމާތް ގެއްލޭފަދަ ކަންކަމާއި، އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.