ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ ހުސައިން ސަނީ އުމަރު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ ފުލުހުން ގެންދަވަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ފުލުހުން ބުނީ، ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާތީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ފެންމަތިވި އެ މައްސަލައަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" އެންމެ އިސް ހިއްސާދާރު ސަނީ އުމަރު އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލައާއި ގުޅިގެން ދަ ޓްރެވަލް ގާއިސްއިން ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ. ސަނީއަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން އެ ކުންފުނިން އޭނާ ވަކިކޮށް ހިއްސާތައް އަތުލަން ނިންމާފައިވާކަން ހާމަކޮށް ނެރުނު އެ ނޫސްބަޔާނުގައި ބުނީ، ސަނީ އުމަރުގެ ހިއްސާ އަތުލަން ނިންމީ އެ ކުންފުނީގެ ބޯޑުން ކަމަށެވެ. އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާ ނުލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ސަނީއަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކޮށް ޓްރެވަލް ގާއިސްއިން ބުނީ، އެއީ އެ ކުންފުނިން ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި ސަނީއަށް ތުހުމަތުކުރެވޭ އަމަލުތަކަކީ އެ ކުންފުނީގެ ހިންގުމާއި ހަމަތަކާ ގުޅުންހުރި އަމަލުތަކެއް ނޫން ކަމަށް ބުނެ، އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ވެސް ދަ ޓްރެވަލް ގާއިސްއިން ވަނީ ދީފައެވެ.

މި މައްސަލަ މީސް މީޑިއާގައި ފެންމަތިވުމާއެކު ސަނީ އުމަރު ރާއްޖެ އިން ބޭރަށް ފުރާފައިވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.