ރާއްޖޭގެ އަތޮޅުތަކުގައި ފުޓްބޯޅަ ފޯރި އެންމެ ގަދަވެގެން އައި ދުވަސްވަރު ވެސް، އެއީ އާމްދަނީ ހޯދަން ކުރެވިދާނެ މަސައްކަތެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ކޮންމެ މަންމައަކާއި ބައްޕައެއް ވެސް މަަސައްކަތް ކުރަމުން ދިޔައީ އެމީހުންގެ ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައި ދީ ރަނގަޅު ވަޒީފާއެއް ހޯދައި ދިނުމަށެވެ.

އެއީ އޭނަގެ މައިންބަފައިންގެ ވެސް ހުވަފެނެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި ފުޓްބޯޅައަށް އޮތް ލޯބި އޭނަގެ މަންމައަށް އިހްސާސް ކުރެވެއެވެ. ބައެއް ފަހަރު ބައްޕައަށް ސިއްރުން އޭނާގެ އަތުގައި ހިފައިގެން ދަނޑަށް ގެންދަނީ މަންމައެވެ. އެއީ އޭނާގެ ކުޅިވަރުގެ ފެށުމެވެ.

ހާޒިމް ފައުޒީ

މިއީ މިހާރު އައްޑޫ ސިޓީގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހާޒިމް ފައުޒީ (ހަތީ) ގެ އެންމެ ކުޑައިރުގެ ފޮނި ހަނދާންތަކެވެ. އޭރުވެސް ފުޓްބޯޅައަކީ އޭނާގެ އެންމެ 'ފެވަރިޓް' ކުޅިވަރެވެ. މަންމަ އަތުގައި ހިފައިގެން ދަނޑަށް ވަން ހަތީ އަތުލުމަކީ މިހާރު އެއްވެސް މީހަކަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އޭނާގެ ހިތުގައި ފުޓްބޯޅައަށް އޮތް ލޯތްބާއެކު ރާއްޖޭގެ އެކި އަތޮޅުތަކުގެ އިތުރުން މާލޭގައި ބާއްވާ ފުޓްބޯޅާ މުބާރާތްތަކާއި، ފުޓްސަލް މުބާރާތްތަކުގައި ވެސް އޭނާ ހުނަރު އަންނަނީ ދައްކަމުންނެވެ.

އައްޑޫ ސިޓީ ހިތަދޫ މައިލޯ އެފްސީގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، ހަތީ ވަނީ އޭނާގެ ކެޕްޓަން ކަމުގައި އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައި ދީފައެވެ. އަބަދުވެސް އައްޑޫގެ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ފުރުސަތު ހޯދައިދެމުން އަންނަ މައިލޯ ޓީމަށް 12 އަހަރަށް ފަހު ލިބެމުން އަންނަ ކޮންމެ ކާމިޔާބީއެއްގައި ވެސް ހަތީގެ ހިއްސާ ވަރަށް ބޮޑެވެ.

ހާޒިމް ފައުޒީ

ކުޅެން ދަނޑުމައްޗަށް އެރުމަށްފަހު އޭނާގެ މުޅި ފޯކަސް ދަނޑުމައްޗަށް ދޫކޮށްލަނީ މޮޅުވުމުގެ ވަރުގަދަ އަޒުމުގައެވެ. "އަބަދުވެސް މެޗަށް އެރުމަށްފަހު ހުރިހާ ކަމެއް ގުރުބާންކޮށްލަނީ ޓީމަށް މޮޅެއް ހޯދައިދިނުމަށް. ކުޅިވަރުގައި މޮޅާ، ބަލި އޮންނައިރު މޮޅުވިޔަސް އަދި ބަލިވިޔަސް ދަނޑުން ފައިބައިގެން ދަނީ ހިތްފުރޭ ވަރަށް މަސައްކަތްކޮށްފަ. އެއީ އަބަދުވެސް ލިބޭ ހިތްހަމަޖެހުމެއް." ހަތީ ބުންޏެވެ.

މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަކަން ފާހަގަކޮށް ހަތީ ބުނީ ރާއްޖޭގެ ފުޓްސަލްވެސް ވަރަށް ބޮޑަށް ކުރިއަރަމުން އަންނަކަމަށެވެ. އަދި އެއީ މިހާރު ރާއްޖޭގެ އެއް ނަންބަރު ކުޅިވަރުގެ ގޮތުގައި ސިފަކުރަމުން ހަތީ ބުނީ ފުޓްސަލް ކުޅެގެން މިހާރު ރަނގަޅު އާމްދަނީއެއްވެސް ލިބެމުން އަންނަކަށެވެ.

ހާޒިމް ފައުޒީ

އައްޑޫގެ ފުޓްބޯޅައިގެ މުސްތަގުބަލު އުޖާލާކަން ފާހަގަކޮށް ހަތީ ބުނީ އައްޑޫ ސިޓީގައި ކުޅިވަރު ކުރިއެރުވުމަށް ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދޭން ޖެހެކަމަށެވެ. އަދި އައްޑޫގައި ބާއްވާ މުބާރާތްތަކުގައި، ރަށުން ބޭރު ކުޅުންތެރިން ގެނެސް ޓީމުތައް ހެދުމުގެ ބަދަލުގައި ރަށުގެ ހުނަރުވެރި ޒުވާނުންނަށް އެ ފުރުސަތު ދޭންޖެހޭ ކަން އޭނާ ގަބޫލު ކުރެއެވެ.

މިހާރުވެސް އައްޑޫގެ ކުޅިވަރު ކުޅޭ 90 އިންސައްތަ ޒުވާނުންނަކީ ހުނަރުވެރި މޮޅު ކުޅުންތެރިން ކަން ފާހަގަކޮށް ހަތީ ބުނީ އެމީހުންނަށް ބޭނުންވަނީ ރަނގަޅު ކޯޗެއްގެ އިރުޝާދުގެ ދަށުން އެ ކުޅުންތެރިންގެ ހުނަރު ދައްކާލާނެ ފުރުސަތެއް ކަމަށެވެ. މިހާރު އައްޑޫގެ ގިނަ ކުޅުންތެރިންނަކީ ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންކަން ފާހަގަކޮށް ހަތީ ބުނީ ކުޅުންތެރިން ކުރިއަށް ގެންދިއުމަށް އައްޑޫގައި ގިނަ މުބާރާތްތައްވެސް ބާއްވަން ޖެހޭކަމަށެވެ.

ހާޒިމް ފައުޒީ

އަބަދުވެސް މެޗަށް ތައްޔާރުވުމަށް ރަނގަޅު ކެއުމާއި، ނިދުން މުހިއްމުކަން ފާހަގަކޮށް ހަތީ ބުނީ ކުޅިވަރުގައި ކުރިއަށް ދިއުމަށް އަހްލާގަކީވެސް ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. މެޗު އޮންނަ ދުވަސްތަކުގައި ރަނގަޅު ޝެޑިއުލްއެއްގެ ދަށުން މަސައްކަތްކުރުމުގެ އިތުރަށް ދަނޑުމަތީގައި ރަނގަޅު ޑިސިޕްލީނެއް ގެންގުޅުމަށް އަބަދުވެސް އިސްކަން ދޭކަން ހަތީ ފާހަގަކުރިއެވެ.

އަބަދުވެސް މޮޅުވުމުގެ ވަރުގަދަ އަޒުމުގައި ކުޅެމުން އަންނަ ހަތީ ބުނީ 2022 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ކުޅެން ލިބުމަކީ ކުރިއަށް ދިއުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި 2022 ވަނަ އަހަރަ މައިލޯ ސިޓީ އާއި އެކު އައްޑޫ ސްޓްރީޓް ސޯކާ ކަޕް ކާމިޔާބުކުރެވުން އަދި 2024 ވަނަ އަހަރު ގޯލްޑެން ފުޓްސަލް އެޓޯލް އަދި ޒޯން ޗެމްޕިއަންކަން ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އަބަދުވެސް އުފަން ރަށަށް ރީތި ނަމެއް ހޯދައިދީ ފުޓްބޯޅައިގައިި ހިތަދޫގެ ނަން ރަން އަކުރުން ފަވާލުމުގެ ވަރުގަދަ އަޒުމުގައި މަސައްކަތް ކުރަމުން އަންނަ ހަތީ ބުނީ މިހާރު އެންމެ ބޮޑު ޓާގެޓަކީ ގޯލްޑަން ފުޓްސަލް ކަޕްގެ ތަށި އުފުލާލުން ކަމަށެވެ.

ހާޒިމް ފައުޒީ

ހަތީ ގަބޫލުކުރާ ގޮތުގައި އޭނާގެ ކޮންމެ ކާމިޔާބީއެއްގެ އެންމެ ބޮޑު ހިއްސާދާރަކީ އޭނާގެ މަންމައެވެ. ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ދީ އެކަމަށް އެންމެ ބޮޑު ގުރުބާނީއެއްވީ އޭނާގެ މަންމައެވެ.

ހަތީ އަތުގައި ހިފައިގެން މަންމަ އޭނާ ދަނޑަށް ގެންދިއުންވެގެން ދިޔައީ އޭނާގެ ފުޓްބޯޅައިގެ ކެރިއަރުގެ ފެށުމަށެވެ. މިއަދު އެއީ އޭނާގެ މުޅި އާއިލާ އާއި އައްޑޫ ސިޓީ ފަހުރުވެރިވާ ފަދަ މޮޅު ކުޅުންތެރިއެކެވެ. އައްޑޫގައި ބާއްވާ ކޮންމެ މުބާރާތެއްގައި ވިދާލާ ނަމެވެ.