2020 ވަނަ އަހަރު އެކި ދުވަސްމަތިން އަންހެނަކާއި 3 ކުއްޖަކަށް ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގައި 2 މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ޖަލަށްލާން ހުކުމްކޮށްފަައިވަނީ ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއިލް ވަހީދާއި އެ ރަށު ދިލްސާދުއާގެ މުހައްމަދު އަސީލްއެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ކްރިމިނަލް ކޯޓަށް ހުށަހެޅި 12 ދައުވާ ވެސް ސާބިތުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.

އެގޮތުން މުހައްމަދު އަސީލްގެ މައްޗަށް ކުރި 7 ދައުވާ ސާބިތުވެ، އޭނާ ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ 25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އިސްމާއީލް ވަހީދުގެ މައްޗަށް ކުރި 5 ދައުވާ ސާބިތުވެ، އޭނާ 6 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކޮށްފައިވެއެވެ.

މުހައްމަދު އަސީލްގެ މައްޗަށް ސާބިތުވި ދައުވާތަކާއި ކަނޑައެޅުނު އަދަބު:

  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުން - 11 އަހަރަށް ޖަލަށްލުން
  • ކުޑަކުއްޖެއްގެ ހާޒިރުގައި ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުން - 3 އަހަރަށް ޖަލަށްލުން
  • ޖިންސީ ގޯނާކުރުން - 3 އަހަރަށް ޖަލަށްލުން
  • ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުން 3 އަހަރަށް ޖަލަށްލުން
  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން - 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން
  • އަނިޔާއެއް ދިނުން - 2 މަހާއި 12 ދުވަހަށް ޖަލަށްލުން
  • ގައިގައި އަތްލުން - 1 މަހާއި 6 ދުވަހަށް ޖަލަށްލުން

އިސްމާއީލް ވަހީދުގެ މައްޗަށް ސާބިތުވި ދައުވާތަކާއި ކަނޑައެޅުނު އަދަބު:

  • ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށް - 3 އަހަރަށް ޖަލަށްލުން
  • މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓްނުކުރުން -2 އަހަރަށް ޖަލަށްލުން
  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން - 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން
  • ގައިގައި އަތްލުން - 1 މަހާއި 6 ދުވަހަށް ޖަލަށްލުން
  • ގައިގައި އަތްލުން - 0 މަހާއި 6 ދުވަހަށް ޖަލަށްލުން